ކުރުވާހަކަ: ވަދާޢު

ގޭގެ ތެރޭގައި އެންމެން ހޭލަ މޭލަވެ އުޅޭ އިރު ނައީމު އޮތީ ނިތްކުރި މައްޗަށް އަތްވައްޓާލައިގެން ސޯފާގައެވެ. މުޅި ގޭގެ ތެރޭގައި ވަނީ އުފަލެވެ. ހުނުމާއި ސަކަރާތެވެ. ބޮޑު ޕާޓީއަކަށް އެންމެން ތައްޔާރުވަނީ އެވެ. ދަރީންނާއި ދުރުތާ ތިމާގެ މީހުން އެކުވެ ޖަމާވެގެންނެވެ. މާދަމާ ރެއަކީ މިގޭގެ މުހިއްމު ރެއެކެވެ. ވަރުގަދަ ޕާޓީއެއް އޮންނާނެއެވެ. އެންމެންނަށްވެސް އެއީ އުފާވެރި ޕާޓީއަކަށް ވާފަދައިން ނަޢީމްއަށްވެސް އެއީ އުފާވެރި ޕާޓީއެކެވެ. އެކަމަކު އޭނާގެ ހިތް ނުތަނަވަސް ވަނީއެވެ. ދެރަވަނީ އެވެ. މާދަމާ ރޭގެ ވަދާޢަށްޓަކައެވެ.

ޝުހާ އަކީ ނައީމު އާއި ފިޔާޒާގެ ހަމައެކަނި އަންހެން ދަރިފުޅެވެ. އެންމެ ހަގު ދަރިފުޅެވެ. ދެންތިބީ ދޮއްޓަށް ތިބި ހަތަރު ފިރިހެންދަރީންނެވެ. އެ ހުރިހާކުދިންވެސް މީހުންނާއި އިނދެގެން ދިރިއުޅެނީ މިގޭގައެވެ.  ބޮޑު އާއިލާއެކެވެ. އެއާއިލާގައި ހުރި ހަމައެކަނި އަންހެންކުއްޖަކީ ޝުހާއެވެ. ކާފަދަރީންގެ ތެރޭގައިވެސް ތިބީ ހުސްފިރިހެން ދަރީންނަށް ވުމާއި އެކު، އެގޭގެ ރަނިކަމަނާ އަކީ ޝުހާއެވެ. އެންމެވެސް ޝުހާދެކެ ނުހަނު ލޯބިވެއެވެ. އާއިލާގެ ހުރިހާ މީހުންވެގެން އެންމެ ރަނގަޅަށް ކިޔަވައި ދިނީވެސް އޭނާއަށެވެ. އޭނާއަކީ އެމްބީބީއެސް ނިންމާފައި ހުރި ޑޮކްޓަރެކެވެ. އޭނާ ރައްޓެހިވެގެން އުޅެނީ ރަޝިޔާގެ މުސްލިމް މިލިޔަނަރެއްގެ ދަރިއަކާއެވެ. އެއީ އޭނާ ރަޝިޔާގައި ކިޔަވަން އުޅުނު އިރު ދިމާވި ކުއްޖެކެވެ. އުޅުމާއި އަޚުލާޤު ގޯހެއް ނޫނެވެ. ދީނަށް ފަރުވާތެރިއެވެ. މާދަމާ އަކީ އެކައިވެނީގެ ދުވަހެވެ.

ކައިވެންޏަށް ކަރަމްގެ އާއިލާގެ މީހުންވެސް ތިބީ މާލެ އައިހެވެ. އެމީހުން ތިބީ ބަނޑޮސް ރިޒޯޓުގައެވެ. މުޅިމާލޭގެ ރައްޔިތުންނަށް ކާންދެވޭ ވަރުގެ ބޮޑު ޖާފަތް މާދަމާރޭ އޮތީ މާފަންނު ސްޓޭޑިއަމްގައެވެ. އެއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ކައިވެނި ޕާޓީއަށް ވާނެއެވެ. ނައީމަކީ އެހާ ތަނަވަސް ފޯރާ މީހެއް ނޫނެވެ. އެހެން ނަމަވެސް އޭނާގެ ވަރުން އޭނާ ހުރިހާ ދަރީންނަށްވެސް ރަނގަޅަށް ކަންތައް ކޮށްދިނެވެ. ޚާއްސަކޮށް ޝުހާއަށެވެ.

