އިޢުލާން ކުރުމާއިނުލާ ރަށްތައް ކުއްޔަށް ދޫކުރެވޭގޮތަށް ޓޫރިޒަމާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަސްދީގު ކުރައްވައިފިއެވެ.
ޓޫރިޒަމާބެހޭ ޤާނޫނަށް ގެނައި އަށްވަނަ އިސްލާހުގެ ގޮތުގައި ބީލަމާއި ނުލައި ރަށްތައް ދޫކުރެވޭ ގޮތަށް ފާސްކުރި އިސްލާހުގެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައެވެ.
މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން ޢާންމުކޮށް އިޢިލާނު ކުރުމަކާއިނުލައި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިން، ނުވަތަ ފަޅު ކުއްޔަށް ދޫކުރާނެ އުސޫލުތައް ކަނޑައެޅޭނެއެވެ. މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު މި އިސްލާހު މަޖިލީހުން ފާސްކުރި އިރު، މިޤާނޫނާއެކު ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްތަކާއި ބިން ނުވަތަ ފަޅުތައް ޢާންމުކޮށް އިޢުލާން ނުކޮށް ދޫކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީ އަށް ލިބިގެންދާނެއެވެ.
އަދި އެތަނެއް ދޫކުރެވޭ ފަރާތެއްގައި ހުންނަން ޖެހޭ ހަމައެކަނި ޝަރުތުތަކަކީ އެތަނެއްގައި ހިންގަން ހުށަހަޅައި މަޝްރޫޢު ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނަކަށްވުމާއި މިނިސްޓްރީން ކަނޑައަޅައި އެކުއިޒިޝަން ފީ އެކީ އެއްފަހަރައި ދައްކާފައިވުމާއި އެފަރާތަކީ ރަށްރަށާއި ބިން ނުވަތަ ފަޅުގައި ހިންގަން ހުށަހަޅާފައިވާ މަޝްރޫޢު ހިންގުމަށް މާލީ ގޮތުން ޤާބިލް މީހަކަށްވުމެވެ.
އެ ބިލުގެ ދަށުން ރަށްތައް ދޫކުރެވޭނެ އުސޫލެއް އެކުލަވާލައި ޢާންމު ކުރަން ޖެހޭ އިރު، އެ އުސޫލުން ބޭރުން ރަށްތައް ނުދެވޭ އިރު، މީގެ އިތުރަށް ކުއްޔަށް ދޭ ތަންތަނުގެ ފުރިހަމަ ތަފްސީލްތައް އޭސީސީ އާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅާ، ރައީސް އޮފީހުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ހޯދަންޖެހެއެވެ.
އަދި ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިން އަތުން ހޭދަކުރާ ކޮންމެ ދުވަހަކަށް 3 ޑޮލަރު ގްރީން ޓެކްސް ގޮތުގައި ނެގުމަށާއި ގެޒެޓްގައި ޝާއިއު ކުރުމަށް ފަހުވެސް ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގާނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެން ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.