މަދީނާ (ޖުލައި 5) – އިއްޔެގެ އިރު އޮއްސުނު ވަގުތާއި ދިމާކޮށް ސައުދީގެ ތިން ސަރަހައްދެއްގައި ޖާނުންފިދާވުމުގެ ޓެރަރިސްޓް ހަމަލާތަކެއް ދީފައިވާއިރު ޖިއްދާގައި ޖާނުންފިދާވެ ހަމަލާ ދިން ފަރާތަކީ ފާއިތުވި 12 އަހަރު ސައުދީގައި ދިރިއުޅެމުން އައި ޕާކިސްތާނު ރައްޔިތެއް ކަމުގައި ސައުދީ ނޫސްތަކުން ހާމަކޮށްފި އެވެ.
ސައުދީ ދާހިލީ ވުޒާރާގެ ތަރުޖަމާނާ ހަވާލާދީ ސައުދީ ނޫސްތަކުގައި ބުނެފައިވާގޮތުން އެ ޓެރަރިސްޓް ހަމަލާ ދީފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ އަބްދުﷲ ޤަލްޒާރު ޚާން ނަމަކަށްކިޔާ މީހެކެވެ.
އޭނާ ސައުދީގައި ދިރިއުޅެން ފަށާފައިވަނީ މީގެ 12 އަހަރު ކުރިން ކަމަށާއި އޭނާ ސައުދީގައި ދިރިއުޅެމުން އަންނަނީ އަންހެނުންނާއި އޭނާގެ މަންމައާއި ބައްޕައާއި އެކުގައި ކަމަށް ސައުދީގެ ދާހިލީ ވުޒާރާއިން ހާމަކޮށްފައި ވެ އެވެ. އަދި ސައުދީގައި އޭނާ އަދާކުރަމުންދިޔައީ ޕްރައިވެޓް ޑްރައިވަރެއްގެ ވަޒީފާ ކަމުގައިވެސް ސައުދީ ނޫސްތަކުގައި ސައުދީ ދާހިލީ ވުޒާރާއާއި ހަވާލާދީ ބުނެފައި ވެ އެވެ.
އިއްޔެގެ ޓެރަރިސްޓް ހަމަލާތައް އަމާޒުކޮށްފައިވަނީ މަސްޖިދުއްނަބަވީއަށާއި އަލް ގާތިފް އަށާއި ޖިއްދާ އަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން މަސްޖިދުއްނަބަވީގެ ބޭރުގައި ދިން ޓެރަރިސްޓް ހަމަލާގައި ހަތަރުމީހަކު މަރުވެފައި ވެ އެވެ. އަލް ތާއިފް އާއި ޖިއްދާގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި އިތުރު ތިން މީހަކު މަރުވެފައި ވެ އެވެ.