ސިޓިންގ ރޫމު ތެރޭގައި ޝުހާ އާއިއޭނާގެ ދެފަހަރިންވެގެން އުޅުނީ ޕާޓީގައި ކުދިންވެރިންލާ ހެދުންތައް ތަޔާރުކޮށެވެ. ސީދާ ރަޝިޔާއިން މިނަށް ފައްސައިގެން ގެނެޔަސް އޭގައިވެސް ކުދިކުދި ކަންކަން ރަނގަޅުކޮށްލަން ހުރީމައެވެ. މިކައިވެންޏަށް ތައްޔާރުވާތާ ހަމަސްވީއެވެ. މާދަމާ ރޭ ކައިވެނި ޕާޓީ އޮންނައިރުވެސް އަދިވެސް ހިތްފުރޭވަރަށް އަންހެންވެރިންނަށް ތަކެތި ތައްޔާރު ކުރެވޭކަމަކަށް ނުވެއެވެ.

އަނެއް ދުވަހަށް އިރު ރަނގަޅަށް ނާރަނީސް ގޭތެރޭގެ މަސައްކަތްތައް ފެށިއްޖެއެވެ. ނައީމުގެ ވާންއުޅޭ ދަނބިދަރިފުޅު ކަރަމް އާއި އޭނާގެ ދެ ބޭބެއަކުވެސް ހެނދުނު ހެނދުނާ އަތުވެއްޖެއެވެ. ޝުހާގެ ވެޑިންގ ޑްރެސް އާއި ގޭގެ އަންހެންވެރިންގެ ހެދުންތަކާއި ގަހަނާތައް ހިފައިގެންނެވެ. އެމީހަކަށްވީ އެއްޗެއް އެމީހަކަށް ދީ ނިމުނު އިރު ކޮންމެ މީހެއްގެ އަތުގައިވެސް އެކަނި ނުގެންދެވޭހާ ގިނަ އެއްޗެހި ހުއްޓެވެ. ގޭތެރޭގެ ތައްޔާރީތައް އަވަސްކުރަން ބުނެފައި އެމީހުން ދިޔައީ، ސްޓޭޑިއަމް ތައްޔާރު ކުރަން ހަވާލުކުރި ކުންފުނީގެ މީހުން އެކަން ކުރާގޮތާއި ކޭޓަރިންގެ ކަންކަން ހިނގާގޮތް ބަލާށެވެ. އެއީ ކޮންމެ ކަމެއްވެސް ވަރަށް ރަނގަޅަށް ބަލަހައްޓަންޖެހޭ ޕާޓީއަކަށް ވާތީއެވެ. ދައުލަތުގެ އެންމެ އިސްވެރީންވެސް ބައިވެރިވާ ޕާޓީއަކަށް ވާތީއެވެ.

ރޭގަނޑު ރަނގަޅަށް ނުނިދުމާއި ހިތް ނުތަނަވަސްވެފައި ވުމުން ނައީމަށް ހެނދުނުގެ ނާސްތާވެސް ކުރެވުނީ ވަރަށް ކުޑަކޮށެވެ. ނައީމަށް އައިސްފައިވާ ބަދަލަށް އެކަކަށްވެސް ވިސްނައެއް ނުލެވެއެވެ. ގޭތެރޭގެ އުފާވެރިކަން ބޮޑުވީމައެވެ. ޚުދު ނައީމުގެ އަންހެނުން ފިޔާޒާއަށްވެސް ނައީމާއި މެދު ވިސްނާ ނުލެވެއެވެ.

ސައިމޭޒު ދޮށުން ތެދުވެގެން ގޮސް ނައީމު ވަނީ ދަރިފުޅު ޝުހާގެ ކޮޓަރިއަށެވެ. އޭރު ދެފަހަރި އާއެކު ޝުހާ އުޅެނީ ފޮށި ފޮއްޓަށް އެއްޗެހި އެޅުމުގައެވެ. އޭނާ ކޮންމެހެން ގެންދަން ބޭނުންވާ ތަކެއްޗެވެ. އެހެނީ މިހާރު ތައްޔާރު ނުކޮށްފިއްޔާ އެކަމެއް ދެނެއް ނުވާނެއެވެ. ޕާޓީން ނިމޭގޮތަށް ޝުހާ ދާނީ ފިރިމީހާ އާއި އެކު ރިޒޯޓަށެވެ. ރިޒޯޓުގައި ދެދުވަހު ހުރެފައި ފުރާނީ، ރަޝިއާ އަށެވެ. އެހިސާބުން ނަޢީމަށް އޭނާގެ ލޮލުގެ ކޮއެ ގެއްލުނީއެވެ.

ޝުހާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ފެނިފައި ނަޢީމުގެ ލޮލުން ކަރުނަ ހިލުނެވެ. އުފަލާއި ހިތާމައިންނެވެ. އޭނާ ދެރަވީ މިއަދަކީ މިކޮޓަރީގައި އަދި މިގޭގައި އެދަރިފުޅު އުޅޭނޭ އެންމެ ފަހު ދުވަސްކަން އެނގޭތީއެވެ. މިގޭގެ ރާނީ ދެން މިގޭގައި ދިރިނޫޅޭނެތީއެވެ. މިވީ 24 އަހަރުގެ ތެރެއިން ކޮންމެ ދުވަހެއްގައިވެސް މިދުވަހުގެ ހަނދާންވާ ކޮންމެ ފަހަރަކު ނައީމުގެ ހިތުގައި އަތް އެޅެއެވެ. ލޮލުން ކަރުނަ ހިލެއެވެ.

ޝުހާ އަކީ ނައީމް އެންމެ ލޯބިވާ ދަރިފުޅެވެ. އޭނާއަށްޓަކައި ނައީމްވެސް ފިޔާޒާވެސް އެތައް ޤުރުބާނެއް ވިއެވެ. ފިޔާޒާ ކުޑައިރު ހިތުގެ މައްސަލައެއް ހުރެގެން ފަރުވާއަށް އިންޑިއާއަށް ގެންދިޔުމަށް ފިޔާޒާ އޭނާގެ ގަހަނާތައް ވިއްކާލިއެވެ. ނައީމް އޭނާގެ މައިންބަފައިން ފުށުން މާލޭން ލިބުނު ކުޑަބިންކޮޅު ވިއްކާލިއެވެ. އެހެން ނޫންނަމަ މިއަދު އެމީހުން އެއްގެއިން އަނެއްގެއިން ކުއްޔަކަށްވެސް އުޅޭކަށް ނުޖެހުނީއެވެ.

އަންހެން ދަރިއަކު ބޮޑުވީއެވެ. އޭނާ އޭނާގެ މައިންބަފައިންނާއި އުޅެ ބޮޑުވިގެ ދޫކޮށްފައި މުޅިން އެހެން ގެއަކަށް ދަނީއެވެ. އޭނާ އާއި މީގެ ކުރިން އެއްވެސް ގުޅުމެއް ނެތް ބައެއްގެ ތެރެއަށެވެ. އެއަށްވުރެ ބޮޑަށް އާދަކާދަޔާއި ސަޤާފަތާއި މާހައުލުގެ ގޮތުންވެސް މާދުރު ޤައުމަކަށެވެ. މިއީ ކޮންމެ މަޔަކާއި ބަފައެއްގެ ހަޔާތުގައިވެސް އަންނާނޭ ދެރަހައިގެ ހިނދުކޮޅެކެވެ. އުފަލާއި ހިތާމައެވެ.

”ބައްޕާ!“ ނައީމް ދޮރުމަތީގައި ބަލަހައްޓައިގެން ހުރިތަން ފެނިފައި ޝުހާ ގޮވާލިއެވެ. ނައީމު ގަދަކަމުން ހިނިތުންވެލިއެވެ. ޝުހާ އައިސް ނައީމުގެ ކަރަށް އަތް ވައްޓާލައި އެލިގަތެވެ. އަދި ބުންޏެވެ.

