ޒުވާނުންނާ ފުރާވަރުގެ ކުދިން ހަރުދަނާ ބަޔަކަށް ހަދައި، ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، ޤައުމީ މަސައްކަތުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޒުވާނުންނާ ފުރާވަރުގެ ކުދިން ކުށުގެވެށިން ދުރުވެ ހަރުދަނާ ދަރިވަރެއްގެ ގޮތުގައި ދެމިހުރުމަށް މަގުދައްކައިދޭ ޙަރަކާތްތަކެއް ހިމެނޭގޮތަށް ފުލުހުން ކުރިއަށް ގެންދާ ރެޑީ ކޭމްޕު ށ. މިލަންދޫގައި މާދަމާ ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ހާމަކުރާގޮތުގައި މި ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށްށ. މިލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި އެސްކޫލުގެ ގްރޭޑް 8 އަދި 9 ގައި ތަޢުލީމު ހާސިލްކުރާ 111 ދަރިވަރަކު ބައިވެރިވެއެވެ.
ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި މިލަންދޫ ކައުންސިލް އަދި މިލަންދޫ ސްކޫލާއި މިލަންދޫ ސްކޫލުގެ ބެލެނިވެރިންގެ އިތުރުން ފެނައިގެ މިލަންދޫ ބްރާންޗާއި މިލަންދޫ ސިއްޙީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދާނެ ކަމަށް ފުލުހުން ހާމަކުރެ އެވެ.
މިގޮތުން ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާ، ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް އޮޅުންފިލުވައިދެވޭނެ ކަމަށާއި މިއާއެކު އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތު ދިނުމުގެ އިތުރުން މަދްރަސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް ވަނީ މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެ އެވެ.
މީގެއިތުރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި، އަމިއްލަ ސާފުތާހިރުކަމާ ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދިނުމާއި ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާ އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ހަނގާކުރުމުގެ ނުރައްކަލާ ހަނގާ ކުރުމުން ލިބޭ ގެއްލުމާ އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި ކޭމްޕްގެ ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންނަށް ޚާއްސަކޮށްގެން ބެލެނިވެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށާއި ރެޑީ ކޭމްޕަކީ ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް ޒިންމާދާރު އަދި ޤައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އެހީތެރިވެދީ ސިފަވަންތަ ދިރިއުޅުމަކަށް ފުރުޞަތު ހޯދައިދިނުމުގެގޮތުން ފުލުހުންގެ ޕަބްލިކް އެފެއަރޒް ޑިޕާމަންޓާއި އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ހޭންޑް އިން ހޭޑް ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެއް ކަމަށެވެ.