މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ފަރާތްތަކަށް ދިމާވި އެންމެ ހިތާމަވެރި ހާދިސާއަކީ މައްކާގެ ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި ހިނގި ހާދިސާ އެވެ. އެ ހާދިސާގައި 107 މީހަކު ނިޔާވެފައިވާއިރު އެ ހާދިސާގެ ތަހުގީގު ނިންމުމަށްފަހު ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާކަމަށް ސައުދީ ނޫސްތަކުން މިވަނީ ބުނެފަ އެވެ.
ސައުދީ ނޫސްތަކުގައި އިއްޔެ ބުނެފައިވަނީ ސައުދީގެ ސަލާމަތީ ބާރުތަކުން 8 މަސް ދުވަސް ވަންދެން ހިންގި ތަހުގީގެއް ނިންމުމަށްފަހު އެ މައްސަލައިގާ އިހުމާލުވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފިޔަވަޅު އެޅުމަށް ފޮނުވާފައިވާ ފަރާތްތަކުގެ ތެރޭގައި ބައެއް އިންޖިނޭރުންނާއި ސައުދީ ދެ އޮފިޝަލަކުވެސް ހިމެނޭ ކަމަށް ސައުދީ ނޫސްތަކުގައި ބުނެފައިވެ އެވެ.
ސައުދީ ނޫސްތަކުގައިވާގޮތުން ދާދި އަވަހަށް އެ މައްސަލައިގެ އަޑު އެހުންތައް ކޯޓުގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މައްސަލައިގެ ތަހުގީގު އަށް މަސް ދުވަހަށް ދިގުދެމިގެން ގޮސްފައިވާއިރު މި ހާދިސާ ހިނގި އިރު މައްކާ ބިނާކުރުމުގެ ޕްރޮޖެކްޓް ހިންގަމުންދިޔަ ސައުދީ ބިންލާދިން ގްރޫޕް ވަނީ ސަސްޕެންޑް ކުރި އެވެ. އަދި އެ ގްރޫޕްގެ އިސް ވެރިން ގައުމު ދޫކޮށް ދިއުންވެސް މަނާކުރި އެވެ.