”ބައްޕަވެސް މަންމަވެސް، އެންމެން މަތިންވެސް ވަރަށް މިސްވާނެ! އެކަމަކު ކޮންމެ އަހަރަކުވެސް އަންނާނަން އެނގޭ!“

ނައީމު އެއްޗެކޭ ނުބުންޏެވެ. ހަމައެކަނި ދަރިފުޅުގެ ބޮލުގައި ފިރުމާލީއެވެ. ޝުހާ މިގެއިން ދަނީއެވެ. އޭނާ ބޮޑުވީއެވެ. އަމިއްލަ ދިރިއުޅުމެއް ފެށުމުގެ ވަގުތު ޖެހުނީއެވެ. ނައީމުގެ ހަނދާނަށް އަންނަންފެށީ ޝުހާގެ ކުޑައިރުގެ ހަނދާންތަކެވެ. އޭނާ އޮފީހުން ގެއަށް އައިސް ވަންނަ އިރަށް ޝުހާއައިސް ދެފައިގައި ބައްދާލާ ގޮތެވެ. ތުއްތު ތުއްތު އަޑަކުން ބައްޕާއޭ ގޮވާލާ ގޮތެވެ. އޭނާ ނުކައިގެން ކޮނޑަށްލައިގެން ނުވަތަ ބުރަކަށިމައްޗަށް ލައި އަސްދުއްވައި ދީގެން ފިޔާޒާ އާއި ދެމީހުން ކާންދީ ހަދާ ގޮތުގެ ހަނދާނެއެވެ. އޭނާ ގޮވައިގެން ޕާކަށާއި ބީޗަށް އެހެންކުދިން ގޮވައިގެން ގޮސް މަޖާކޮށް އުޅުނު ހަނދާނެއެވެ. މިއަދު އެހަނދާންތައް ރައްކާކުރެވިފައި ހުރީ ފޮޓޯ އަލްބަމް ތަކުގައެވެ.

ނައީމް އައިސް ކޮޓަރިއަށް ވަނެވެ. ލޮލުގައިވާ ކަރުނަ ފޮހެލިއެވެ. އޭނާ ރޯންވީ ކޮންކަމަކާހެއްޔެވެ؟ އޭނާގެ ވާޖިބު އޭނާއަށް އަދާވެއްޖެއެވެ. އަންހެންދަރިއަކު ބޮޑު ކުރެވިއްޖެއެވެ. އެދަރިފުޅު ރަސްކަލެއްފަދަ މުއްސަންޖަކާއި އިނދެގެން އެދަނީ ސުވަރުގޭގެ ގަނޑުވަރެއްފަދަ ބޮޑު ގެއަކަށެވެ. ކުރިއެރުމާއި ތަރައްޤީއޮތް ޝަހަރަކަށެވެ. އެކަމަކުވެސް ނައީމުގެ ހިތް ރޮނީއެވެ. ދަރިފުޅާއި ވަކިވާންޖެހޭތީއެވެ. މިހާރު ހިތަށް އަރައެވެ. ޒަމާންތައް މިނިމި ދިޔައީ ހާދަ އަވަހަކަށެވެ. ދުވަސްތައް މިދައުރުވީ ހާދަ އަވަހަކަށެވެ.

ކޮޓަރީގެ އަލަމާރީގެ ތެރެއިން ނައީމު ނެގީ ކުޑަކުޑަ ލަކުޑިފޮއްޓެކެވެ. ޒަމާންވީ ފޮއްޓެކެވެ. ފޮށި އެނދުމަތީގައި ބެހެއްޓުމަށް ފަހު އޭނާ ހުޅުވާލިއެވެ. އޭގައި ހުރީ ފިޔާޒާގެ ގަހަނާއެވެ. ދެން އޮތީ ޒަމާންވެފައިވާ ކަރުދާސް ގަނޑެކެވެ. ސިޓީއެކެވެ. އެއީ ނައީމުގެ ބަފައިބެ ނައީމުއަށް ދިން ސިޓީއެކެވެ. އެދުވަހު ނައީމުގެ ބަފައިބެ އެސިޓީ ދިނީމާ ނައީމު ގާތަށް އައީ ހިންޏެވެ. އެސިޓީ ކިޔާފައި އެއަށްވުރެ ބާރަށް އޭނާ ހުނެވެ. މަޖާވެގެންނެވެ. ބަފައިބެ އިރުޝާދުގެ ޖަޒްބާތީ ކަމުންނެވެ. އަންހެން ދަރިއަކު މީހަކާއި އިނދެގެން ގެއިން ނުކުމެގެންދާ ދުވަހު ހަމަ މިހާ ދެރަވޭހެއްޔޭ އެދުވަހު އޭނާގެ ހިތަށް އެރިއެވެ. އެކަމަކު މިއަދު ގުދުރަތުން ހަމަ އެއިހްސާސް ނަޢީމަށް ކުރުވަނީއެވެ.

ނައީމު އެކަރުދާސް ގަނޑު ނިއުޅުވާލިއެވެ. އެސިޓީ ބަފައިބެ ފަށާފައި އޮތީވެސް އަސަރުގަދަ އުރުދޫ ލަވައެއްގެ ބައިތަކުންނެވެ. ”ބޭޓީ ގަރް ބާބުލް ކީ، ކިސި އޯރްކީ އަމާނަތުހޭ، ދަސްތޫރު ދުނިޔާކާ ހަމް ސަބްކޯ ނިބާނާ ހޭ“. ބައްޕަގެ ގޭގައި އިން އަންހެން ދަރިފުޅަކީ، އެހެން މީހެއްގެ އަމާނާތެކެވެ. ދުނިޔަވީ މިޤާނޫނަށް އަހަރެމެން އެންމެން ކިޔަމަން ގަންނަން ޖެހެއެވެ.

އެއީ މަޖަލެއް ނޫނެވެ. ސަމާސާއެއް ނޫނެވެ. ދަރިންދެކެ ލޯބިވާ ބަފައެއްގެ ވަސިއްޔަތެވެ. އެދަރިފުޅު ގޮވައިގެންދާ ފިރިމީހާއަށް ކުރާ ވަސިއްޔަތެވެ. އެކުރުނޯޓުގައި ފިޔާޒާގެ ބައްޕަ ލިޔެފައި ވެއެވެ. އަހަރެން މިދަރިފުޅު ބެލީ އަހަރެންގެ ލޮލުގެ ކޮއެ ފަދައިންނެވެ. އެއްދުވަހަކުން ކޮންވެސް މީހަކު އައިސް މިދަރިފުޅު ގެންދާނެކަން އެނގޭހާލުގައެވެ. އަހަރެން އަހަރެންގެ ދަރިފުޅު ނުރޮއްވަމެވެ. އޭނާގެ ގައިގައި ނުޖަހަމެވެ. އޭނާއަށް ކުށެއް ކުރެވިއްޖެ ނަމަ ނަސޭތްދީ މަޢާފް ދެމެވެ. ހަނދާން ބަހައްޓާށެވެ. އަހަރެން މިދަރިފުޅު ބެލެހެއްޓީ ތިބާގެ އަމާނާތެއްގެ ގޮތުގައެވެ. އަދިއަހަރެންގެ އަމާނާތެއްގެ ގޮތުގައި ތިބާ މިދަރިފުޅު ބަލަހައްޓައި ދޭށެވެ. އޭނާއަށް އަނިޔާވެރި ނުވާށެވެ. އިހާނެތިކޮށް ނުހިތާށެވެ. ތިބާގެ އަންހެންދަރީންނަށް ހެޔޮލަފާ ރަނގަޅު ފިރިއަކު އެދޭ ފަދައިން އަހަރެންވެސް އަހަރެންގެ ދަރިފުޅަށް މިއެދެނީ އެފަދަ ފިރިއަކު ލިބުމަށެވެ.

