އެޑިއުކޭޝަނުން މިއަދު ފެށި ބައްދަލުވުން – ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަނުން މިއަދު ފެށި ބައްދަލުވުން – ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ހުރިހާ ސްކޫލެއް ރިވިއު ކުރަނީ

ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ކިޔަވައިދޭ ހުރިހާ ސްކޫލްތަކެއް ކުރިޔަށް އޮތް ތިން އަހަރުތެރޭގައި ރިވިއު ކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

ސްކޫލުތައް ރިވިއުކުރުމަށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ކަނޑައެޅުނު ކޯޑިނޭޓަރުން ތަމްރީނު ކުރުމަށް ބާއްވާ ދެވަނަ ބައްދަލުވުން އިފްތިތާހު ކުރުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބްދުﷲ ނަޒީރު ވިދާޅުވީ ސްކޫލުތައް ރިވިއު ކުރުމުގެ ”ގައުމީ އޮނިގަނޑު“ މިހާރު އެކުލަވާލާ އެއަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.

ޑރ ނަޒީރު ވިދާޅުވީ އެ އޮނިގަނޑުގެ  ދަށުން ތިން ދަރަޖައެއްގެ ރިވިއު މަސައްކަތް ކުރެވޭނެއެވެ. އެއީ ސްކޫލު، އަތޮޅު އަދި މަރުކަޒީ ލެވެލްގެ ރިވިއު ޓީމުތައް ގޮސް ސްކޫލުތައް ރިވިއު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސްކޫލްތައް ރިވިއުކުރުމުގެ މައިގަނޑު ބޭނުމަކީ ސްކޫލު މަދަރުސާތަކުގައި ދެވޭ ތައުލީމުގެ ފެންވަރު ވަޒަންކޮށް މަތިކުރުން ކަމަށެވެ.

އެ މަސައްކަތަށް ކޯޑިނޭޓަރުން ތައްޔާރުކުރުމަށް މިއަދު ފެށި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ ރާއްޖޭގެ ސްކޫލުތައް ރިވިއު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް ރިވިއުގެ މަސައްކަތްތައް ގެންދާނެ ގޮތުގެ އިތުރު މައުލޫމާތާއި ތަމްރީނު ދިނުމެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި މާލެ އާއި އަތޮޅުތެރޭގެ ސްކޫލު މަދުރަސާތަކުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުން ހިމަނައިގެން 32 ފަރާތަކުން ބައިވެރިވެއެވެ. މި ބައްދަލުވުން ކުރިޔަށް ގެންދަނީ ދެދުވަހުގެ މުއްދަތަކަށެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ދެއްވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އިސްވެރިންނާއި އެ މިނިސްޓްރީގެ ކޮލިޓީ އެޝުއަރަންސް ޑިޕާޓުމަންޓުގެ އިސްވެރިންނާއި ރިވިއު ސެކްޝަނުގެ ބޭފުޅުންނެއެވެ.

ރިވިއު ކޯޑިނޭޓަރުންގެ ފުރަތަމަ މަސައްކަތު ބައްދަލުވުން މިއަހަރުގެ ފެބްރުއަރީ މަހުގައި ވަނީ ބާއްވާފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *