އިބްރާހިމް ރަމީޒޭ ބުނުމުން ގިނަ ބަޔަކަށް ނޭނގިދާނެއެވެ. އެހެން ނަމަވެސް އިބޭ އޭބުނުމުން އެއީ ކާކުކަން އިނގޭނެ މީހުން މިހާރުވެސް ވަރަށް ގިނަވާނެއެވެ. އާދެ! ދައްކަން މިއުޅެނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު ލަވަކިޔުމާއި ދުރުގައި ހުރި އިބޭގެ ވާހަކައެވެ. އިބޭ މިއުޒިކާ ދުރުވެ މަސައްކަތް ކުރަން ފެށީ މީޑިއާ ދާއިރާގައެވެ. އެގޮތުން އިބޭވަނީ ރޭޑިއޯ އެޓޯލްގައި 7 އަހަރަށް ވުރެ ގިނަ ދުވަހު މަސއްކަތްކޮށް، ޕްރޮގްރާމްތައް އުފައްދާ އަދި ހުށަހަޅާ ގިނަ ބައެއްގެ ރުހުމާއި ލޯބި ހޯދާފައެވެ. އަދިވެސް ދައްކަން މިއުޅެނީ ވަޒީފާގެ ވާހަކައެއް ނޫނެވެ. މިގޮތަށް މާގިނަ ވާހަކަ ދައްކަން ވެއްޖިއްޔާ ކިޔުންތެރިންނަށް އޮޅުން އަރާފާނެއެވެ. އެހެންވެ، އަސްލު މަޢުލޫއަށް ދާނަމެވެ. ދައްކަން މިއުޅެނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ރަމަޟާން މަހުގެ ރޭތައް ދިރުވާ އާލާ ކުރުމަށް ބާއްވާ ޖަލްސާތައް ފޯރަމަކަށް ބަދަލުކުރުން، ޒުވާނުންގެ ވައިގައި ހިއްޕުވާލި އިބޭގެ ވާހަކައެވެ.
އިބޭ ބުނާގޮތުގައި ޖަލްސާތައް ފޯރަމަކަށް ބަދަލުކުރަން ނިންމީ އަޑުއަހަން އަންނަ މީހުންގެ ބައިވެރިވުން ވީހާވެސް ބޮޑަކަށް ބައިވެރި ކުރުމެވެ. ކުރީގައި ޖަލްސާތައް އޮންނަނީ ހަމައެކަނި ޕޯޑިއަމް ކައިރީ ހުރެގެން ދީނީ ނަޞޭހަތް ދިނުން އެގޮތް އެއިރަށް ވަރަށް ކަމުދިޔަނަމަވެސް ޒަމާނަށް އަންނަ ބަދަލާގުޅިގެން ޒަމާނާއި އެއްގޮތަށް އެކަންވެސް ބަދަލުވާން ޖެހޭކަމަށް އިބޭ ޤަބޫލު ކުރިއެވެ. އެހެންވެ، މިނިސްޓްރީގެ ކަމާއިބެހޭ ގިނަ ފަރާތްތަކާއި މަޝްވަރާކޮށް އެބޭފުޅުންގެ ލަފައާއި މަޝްވަރާގެ މަތިން ޖަލްސާ ފޯރަމަށް ބަދަލު ކުރުމުގެ ބުރަ މަސައްކަތް އިބޭ ފެށިއެވެ. ގިނަ ގޮންޖެހުންތަކެއްވެސް ކުރިމަތިވާނެކަންވެސް އެނގިހުރެއެވެ.
އިޙްޔާ ފޯރަމް މިހާރު ކުރިއަށް ގެންދާ ގޮތާއިމެދު ޢާންމުން ދެކޭގޮތް:
ތަފާތަކާއެކު އިޙްޔާ ފޯރަމް މިހާރު ކުރިއަށް ގެންދާ ގޮތަކީ ހަމަ ޔަޤީނުންވެސް ގިނަ ބައެއްގެ ތަރުހީބު ލިބި، އެކަން ބަލައިގެންފައިވާ ގޮތެކެވެ. އެކަން އިބޭގެ ފޯނަށް މީހުން ކުރާ ކޯލާއި މެސެޖްގެ އިތުރުން ކޮމެންޓާއި ފޯރަމް އަޑުއެހުމަށް ވަންނަ މީހުންގެ ޢަދަދުންވެސް އިނގެއެވެ. ޚާއްޞަކޮށް ޒުވާނުންގެ މި ފޯރަމަށް ވަންނަ ޢަދަދު އިތުރުވުމަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ. ”ވަރަށް ގިނަ ޒުވާނުން މީތި ހުއްޓާނުލާ ކުރިޔަށް ގެންގޮސް ދިނުމަށް އެދޭ. އެކަމާ މިދަމީ މިނިސްޓްރީގެ ވެރީންނާ މަޝަވަރާ ކުރަމުން، ޒުވާނުންގެ ގިނަބަޔަކަށް މިކަން ކަމުޔުމަކީ މިނިސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އަޅުގަނޑު ދެކެނީ“ އިބޭ ބުންޏެވެ.

