ޕާލަމަންޓްރީ ގްރޫޕަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހާ ގުޅޭ މަސައްކަތް ރާވާ ހިންގަން އޮންނަ ގުނަވަނެއް ކަމުގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން އެމަނިކުފާނަށް ފޮނުއްވާފައިވާ ސިޓީއަށް ޖަވާބުދެއްވައި ފޮނުއްވެވި ސިޓީފުޅެއްގަ އވެ.
އެ ސިޓީފުޅުގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 38 (ހ) ގައި ބުނާ ގޮތުން ”ޕާލަމަންޓްރީ ގްރޫޕަކީ ޕާޓީގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ މަޖިލީހާ ގުޅޭ މަސައްކަތްތައް ރާވައި، ވިލަރެސް ކުރުމަށް އެކުލަވާލއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިބި ޕާޓީގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތުން އެކުލަވާލެވޭ ގްރޫޕެއް“ ކަމަށެވެ.
”ވީމާ ޕާލަމަންޓްރީ ގްރޫޕަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހާ ގުޅޭ މަސައްކަތްތައް ރާވާ ހިންގުމަށް އޮންނަ ގުނަވަނެކެވެ. އެހެންކަމުން، މި މާއްދާގެ ބޭރުން ކަންކަން ނިންމެވުމުގެ ހައިސިއްޔަތެއް ޕީ.ޖީ ގްރޫޕަށް ޕާޓީގެ އަސާސީ ގަވާއިދުގައި ލިބިދީފައި ނުވާ ވާހަކަ ދަންނަވަން“ ރައީސް މައުމޫންގެ ސިޓީފުޅުގައި ވެ އެވެ.
އެ ސިޓީފުޅުގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ޕާޓީގެ ތެރޭގައި ހުރި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް އަޅުގަނޑު މަސައްކަތްކުރާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.
އަދި ނިހާންގެ އަރިހުން އެދިފައިވާ ގޮތަށް ޕާލަމަންޓްރީ ގްރޫޕުން ވޭތުވެ ދިޔަ ތަނުގައި ބާއްވާފައިވާ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި، އެ ބައްދަލުވުންތައް ބޭއްވެވި ތާރީހާއި، ތަނާއި، ހާޒިރީއާއި، އަދި އެ ބައްދަލުވުންތަކަށް ހުށަހަޅުއްވައި ނިންމެވި ކަންކަން 14 ޖުލައި ގެ ކުރީން އަޅުގަނޑަށް ފޮނުއްވައިދެއްވުން އެދޭ ކަމުގައިވެސް ރައީސް މައުމޫންގެ ސިޓީފުޅުގައި ވެ އެވެ.
One Response
Thiyaa vaa kameh