މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފިއެވެ.
މި ލައިސަންސް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއި ކުރެއްވީ މުޅި ރާއްޖެއަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ހަވާލުކޮށްދެއްވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބުއެވެ. ވެސާޖިއޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލައިސަންސާ ހަވާލުވެވަޑައިގަތީ އެކުންފުނީގެ ޑިރެކްޓަރ އަހުމަދު އާދަމްއެވެ.
މި ރަސްމިއްޔާތުަގއި ވާހަކަ ދައްކަވަމުން މޯލްޑިވްސް ބްރޯޑް ކާސްޓިންގ ގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވީ ކޮމިޝަނުން ބޭނުންވަނީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދޭ ރީބްރޯޑްކާސްޓަރުންތަކެއް މި ދާއިރާގައި ހަރަކާތްތެރިވުން ކަމަށެވެ. އަދި ވެސާޖިއޯ ޕްރައިވެޓް ލިމިޓެޑުންވެސް ހެޔޮ އަގެއްގައި ގިނަ ޚިދުމަތްތަކަކާއެކު ވީހާވެސް އަވަހަށް މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ވެސާޖިއޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ވިޝާމް މުހައްމަދު މަނިކާއި ޑިރެކްޓަރ އަހުމަދު އާދަމްއެވެ. ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަން ރައީސް އާއި ކޮމިޝަންގެ މެމްބަރު އިސްމާއީލް ސަފްވާނާއި ޒީނާ ޒާހިރާއި އާމިނަތު ސަރާހަތު އިއްޒަތާއި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހްއެވެ.
ރީބްރޯޑްކާސްޓިންގ ގެ ޚިދުމަތް މުޅި ރާއްޖެއަށް ދިނުމަށް މިހާތަނަށް ވެސާޖިއޯ ޕްރައިވެޓް ލިމިޓެޑާ އެކު 5 ފަރާތަކަށްލައިސަންސް ދޫކޮށްފައިވާ އިރު، އަތޮޅުތަކާއި އެކި އެކި ރަށްރަށަށް ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދިނުމަށް 111 ފަރާތަކަށްވެސް ކޮމިޝަނުން ވަނީ ލައިސަންސް ދޫކޮށްފައެވެ.