ހުޅުމާލޭ ބާބަކިއު ހަދާ ސަރަހައްދުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިމާރާތް ކުރަމުންދާ ފާހާނާ ބަރި މިމަހު ފަހުކޮޅު ހުޅުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ހުޅުމާލޭ ބާބަކިއު ހަދާ ސަރަހައްދު ތަރައްގީ ކުރުމަށް ހިންގާ މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ލުއި ކާނާ ވިއްކާ ފިހާރައަކާއި ކެފޭއެއްގެ އިތުރުން ފާހާނާ ބަރިއެއް އެޅުމަށް ވަނީ ހަމަޖެހިފައި އެވެ. އެޗްޑީސީން ބުނީ ބުނީ މިހާރު ލުއި ކާނާ ވިއްކާ ފިހާރަ ހުޅުވާފައިވާއިރު ފާހާނާ ބަރީގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ހަދާ ފާހާނާ ބަރީގައި ޖުމްލަ ހަތް ފާހާނަ ހުރެ އެވެ. އެއީ އާންމުންނަށް ބޭނުން ކުރެވޭގޮތަށް ހަދާ ހަ ފާހާނަ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހަދާ ފާހާނާއެކެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި އެޗްޑީސީން ހަދާފައިވާ ކެފޭ ހިންގުމަށް މިހާރު ޓަޕާސް ކިޔާ ކުންފުންޏަކާއި ހަވާލު ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެ އެވެ. އެޗްޑީސީން ބުނީ ހުޅުމާލޭ ބާބަކިއު ހަދާ ސަރަހައްދުގައި އެ ކުންފުނިން ހަދާ މި ތަންތަން ބޭނުން ކުރަން ފެށުމުން އެ ސަރަހައްދު ވެގެންދާނީ އާއިލާއާއި ރައްޓެހިންނާއި އެކު އެތަނަށް ގޮސްއުޅޭ ފަރާތްތަކަށް ހިތްހަމަ ޖެހުން ގެނެސްދޭނެ ތަނަކަށް ކަމަށެވެ.
ހުޅުމާލޭއަކީ ޒުވާނުންނަށް ހާއްސަ ކުރެވިގެން ތަރައްގީ ކުރެވޭ ރަށަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ދާދިފަހުން ހުޅުމާލޭގައި ހުޅުވި ސެންޓްރަލް ޕާކުވަނީ ހިލޭ އިންޓަނެޓް ލިބޭ ތަނަކަށް ހަދާފައެވެ. އަދި ޒުވާނުންނަށް އަމާޒުކޮށްގެން އެ ތަނުގައި ވަނީ ތްރީޑީ އާޓް ފެސްޓިވަލެއްވެސް ކުރިޔަށް ގެންގޮސްފައި އެވެ.