ކެއުމުގައި އަޅުގަނޑުމެން ބޭނުންކުރާ ލޮނުގައި އަޔޮޑިން ބޭނުންކުރަން ފެށީ ކީއްވެގެންކަން އެނގޭހެއްޔެވެ. ތާރީހަށް ބަލާލާއިރު މިކަން ފުރަތަމަ ކޮށްފައިވަނީ ސްވިޒަލެންޑްގަ އެވެ. އެ ގައުމުގައި މިކަން ކުރަން ފެށީ އެގައުމުގެ ރައްޔިތުން އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ކެއުންތަކުގައި އަޔޮޑިން މަދުވުމުން ދިމާވާ ސިއްހީ މައްސަލަތަކަށް ނިމުމެއް ގެނައުމުގެ ގޮތުންނެވެ. އެއީ 1900 ގެ ކުރީގެ އަހަރުތަކުގަ އެވެ.
އޭރު އެމީހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ކެއުމުގައި ބޭނުންކުރާ ލޮނަކީ އާންމުގޮތެއްގައި ކެއުންތަށް ތައްޔާރުކުރުމުގައި ބޭނުންކުރާ އިންގްރިޑިއަންޓަކަށް ވާއިރު ލޮނަށް އަޔޮޑިން އެއްކޮށްފިނަމަ އަޔޮޑިން މަދުވުމުން ދިމާވާ ސިއްހީ މައްސަލަތަކަށް ނިމުމެއް ގެނެވިދާނެ ކަމަށެވެ.
މިކަން ސްވިސް އިން ކުރުމާއެކު އެމެރިކާއިންވެސް މިކަން ކޮޕީ ކުރި އެވެ. އަދި އެކަމަކީ އެންމެ ފުރަތަމަ އެމެރިކާ މީހުން ކުރަންފެށި ކަމެއްކަމަށް ހަދަންވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ތާރީހު ހެކިދޭގޮތުގައި އެމެރިކާމީހުން މިކަން ފަށާފައިވަނީ ސްވިޒަލޭންޑަށްވުރެ ތިން އަހަރު ފަހުންނެވެ.
ސްވިޒަލެންޑާއި އެމެރިކާއަށްފަހު މަޑުމަޑުން މިއާދަ ދުނިޔެއަށް ފެތުރެންފެށި މިއަދު ދުނިޔޭގެ މާކެޓްގައި 90 އިންސައްތަ ލޮނަކީ އަޔޮޑައިޒްޑް ލޮނުކަން ފާހަގަކޮށްލެވެ އެވެ.
ނޯޓް: އެނގޭތަ!؟ ނަމުގައި ދުވަހުން މި ފަށާ ސެގްމެންޓްގައި ކޮންމެ ދުވަހަކުވެސް ތަފާތު މަޢޫލޫމާތުކޮޅެއް ދުވަހުގެ ކިޔުންތެރީންނާއި ހަމައަށް ހިއްސާ ކޮށްލެވޭނެ އެވެ.