ރާއްޖޭގެ އެއްވެސް ކޯޓަކުން ކުރާ ހުކުމެއް ބާތިލުކަމަށް އަންގައި އެއަށް އަމަލު ނުކުރުމަށް އަންގާނަމަ ދައުލަތުގެ ބަންޑާރަ ނާއިބް ކަމުގައި ވިޔަސް ފިޔަވަޅު އަޅާނެކަމަށް ސިވިލް ކޯޓުން އަންގައިފި އެވެ.
ސިވިލް ކޯޓުން މިގޮތަށް އޭޖީ އޮފީހަށް އެންގީ ހަވީރު ނޫހުގައި މަސައްކަތްކުރި މުވައްޒަފުންނަށް ދެ އަހަރުވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް އަންގައި ސިވިލް ކޯޓުން ކުރި ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ބުނެ އޭޖީ އޮފީހުން ނެރުނު ބަޔާނާއި ގުޅިގެންނެވެ.
ބަންޑާރަ ނައިބަށް ސިވިލް ކޯޓުން މިއަދު އެންގި އެންގުމެއްގައި ވަނީ 13 ކަމެއް ފާހަގަކޮށްފަ އެވެ.
ބަންޑާރަ ނާއިބަށް ކޯޓުން އަންގާފައިވާ އެންގުމުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ކޯޓު ހުކުމަކަށް އަމަލު ނުކުރުމަށް އެންގުމުގެ ބާރު ޝަރުއީ ކޯޓުތައް ފިޔަވައި އެހެން ބަޔަކަށް ލިބިގެން ނުވާކަން ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އިން އެގެން އޮންނަ ކަމަށް ބުނެފަ ވެއެވެ.
އެ އެންގުމުގައިވަނީ ކޯޓުން ކުރާ ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ދަށު ކޯޓުން ކުރާ ހުކުމަށް އަމަލުކޮށް ތަންފީޒު ކުރަންޖެހޭނެކަމަށެވެ. އަދި އެގޮތަށް އަމަލު ނުކޮށްފިނަމަ އެއީ ދަށު ކޯޓުގެ ހުކުމް ތަންފީޒު ނުވެ ހިނގައިދާނެ ކަމެއްގެ ގޮތުގައި މީގެ ކުރިން ބަންޑާރަ ނާއިބް ބަލައިގެންފައިވާ ކަމެއްކަމަށް ފާހަގަކޮށްފައިވެ އެވެ.
ކޯޓު ހުކުމްތައް އިސްތިއުނާފުކޮށް އިސްތިއުނާފީ މަރުހަލާ އިން ހުކުމްތަކަށް ތާއީދުކޮށް ނުވަތަ ބާތިލުކޮށް ނުވަތަ އަލުން ބެލުމަށް ދަށުކޯޓަށް އަމުރުކުރުމުގެ އުސޫލުތަކަކީ ފަންޑިޔާރުންގެ ނިންމުންތައް ވަރުގަދަވެ ފުރިހަމަވާކަމެއް ކަމުގައި ކޯޓުން ބަލައިގެންފައިވާ ކަމަށެވެ. އަދި ހަވީރުގެ މުވައްޒަފުންގެ މައްޗަށް އަމުރުކޮށް ސިވިލް ކޯޓުން ކުރި ހުކުމް ވެސް ”ވަކި ހާއްސަވެގެން ނުވާކަން“ އެނގޭ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
ހަވީރުގެ މުވައްޒަފުންނަށް ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ނިންމައި އެ އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައި ވަނީ އާންމު އުސޫލާ ހިލާފަށް ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ބުނެފަ އެވެ. އެއީ މީގެ ކުރިން ވެސް ބަންޑާރަނައިބުގެ އޮފީހުން އިސްތިއުނާފު ކުރާ މައްސަލަތައް ވެބްސައިޓުގައި އާންމު ނުކުރާކަމަށް ވަނީ ބުނެފަ އެވެ.
ސިވިލް ކޯޓުގެ އެ އެންގުމުގައި އިތުރަށް ބުނެފައިވަނީ ހަވީރުގެ މި މައްސަލައިގަ ބަންޑާރަ ނާއިބް މަސްލަހަތު ހިމާޔަތް ކުރައްވަން އުޅުންވަނީ ހަމަހަމަކަމާއި އަދުލުވެރިކަމުން ބޭރުން ކަމަށެވެ. އެއީ މީގެ ކުރިންވެސް އާންމު ފަރުދުންގެ މެދުގައި އުފެދިފައިވާ މައްސަލަތަކާ ގުޅިގެން ސިވިލް ކޯޓުން ހުކުމް ކޮށްފައިވީ ނަމަވެސް ބަންޑާރަނައިބު އެ މައްސަލަތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް އުޅުއްވާފައިނުވާތީ އެވެ.
ސިވިލް ކޯޓުން ބުނެފައި ވަނީ އެކޯޓުން ކުރާ ހުކުމްތަކާއި ނިންމާ ނިންމުންތަކާ މެދު އާންމުގެ މެދުގައި ނަފްރަތެއް އުފެދި ނުކިޔަމަންތެރިކަމަށް މަގުފަހިވާ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓަން ޖެހޭ ކަމަށެވެ
އަދި އެކަން އެގޮތަށް ކުރާނަމަ އަޅާނެ ފިޔަވަޅުތަކާއި ގޮތްތައް ގާނޫނުތަކާއި ޝަރީއަތްކުރުމުގެ ގަވާއިދުގެ ތެރޭގަޔާއި ފަނޑިޔާރުން ގެންގުޅޭ ހަމަތަކުގެ ތެރޭގައި ހުރިކަމާއި ކޯޓުން ކުރާ ހުކުމެއް ކޯޓުން ތަންފީޒު ކުރުމުގައި ކޯޓުތަކަށް ގޮތް ހުސް ނުވާނެކަމަށް އެންގުމުގައިވެ އެވެ.
ކޯޓުތަކުގައި ހިނގަމުންދާ މައްސަލައެއް ތަންފީޒުނުވެ އިސްތިއުނާފީ މަރުހަލާގެ މަގުމަތީގައި ވަނިކޮށް އެމައްސަލައެއް ނުފޫޒެއް ނުވަތަ އެފަދަ ބާރެއް ފޯރުވޭނެ ގޮތަކަށް ނުވަތަ ކޯޓުގެ ހުރުމަތް ކެނޑިދާނެ ގޮތަކަށް ކޯޓުގެ ހުކުމްތަކަށް ތަބާ ނުވާނަމަ އެފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މެދު ވިޔަވަޅު އަޅާނެ ކަމަށާއި އެއީ ދައުލަތުގެ ބަންޑާރަނައިބެއްކަމަކު އިސްތިސްނާ ނުވާނެ ކަމަށް ސިވިލް ކޯތުން ވަނީ ބަންޑާރަ ނާއިބަށް އަންގާފަ އެވެ.