އެކަރުދާސްކޮޅު ފަތްޖަހާފައި ނައީމް ފޮއްޓަށް ލިއެވެ. އަލަމާރިއަށް ލިއެވެ. އޭނާ ކުރިއަށްވުރެވެސް ދެރަވެއްޖެއެވެ. މިނަސޭހަތް ނުވަތަ މިވަސިއްޔަތް އޭނާއަށް އޭނާގެ ދަނބިދަރިފުޅަށް ކުރެވޭކަށް ނެތެވެ. އެއީ އޭނާގެ ދަނބިދަރިފުޅަށް އެވާ މީހާއަކީ ދިވެހިބަސް ކީއްކުރަންހެއްޔެވެ؟ ދިވެހި އާދަކާދަ އާއި ސަޤާފަތްވެސް ދަންނަ މީހަކަށް ނުވާތީއެވެ. ވީމާ، ނައީމުގެ ބަފައިބެއަށް ލިބުނު ފުރުޞަތެއް ނައީމަކަށް ނެތެވެ.

ނައީމް ފިޔާޒާ އާއި އިނދެގެން އޭނާ މާލެ ގެނައީއެވެ. އޭގެ ފަހުން އޭނާ އަލަށްވެސް މައިންބަފައިންގެ ގާތަށް ޒިޔާރަތްކޮށްލައި އެނބުރި ރަށަށް ގޮސްލާނޭ ފުރުޞަތެއް ނައީމަށް ދެވުނީ 9 އަހަރު ފަހުންމެވެ. އަހަރުދެކޮޅު ލިބުނު 4 ފިރިހެން ދަރިން ބެލުމުގެ ބުރަ ޒިންމާ އާއި އެކު ގައެވެ.

ނަޢީމް އޭނާގެ އަމިއްލަ ހަޔާތާއި މެދު ވިސްނާލިއެވެ. މީގެ ކުރިން ފިޔާޒާގެ އާއިލާ އާއި މެދަކު އޭނާގެ މައިންބަފައިންނާއި މެދަކު ނައީމަކަށް ނުވިސްނެއެވެ. އެމީހުންގެ އިހްސާސާއި ޖަޒްބާތަކީ ކޮބައިތޯ ބަލައެއް ނުލެވެއެވެ. އަހަރީ ޗުއްޓީތަކުގައި އޭނާގެ މައިންބަފައިން ކައިރިއަށް ރަށަށް ގޮސްލަން ބޭނުންތޯ އަހައެއް ނުލެވެއެވެ.

ފިޔާޒާއަކީ، ކެތްތެރި އަނތްބެކެވެ. އޭނާ ޝަކުވާއެއް ނުކުރެއެވެ. ނައީމުގެ ދިރިއުޅުމުގެ ކަންކަމަށް ގޮތް ކިޔައެއް ނުހަދައެވެ. ހައްޤުތަކެއް ނުލިބިގެން ޝަކުވާއެއް ނުކުރެއެވެ. ރަށަށް މައިންބަފައިންގެ ގާތަށްދާކަށް ނުކިޔައެވެ. އޭނާ އަވަދިނެތި އުޅުނީ ނައީމަށް ޚިދުމަތް ކުރުމުގައެވެ. ނައީމުގެ ގެދޮރާއި ކުދިން ބަލައި ދިނުމުގައެވެ. ފިޔާޒާގެ މަންމަ މަރުވެގެންވެސް މޫނުދެކިލަންވެސް ފިޔާޒާއަށް ރަށަށް ނުދެވުނީ އޭރު ބަލިއެނދުގައި އޮތް ނައީމުގެ މަންމަ ބަލާނެ މީހަކު ނެތުމުންނެވެ.

