މިއަދު ދުނިޔޭގެ އެންމެ ހޫނު ހަބަރު: ފުލުހަކު އާއްމުންގެ މީހަކު މަރާލާ މަންޒަރު ފޭސްބުކްގައި ލައިވްކުރުން !

ބައިނަލްއަގްވާމީ މީޑިއާތަކުގެ ފަލަ ސުރުހީތައް ބަލާލާއިރު މިއަދު ފެންނަނީ މި ހަބަރާއި އަދި މި ހަބަރާއި ގުޅިގެން އަންނަ އިތުރު ހަބަރުތަކެވެ. އިއްޔެ އެމެރިކާގެ މިނެސޯޓާގައި ފުލުހަކު ކަޅު ނަސްލުގެ އާއިލާއެއް ކާރުގައި ދަނިކޮށް ހުއްޓުވާ ކާރުގައި އިން ކަޅު ނަސްލުގެ ފިރިހެންމީހާގެ މެޔަށް ބަޑިޖެހި އިރު ކާރު ދުއްވަންއިން އޭނާގެ ލޯބިވެރިޔާ ވަނީ އެ މަންޒަރުތައް ފޭސްބުކްލައި ލައިވް ކޮށްފަ އެވެ. އެ ދެމީހުންގެ، އުމުރުން ހަތަރު އަހަރުގެ ދަރި ފަހަތު ސީޓުގައި އިނެވެ.

މަރާލާފައިވަނީ ފިލާންޑޯ ކާސްޓައިލް ކިޔާ މީހެކެވެ، ފޭސްބުކްގައި މި މަންޒަރުތައް ލައިވްކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ޑަޔަމަންޑް (ލަވިޝް) ރޭނަލްޑް އެވެ.

ފޭސްބުކުން މި ވީޑިއޯ މިހާރު ޑިލީޓްކޮށްފައިވީނަމަވެސް މި ވީޑިއޯގެ ކޮޕީ ޔޫޓިއުބްގައި ސޯޝަލް މީޑީއާގެ ޕްލެޓްފޯމްތަކުގައި އަންނަނީ ދައުރުވަމުންނެވެ.

އެ އަންހެންމީހާ ބުނެފައިވަނީ ފުލުސްމީހާ ފިލާންޑޯގެ މެޔަށް ބަޑިޖެހީ އޭނާގެ ވޮލެޓް ނަގަން ޖީބަށް އަތްލި ވަގުތު ކަމަށެވެ. ފިލާންޑޯ އަތުގައި ފިސްތޯލައެއް އޮތް ނަމަވެސް ފިލާންޑޯ އެވަގުތު މަސައްކަތްކުރީ ފިސްތޯލަ ނަގަން ނޫން ކަމަށް އެ އަންހެންމީހާ ބުނެފައި ވެ އެވެ.

”އައިޑީ ދައްކަން ވޮލެޓް ނަގަން ޖީބަށް އަތްލި ވަގުތު މެއަށް ހަތަރު ވަޒަން ޖަހައިފި“ އެ އަންހެންމީހާ ބުނެފައި ވެއެވެ.

އެ ވީޑިއޯގައި ފުލުސްމީހާގެ މޫނު ނުފެނުނު ނަމަވެސް އެ އަންހެންމީހާ ބުނެފައިވާގޮތުގައި އެ ފުލުސްމީހާއަކީ މިނެސޯޓާގެ ރޯޒްވިލް ޕޮލިސް ޑީޕާޓްމެންޓްގައި މަސައްކަތްކުރާ ފުލުހެކެވެ. ރޯސްވިލް ޕޮލިސް ޑިޕާޓްމެންޓުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭނާއާއިމެދު އެއްވެސް ފިޔަވަޅެއް އެޅިކަން ކަށަވަރެއް ނުވެ އެވެ.

މި މަރާއި ގުޅިގެން މިނެސޯޓާގައި މުޒާހަރާކުރަމުން އަންނައިރު މިކަމާއިގުޅިގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

މި ހަފްތާގެ ތެރޭގައި ފުލުހުންގެ ހަމަލާގައި ކަޅު ނަސްލުގެ ދެމީހަކު މަރާލާފައިވާއިރު އޮބާމާ ވިދާޅުވީ ”އަހަރުމެންނަކީ މިއަށްވުރެ ތަސައްރަފު ފުދިފައިވާ“ ބައެއް ކަމަށެވެ.

އޮބާމާ ވިދާޅުވީ މިއީ ހަމައެކަނި ކަޅުނަސްލުގެ މީހުންގެ މައްސަލައެއް ނޫން ކަމަށާއި މިއީ ގައުމީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިކަމާ ސަމާލުވާން ޖެހޭ ކަމަށެވެ.

މި މަރާއި ގުޅިގެން ފޭސްބުކްގެ ބާނީ މާކް ޒަކަބާގްވެސް ވަނީ އޭނާގެ ހިޔާލު ފާޅުކޮށްފަ އެވެ. އޭނާ ބުނެފައިވަނީ މި މަންޒަރުފެނި އަސަރުކުރި އެންމެންނާ ބައިވެރިވާ ކަމަށާއި އަދި މީގެ ފަހުން ފޭސްބުކްގައި ލައިވްކޮށް މިފަދަ ވީޑިއޯއެއް ފެނިގެން ނުދާނެކަމަށް އުންމީދުކުރާ ކަމަށްވެސް މާކް ޒަކަބާގް ބުނެފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *