ޕީޕީއެމްގެ މެމްބަރު ކަމުން އަހުމަދު ފާރިސް މައުމޫން ވަކިކޮށްފައިވާކަމަށް ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން ބުނެފައިވާއިރު ސުލޫކީ ކޮމިޓީގެ މުގައްރިރު އަލީ ވަހީދަށް، އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް (ޑީއެސްޖީ )އަބްދުލް އަލީމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
11 ޖުލައި ގައި ސުލޫކީ ކޮމިޓީގެ މުގައްރިރު ފޮނުއްވާފައިވާ ސިޓީއަކަށް ޖަވާބުދެއްވައި އަލީމް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެއްވެސް ކަމެއް އޮޅޭގޮތަށް އެއްވެސް ތަނަކަށް ސިޓީ ފޮނުވާއެއް ނުވާނެ ކަމަށާއި 5 މެއި 2013 ގައި ބޭއްވި ޕާޓީ ކައުންސިލްގެ 9 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާ ”ޕީޕީއެމް ސުލޫކީ މައްސަލަތަކާއި ބެހޭ ގަވާއިދު“ގެ ޗެޕްޓަރ 1 ގެ 3 ވަނަ އަދި 4 ވަނަ މާއްދާފައި ބުނާގޮތުން ސުލޫކީ މައްސަލަ ހުށަހަޅަންވާނީ ޕާޓީ އޮފީހަށް ފޯމަކުން ކަމަށެވެ.
”އެހެންކަމުން ކައުންސިލް މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ބެހޭ ސުލޫކީ މައްސަލައެއް މި އޮފީހަށް ހުށަހަޅާފައިވޭތޯ ސުވާލުކުރައްވައި އަލޫގަނޑަށް ފޮނުއްވާފައިވާ ސިޓީގެ ޖަވާބުގައި މި ފަދަ ފޯމެއް މި އޮފީހަށް ލިބިފައި ނުވާ ވާހަކަ ދަންނަވާފައި ވާނެ، މި ހަގީގަތުގައިވެސް މިކަން އޮތް ގޮތް“ ޕީޕީއެމް ޑީއެސްޖީގެ ސިޓީގައި ވެ އެވެ.
”މަނިކުފާނު ތިޔަ ވިދާޅުވާ (ކައުންސިލް މެމްބަރު އަހްމަދު ފާރިސް މައުމޫންގެ) މައްސަލަ ޕާޓީގެ ޕީޖީ ގްރޫޕުން ތިޔަ ކޮމިޓީއަށް ހުށަހަޅާފައިވަނީ ސިޓީއަކުންކަން އަޅުގަނޑަށް އެނގެނީ އެ ސިޓީގެ ކޮޕީއެއް ޕީޖީ ގްރޫޕުން މި ޕާޓީ އޮފީހަށް ފޮނުއްވާފައިވާތީ، ޕީޖީ ގްރޫޕުން ކަމުގައި ވީ ނަމަވެސް ސުލޫކީ މައްސަލަ ހުށަހަޅަންވާނީ ފޯމަކުން މި އޮފީހަށް“ އެ ސިޓީގައި ބުނެފައި ވެ އެވެ.
އެ ސިޓީގައި ބުނެފައިވަނީ ސުލޫކީ ކޮމިޓީއިން ކައުންސިލް މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ސުލޫކީ މައްސަލަ ބެއްލެވީ ކޮމިޓީ މެމްބަރުންގެ އަނގަބަހުން ހުށަހަޅުއްވައިގެން ކަމަށާއި ކޮމިޓީން މި މައްސަލަ ބެއްލިވެކަމަށް ވިދާޅުވެފައިވާ ނަމަވެސް ކޮމިޓީގެ މި ބައްދަލުވުމާއި ބެހޭ އެއްވެސް ރަސްމީ ލިޔުމެއް އޮފީހަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެ ކޮމިޓީ ބައްދަލުވުމުގެ ހާޒިރީއާއި ޔައުމިއްޔާ އާއި ކޮމިޓީއިން ނިންމެވި ގޮތް ރަސްމީކޮށް ލިޔުމުން ލިބިފައި ނުވާތީ ނިންމުން ތަންފީޒު ކޮށްދެވެން ނެތް ކަމަށާއި އަދި މި ބައްދަލުވުމާއި ގުޅޭ ލިޔެކިޔުންތައް ވީ އެންމެ އަވަހަކަށް މި އޮފީހަށް ފޮނުއްވައި ދެއްވުމަށް އެދޭ ކަމަށްވެސް ޕީޕީއެމް ޑީއެސްޖީގެ ސިޓީގައި ވެ އެވެ.