މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަށްވުރެ މިއަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 10 އިންސައްތަ އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުދައްކާގޮތުން މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ރާއްޖެއަށް 901،004 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 818،275 ފަތުރުވެރިންނެވެ.
މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޭޝިޔާ ސަރަހައްދުންނެވެ. އެގޮތުން 450،296 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލައިރު 17.3 އިންސައްތައިގެ ކުރި އެރުމެކެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ވިލާތުގެ ގައުމުތަކުންނެވެ. އެގޮތުން 386914 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެއީ މިދިޔަ އަހަރަށްވުރެ 1.6 އިންސައްތައިގެ ކުރި އެރުމެކެވެ.
ތަފާސް ހިސާބު ދައްކާގޮތުން މިފަހަކަށް އައިސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއިން މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 286،838 ފަތުރުވެރިންނެވެ. އަދި ހަމަ އެކަނި މިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް 34،425 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް 95،114 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރާއި އަޅާ ބަލާއިރު 1.3 އިންސައްތަ އިތުރު އަދަދެކެވެ.