ދީޕިކާ އާއި ރަންވީރު އުޅެނީ ސިއްރުން އެންގޭޖްވެގެން؟!

ބޮލީވުޑްގެ ޖޯޑްތަކުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ މެދުގައި މަޤްބޫލު ޖޯޑަކަށް މިހާރު ވެފައިމިވަނީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގ އެވެ. ދީޕިކާ ފަހަތުން ރަންވީރު އުޅޭއުޅުމަކީ ގިނަބަޔަކު ޝައުގުވެރިކަމާއެކު ބަލަމުން އަންނަކަމެކެވެ. މީގެކުރިން މުޅިންހެންވެސް ފެނިފައިވަނީ ރަންވީރު ދީޕިކާ ދެކެލޯބިވާ ވަރު ހާމަކޮށްދޭ ތަނެވެ. އެހެންނަމަވެސް މިފަހަކަށް އައިސް މަންޒަރު ބަދަލުވަމުންދާތަން ވަނީ ފެންނަން ފަށާފައެވެ. މިފަހަކަށް އައިސް ދީޕިކާވެސް އަންނަނީ ދީޕިކާގެ ހިތުގައި ރަންވީރު އަށްއޮތް ލޯބި އެކިގޮތްގޮތުން ފާޅުކުރަމުންނެވެ.

މަންޒަރު މިގޮތަށް ބަދަލުވާންފަށާފައިމިވަނީ މިދެމީހުން އެންގޭޖްވެގެން އުޅޭތީކަމަށް ވެދާނެބާއެވެ؟ ބޮލީވުޑް ރިޕޯޓްތައް ބުނާގޮތުން ދީޕިކާ އާއި ރަންވީރު ވަނީ މިއަހަރު ކުރީކޮޅު ސިއްރުން އެންގޭޖްވެފައެވެ. އެންގޭޖްވެފައިވީނަމަވެސް އަދި ކައިވެނި އުޅެނީ އެހާކައިރިއަކު ނޫނެވެ. ރިޕޯޓްތައް ބުނާގޮތުން ކައިވެންޏަކާ ހަމައަށް ދިޔުމަށް ދީޕިކާ އަދި ދެ އަހަރު ދުވަސް ބޭނުންވެއެވެ. އެހެންކަމުން އަދި މިދެތަރިންގެ ކައިވެނި އެހާއަވަހަށް ފެނިގެންނެއް ނުދާނެއެވެ.

މީގެކުޑަދުވަސްކޮޅެއް ކުރިން މިދެމީހުން ރުޅިވެގެން އުޅޭ ވާހަކަތަކެއްވެސް މީޑިޔާއަށް ވަނީ ފެންމަތިވެފައެވެ. އެވާހަކަތަކަށް ޖަވާބުދެމުން ދީޕިކާ ބުނެފައިވަނީ ރަންވީރުއަކީ ދީޕިކާގެ ދިރިއުޅުމުގައި އަބަދުވެސް މުހިންމު މީހެއްކަމަށާއި އެކަން ދުވަހަކުވެސް ބަދަލު ނުވާނެކަމަށެވެ. އަނެއްކޮޅުން ބަލާއިރު ދެމީހުންގެ ބިޒީ ޝެޑިޔުލްގެ ސަބަބުން މިފަހަކަށް އައިސް ދެމީހުން އެކަކު އަނެކަކާ މާގިނައިން ބަައްދަލުވާގޮތްވަނީ ނުވެފައެވެ. އެހެންނަމަވެސް ދެމީހުން ވަރަށް އަވަހަށް ޔޫރަޕަށް ޗުއްޓީ ހޭދަކުރުމަށް ދާންއުޅޭ ވާހަކަތަކެއްވެސް ވަނީ ދެކެވިފައެވެ. ރިޕޯޓްތައް ބުނާގޮތުން މިޗުއްޓީގައި ދެމީހުންގެ އާއިލާވެސް ބައިވެރިވާނެއެވެ. ފަހަރެއްގައި މިކަންކަމަކީ ދެމީހުންގެ ގުޅުން އެހެން ހަރުފަތަކަށް ގެންގޮސްފައިވާކަމުގެ ނިޝާންތަކަކަށްވެސް ވެދާނެއެވެ. މިސިއްރު އެންގޭޖްމެންޓާ ގުޅޭގޮތުން އަދި މިހާތަނަށް ދެތަރިން ކުރެ އެކަކުވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *