ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ދޭންޖެހޭނެކަން ދިވެހި ސަރުކާރަށް އަންގައިދިނުމަށް އެމްޑީޕީން ބައިނަލް އަގުވާމީ މުޖުތަމައުއަށް ގޮވާލައިފި އެވެ.
އެމްޑީޕީއިން އެ ޕާޓީގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބާއްވަން މަސައްކަތް ކުރި ހިނގާލުމަށް ފުލުހުން ވަނީ އަޅައިފަ އެވެ.
އެކަމާއި ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކާއި ޑިމޮކްރެޓިކް ބެސްޓް ޕްރެކްޓިސްގެ ދަށުން އެއްވެ އުޅުމުގެ މިނިވަންކަން ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުން ފަދަ އެންމެ އަސާސީ ހައްގުތައް ރާއްޖޭގައި މިހާރު ދަނީ ނިގުޅައިގަންނަމުން ކަމަށާއި އެ ހައްގުތައް ހުރީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.
ބަޔާނުގައި ބުނީ އެމްޑީޕީން ރޭ ބާއްވަން މަސައްކަތް ކުރި ހިނގާލުމުގެ މާ ކުރިން ސަރުކާރުން ވަނީ، އެމްޑީޕީގެ ހިނގާލުން ހަމަނުޖެހުމެއްގެ ގޮތުގައި ސިފަކޮށްފައި ކަމަށާއި، ސޯޝަލް މީޑިއާގައި ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ފާޅު ކުރި ޝުއޫރުތަކުން އެކަން ހާމަވާ ކަމަށެވެ.
ގްރީން ޒޯނެއް ނޫން ކޮންމެ ސަރަހައްދަކަށް، ކުރިން ހުއްދައެއް ހޯދުމަކާ ނުލައި އެއްވެ އުޅުމުގެ މިނިވަންކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީން ލިބިދީފައިވާއިރު ދިވެހި ސަރުކާރުން ދަނީ ”އާންމު މަސްލަހަތު ހިމާޔަތް ކުރުމުގެ“ ނަމުގައި ކޮންމެ އެއްވުމެއް ވެސް ރޫޅާލަމުން ކަމަށް އެމްޑީޕީން ބުނެ އެވެ.
އެ ޕާޓީގެ ބަޔާނުގައި ވަނީ އިދިކޮޅު ފަރާތްތަކަށް އެއްވެ އުޅުމުގެ މިނިވަންކަން ނުލިބުނު ނަމަވެސް ސަރުކާރާއި ސަރުކާރާ ގުޅުންހުރި ފަރާތްތަކުން މަގުތަކުގައި އާންމު އެއްވުންތައް ބޭއްވުމުގެ ފުރުސަތު ލިބޭ ކަމަށް ބުނެ އެވެ.
އެހެންކަމުން އެ ހައްގުތައް ހޯދުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. އަދި ރައްޔިތުންގެ ބޭނުންތަކާއި އަޑުތައް ކަނޑުވާލުމަކީ ކަންކަން ވަރަށް ގޯސް ހިސާބަކަށް ދިއުންކަން ރައީސް ޔާމީންގެ ސަރުކާރަށް އަންގައިދިނުމުގައި އެހީތެރިވެދިނުމަށް އެ ބަޔާނުގައި އެދިފައިވެ އެވެ.