ޕާޓީގެ ވަގުތު ޖެހިއްޖެއެވެ. އަންހެންވެރީން މާކުރިން ރީތިވެގެން ހިނގައްޖެއެވެ. ގޭގައި ތިބީ ފިޔާޒާ އާއި ޝުހާ ގޮވައިގެންދާން ތިބި ދެތިން އަންހެނެކެވެ. ފިޔާޒާ ރީތިވެގެން ކާރަށް އަރަން ގެއިން ނުކުންނަށްދެން ނައީމު ހުރީ ދޮރުމަތީގައެވެ. ރަންކުލައިގެ ވިދާބަބުޅާ ބޮޑު ވެޑިންގ ޑްރެސްއާއި އެކު ޝުހާ ފެންނަނީ، ރަސްކަލެއްގެ އަނބިކަނބަލެއް ފަދައިންނެވެ. ޝުހާ ދުށް ކޮންމެ މީހަކުވެސް އަޖައިބުވެ އަންތަރީސް ވާހައި އޭނާ ރީއްޗެވެ. ހަމަ ސީދާ މިރެއަށް ކުއްޔަށް ހިފާފައިވާ ވެހިކަލްތަކުގެ ތެރެއިން ޝުހާއަށް ހާއްސަ ވެހިކަލް އައީ އޭނާ ދޮރުމަތީގައި ހުންނަތާ އިރުކޮޅަކުންނެވެ. ކަރަމްއިނީ އެވެހިކަލްގައެވެ. ޝުހާ ގޭގެ ދޮރާށީން ނުކުމެ ވެހިކަލަށް އެރުމާއި އެކު ނައީމުގެ ލޮލުން ކަރުނަ ފޭދިގައިތީ ހަމަކުއްލި އަކަށެވެ. އަވަސް އަވަހަށް އޭނާ އަތުގެ ނުފުށުން ކަރުނަތައް ފުހެލީއެވެ.

ޕާޓީ ފެށިއްޖެއެވެ. އެންމެ ފުރަތަމަ އޮތީ ކައިވެނީގެ މަޖިލީހެވެ. އޭގެ ކުރިން ދުވަހަކުވެސް ކޯޓާއި ފަޓޫލޫނު ލާފައި ނުވާތީ ނައީމް އިނީ އުނދަގޫވެފައެވެ. ލަދުގެންފައެވެ. އެކަމަކު އެހުރިހާ ކަމަކަށްވުރެ އޭނާގެ ހިތުގައި ހިނގަމުން އަންނަ ހިތާމަތައް ބޮޑެވެ. ގާޟީ ކައިވެނިކޮށްދިނުމާއި އެކު އަތްތިލަބަޑި އާއި ހެޔޮ އެދުންތަކުގެ އަޑު ގުގުމައި ގަތުމާއި އެކު، ސްޓޭޑިއަމްގެ ދެކުނުން އިންޑަސްޓްރިއަލް ވިލެޖާއި ދިމާ ފަޅުތެރެއިން އިވުނީ ބަޑިބޭސްތަކެއް ގޮވައިގަތް ބާރު އަޑުފަށްގަނޑެވެ. އެއާއި އެކުގައި ފަޒާ ދިއްލިގެން ދިޔައީ މައްޗަށް އަރައިގެންގެ ދިޔަ ހަވާތަކުން ފަވާލި މަރުހަބާ އާ ހެޔޮ އެދުމުގެ މެސެޖާއި އެކުގައެވެ. ދިހަވަރަކަށް މިނިޓްވާންދެން ހަވާއެރުވި އިރު އެއީ ޕާޓީގެ ހާޟިރީންނަށް މަޖާ ވަގުތުކޮޅެވެ.

މީރުކެއުންތަކާއި ލަވަޔާއި މިޔުޒިކާއި އެކު އޮތް އުފާފާޅުކުރުންތައް ނިމުނީ މެންދަމު ބާރަޖެހި އިރުއެވެ. މެހެމާނުންތައް އެނބުރިގޮސް ހުސްވިއިރު މެންދަމުން އަލިވެ 2 ޖަހަނީއެވެ. ޝުހާ އާއި ކަރަމް ރިޒޯޓަށް ދިޔުމަށްޓަކައި ކާރަށް އެރުމުގެ ކުރިން ޝުހާގެ މައިންބަފައިންނާއި ސަލާމްކުރިއެވެ. ޝުހާ ނައީމްއަތަށް ދިއްކޮލީ ސިޓީއުރައެކެވެ.

”މިއީ ބައްޕައަށް. މިއެންމެ ހައްޤުކަން ބޮޑީ ބައްޕައަށް“ ޝުހާ ހީލާފައި ބުންޏެވެ.

”ކޮންއެއްޗެއް.“ ނައީމުވެސް އުފާވެރިކަން ފާޅުކުރިއެވެ.

