ފިޠުރު ޢީދު ބަންދާއި ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ދެ ދުވަހުގެ ޕްރޮގްރާމެއް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރާގޮތުގައި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޢީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު ދަތުރުކުރާ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްގައި އުޅަނދުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށްތޯ ބެލުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މިގޮތުން އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ބަލަމުން ގެންދާނެ ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.
”އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށްވެސް ވަނީ ހަމަޖެހިފައި“ އެމްއެންޑީއެފުން ހާމަކުރެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މިޕްރޮގްރާމް ރޭ މާލޭ ބަނދަރު ސަރަހައްދުގައި ފަށާފައިވާއިރު ގިނަ އަދަދެއްގެ އުޅަނދު މިރޭ ވެސް ވަނީ ޗެކް ކުރެވިފައެވެ. މިގޮތުން މާލޭގެ ބަނދަރުން ފުރާ އުޅަނދުތަކާއި މާލޭގެ ބަނދަރަށް ވަންނަ އުޅަނދު ފަހަރު ޗެކްކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.