އިޙްޔާ ފޯރަމްގައި ޒުވާނުންގެ ދައުރު:
ކޮންމެ ކަމެއްގައިވެސް ޒުވާނުންނަކީ އެންމެ އިސް ސަފުގައި އުޅޭންޖެހޭ ބައެކެވެ. އެގޮތުން ދީނީ ކަންކަމުގައިވެސް ޒުވާނުން މިހާރަށްވުރެ ބޮޑަށް މަސްޣޫލުވެ އެމީހުންގެ ހިތުގައި އުފެދިފައިވާ ޚިޔާލާއި ސުވާލުތަކުގެ ޖަވާބު ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އިބޭގެ ބުރަ މަސައްކަތުން މިގެނައި ބަދަލުގެ ސަބަބުން ޒުވާނުންގެ ގިނަ ބައެއްގެ ހިތުގައި އުފެދޭ ދީނީ ސުވާލުތަކަށް އަންނަނީ ޖަވާބު ލިބެމުންނެވެ. އަދި އެފަދަ ސުވާލުތަކަށް ޖަވާބު ހޯދުމަށް އަންނަ ޒުވާނުންވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އެކަމުގެ ހެއްކަކީ އިޙްޔާ ފޯރަމް އޮންނަ ކޮންމެ ރެއަކު އެންމެ ކުރީސަފުން ނުވަތަ ވީހާވެސް ސްޓޭޖާއި ގާތުން ޖާގަ ހޯދުމަށް ބޭނުންވާ ޒުވާނުން ގިނަވުމެވެ.
“ ފޯރަމް އޮންނަ ރޭރޭ އަހަރުމެން ބޭނުންވަނީ ސްޓޭޖާއި ވީހާވެސް ގާތުގަ ތިބެން. އަސްލު ކުރިން އެކަން (އިޙްޔާ ޖަލްސާ) އޮންނަ ގޮތުން އަހަރުމެންނަކަށް ނޯވޭ ސުވާލެއް ކޮށްލާނެ ޗާންސެއްވެސް. އެކަމަކު މިހާރު ވަރަށް ސަޅި. އަހަރުމެންވެސް ބޭނުންވާނެ ދޯ އިސްލާމް ދީނުގެ ކަންތައް ބޮޑަށް އިނގެން. މިހާރު ފޯރަމް ގެންދާގޮތް ހަމަ ވަރަށް ސަޅި. އަނެއްކާ އިބޭގެ ހުށަހަޅާގޮތްވެސް ވަރަށް ސަޅި. ” އިޙްޔާ ފޯރަމް އަޑުއެހުމަށް ކޮންމެ ރެއަކުވެސް ވަންނަ ޒުވާނަކު ބުންޏެވެ.
އިޙްޔާ ފޯރަމް ކުރިއަށް ގެންދާނެބާ!
އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައިވެސް އިޙްޔާ ފޯރަމް ހަމަ މިގޮތަށް ނުވަތަ މިއަށްވުރެވެސް ބޮޑަށް ރައްޔިތުންނާއި ބައިވެރިވެގެން ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކާ މިދަނީ މަޝްވަރާ ކުރަމުން . އިބޭ ބުންޏެވެ. މީގެ އިތުރުން އިބޭ ބުނީ ފޯރަމް ހުށަހެޅުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރުގެ އިތުރުން މިނިސްޓްރީގެ ވެރިންނާއި ހީވާގި މުވަޒަފުންފަރާތުން ލިބޭ އެހީތެރިކަން ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ފޯރަމް އަޑުއެހުމަށް ވަންނަ ފަރާތްތަކުގެ ފަރާތުން ލިބޭ ތަރުހީބު އިބޭ ފާހަގަ ކުރެއެވެ. މީގެ އިތުރުން އިބޭ ބުނީ “ މުސްތަޤުބަލުގައިވެސް މިނިސްޓްރީން ފޯރަމް ހުށަހެޅުމަށް ފުރުޞަތު ލިބިއްޖެ ނަމަ، އެ ފުރުޞަތުގެ ބޭނުން ހިފާނެ “ ކަމަށެވެ. އަދި ޢާންމުންގެ ބިނާކުރަނިވި ގިނަ ޚިޔާލުތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރިއެވެ.
