ފ. ނިލަންދޫ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުއް ޝަބާބުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދީފިއެވެ.
ނިލަންދޫ ޝަބާބު ޖަމިއްޔާ އިސްނަގައިގެން ފ.ނިލަންދޫ ޒުވާނުންގެ މަރުކަޒާއި ނިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ބޭއްވި މި މުބާރާތްތަކުގެ ވަނަވަނއަށް އައި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ފ. އަތޮޅު ކައުންސިލުގެ ޒިންމާދާރު ވެރިޔާ ޑިރެކްޓަރ ޖެނެރަލް މުޙަންމަދު ޖަލީލުއެވެ. އަދި މި ރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރ ޢަބްދުލްޙަމީދު މުޙްޞިން (ޖޭފޯރ) އާއި ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙަސަން ޝިފާޢު އާއި ނިލަންދޫގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
ނިލަންދޫ ރައްޔިތުންނަކީ ޤުރުއާނަށް އަހުލުވެރި ރީތިކޮށް އެކިރާގުތަކަށް ކިޔަވަންއެނގޭ ތަޖުވީދުގެ ޙުކުމްތަކަށް ރައްކާތެރިވެގެން ކިޔަވަން ދަންނަ އަދި ވާދަވެރި މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބު ހޯދޭނެ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ބޭއްވި މި މުބާރާތަކީ 18 އަހަރުންމަތީގެ ފަރާތްތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ.
މުބާރާތުގެ ވަނަތައް:
- މުޅި މުބާރާތުން ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ގޮފި އެއްކޮށް 1 ވަނަ: އިސްމާޢިލް ޢުމަރު. 2ވަނަ ޢަބްދުއްރައްޒާޤު މުޙަންމަދު. 3 ވަނަ ހޯދީ ޢަބްދުއްލަޠީފް އިބްރާހިމް.
- 18 އަހަރާއި 24 އަހަރާއި ދެމެދުގެ ޢުމުރުފުރާ: 1ވަނަ އައިމިނަތު މާހިރާ. 2ވަނަ އަޙްމަދު މުޖުތަބާ އަދި 3 ވަނަ ހޯދީ ފާތުމަތު އިނާޔާ.
- 25 އަހަރާއި 34 އަހަރާއި ދެމެދުގެ ބަލައިގެން ކިޔުން: 1 ވަނަ ޙަބީބާ އަޙްމަދު. 2 ވަނަ ނަޖުމުއްނިސާ ހަސަން. 3 ވަނަ ޝިރުމީނާ އިސްމާޢިލް.
- 35 އަހަރުން މަތި ބަލައިގެން ކިޔުން: 1 ވަނަ ޢަބްދުއްރައްޒާޤު މުޙަންމަދު. 2 ވަނަ އިސްމާޢިލް ޢުމަރު. 3 ވަނަ ޢަބްދުއްލަޠީފް އިބްރާހިމް.
- 35 އަހަރުން މަތި ނުބަލާ ކިޔުން: 1 ވަނަ އިސްމާޢިލް ޢުމަރު. 2 ވަނަ ޢަބްދުއްރައްޒާޤު މުޙަންމަދު. 3 ވަނަ ޖަމީލާ އިބްރާހިމް.
- ހުރިހާ ޢުމުރުފުރާއެއްކޮށް ބަލައިގެން ކިޔުން: 1 ވަނަ ޢަބްދުއްރައްޒާޤު މުޙަންމަދު. 2 ވަނަ އިސްމާޢިލް ޢުމަރު. 3 ވަނަ ޢަބްދުއްލަޠީފް އިބްރާހިމް.
ޤުރްއާން މުބާރާތުގެ އިތުރުން އެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ދީނީ ސުވާލު މުބާރާތުގެ ނަތީޖާވެސް ވަނީ ފާޅުކޮށް، އިނާމު ދީފައެވެ. މި މުބާރާތުގައި 3 ފަރާތެއް އެއްވަރުވުމުން 1 ވަނަ ފަރާތް ހޮވާފައިވަނީ ގުރުއަތުންނެވެ.
ޝަބާބު ޖަމްޢިއްޔާއިން މަޢުލޫމާތު ދިން ގޮތުގައި މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރަމަޟާންމަހު ބޭއްވަމުން އަންނަ މި މުބާރާތް ދުރުނޫން މުސްތަޤްބަލެއްގައި މުޅި ފ.އަތޮޅަށް ހުޅުވާލުމަށް ވަނީ ޤަޞްތު ކޮށްފައިވާ އިރު، ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުން އަންނަކަމަށް އެޖަމްޢިއްޔާއިން ބުނޭ.