ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނު މިއަދު އިސްލާހު ކޮށްފައިވާއިރު މީހުންގެ ހައްގުތަަކށް އަރައިގަންނަ މީހުންގެ ހައްގުތަށް އުނިކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމަތީ ބޮޑުމަގު ހެދުމުގެ މަސްރޫއު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމަށް ފޮނަދޫގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަދަކީ ގިނަގޮތްގޮތަކުން ހާއްސަ ދުވަހެއް ކަމަށެވެ. އެގޮތުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް ދެއްވި ކަމަށްޓަކާ މެމްބަރުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާ ކުރައްވާކަމަށް ވިދާޅުވިއެވެ.
”ތޫނު ހަތިޔާރު ބޭނުން ކުރުމާއި ކުށްކުރުން އޮތީ ހައްދު ފަހަނަ އަޅާ ގޮސްފައި، ސަރުކާރުގެ އަމާޒަކަށްވީ މިކަންކަން ހުއްޓުވުން، މި ބިލު އިސްލާހުވެ ފާސްވެގެން ދިއުމީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، ކުރިންވެސް މި ގާނޫނު އޮތް އެކަމު އޭރު ބޭނުންވާ މިންވަރަށް ކުށްތައް ނުހުއްޓުވޭ“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަނު ހުރުމުގެ ހައްގާއި ބަންދުގެ މުއްދަތުގެ ހައްގާއި މެދެ ވިސްނާލަން ޖެހޭ ކަމަށާއި ރައްޔިތުންގެ މަންދޫބުންގެ މަސްއޫލިއްޔަތަކީ އާބާދީގެ ބޮޑުބަޔަކީ މައުސޫމު ބައެއް ކަމަށްވާއިރު އެ ފަރާތްތައް ހިމާޔަތް ކުރެއްވުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ހައްދުންމަތީ ބޮޑު މަގު ހެދުމުގެ މަސްރޫއު ރަސްމީކޮށް ފެށިގެންދާއިރު އެ ސަރަހައްދަށް ތަރައްގީ އައުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުން އެ ސަރަހައްދުގައި އިންވެސްޓް ކުރަން އަންނަ އިރު އެ ފަރާތްތަކުގެ ސަލާމަތާއި ރަށްކާތެރިކަމަށް އެ ފަރާތަތްއް ވަރަށް ބޮޑަށް ވިސްނާނެ ކަމަށްވެސް ވިދާޅުވިއެވެ.