”އަޅުގަނޑުގެ ކައިވެނީގެ ރަން. 4 ލައްކަ ޑޮލަރުގެ ޗެކް“ ޝުހާ ހީލިއެވެ. ނައީމަށް ހީވީ އޭނާގެ އަތަށް ބިޗުލެއް ކަށިޖެހިހެންނެވެ. އަވަސް އަވަހަށް އޭނާ ދަރިފުޅުގެ އަތަށް އެސިޓީއުރަ ލެވިއެވެ. ނޫނެކޭ ބުނެއެވެ.

”ދަރިފުޅާ! ތިޔައީ ބައްޕަގެ ހައްޤެއް ނޫން. ތިޔައީ ދަރިފުޅުގެ މިލްކު، ދަރިފުޅުގެ ވަޤުފް މުދަލެއް. ދަރިފުޅު ބައްޕަމެންނާއި ދުރަށްދާއިރު ހެޔޮދުއާއެއް ފިޔަވައިދޭނެ އެއްޗެއް ބައްޕަގެ އަތަކު ނެތް. ވީމާ މި ދަރިފުޅުގެ އަތުގައި ބާއްވާ!“ ނައީމް ފެންކަޅިވިއެވެ. ޝުހާ ދެކޮޅެއް ނުހެދިއެވެ.

ކަރަމްވެސް ކައިރިއަށް އައީ އެވަގުތުއެވެ. ނައީމް އާއި ފިޔާޒާ އާއި ސަލާމްކޮށްފައި ޝުހާ ގޮވައިގެން ކަރަމް ކާރަށް އަރައިފިއެވެ. ނައީމް ހިތުގައި ޖެހުނެވެ. އޭނާގެ ދަނބިދަރިފުޅު ގާތުގައި ޝުހާ ރަނގަޅަށް ބަލަހައްޓައިދެއްޗޭވެސް ނުބުނެވުނެވެ. ދައްކަން ބޭނުންވީ އެތައް ވާހަކައެއް ނުދެއްކުނެވެ. އެދެމެދުގައި ބަސް ނޭނގުމުގެ ފާރެއް ހުރީތީއެވެ.

ނައީމް އާއި ފިޔާޒާވެސް ގެއަށް އައެވެ. ނައީމަށް އިށީދެވުނީ ސޯފާގައެވެ. ފިޔާޒާ ވަނީ ކޮޓަރިއަކަށެވެ. މުޅި ގޭތެރެއަށް ނައީމަށް ނަޒަރު ހިންގާލެވުނެވެ. މިރޭ އިރާކޮޅާއި ހަމައަށް އުފަލާއި މަޖަލާއި ސަކަރާތްތައް އޮތް މިގެ މިހާރު ވަނީ ހިމޭންވެފައެވެ. ޝުހާ އާއި އެކު މިގޭގެ ރޫހު ގެއްލުނީއެވެ. ކޮންމެ އެއްޗެއް ކޮންމެ ވަގުތެއް ޝުހާގެ ހަނދާން އާކޮށްދިންނަމަވެސް އެކަންކަން ދެން އެވީއެނބުރި ނާންނާނެ މާޒީއަށެވެ.

މިއަދު އަނބިމީހާ އާއި މެދު ހެޔޮކޮށް ހިތުމުގެ މުހިއްމުކަން ނައީމަށް ވިސްނިއްޖެއެވެ. އިހްސާސްވެއްޖެއެވެ. ފިޔާޒާވެސް އޭނާގެ މައިންބަފައިން ދޫކޮށް މިގެއަށް އައީ ނައީމްގެ ދިރިއުޅުން އާބާދުކުރާށެވެ. އެކަމަކު އޭނާވީ ޤުރުބާނީ ނައީމަށް އެންމެ ރަނގަޅަށް ވަޒަނެއް ނުކުރެވުނެވެ. އޭނާއަށް ބޭނުންވާ ކަންކަން ކޮށްދީ، އޭނާގެ ބޭނުންތައް ބެލުމުގައި އިހްމާލު ވެވުނެވެ. ނައީމު އެންމެ ހަނދާންވެ ހިތުގައި ޖެހެނީ، އޭނާ އޮފީހަށްދާން ލާނެ ހެދުމެއް އިސްތިރި ނުކޮށް އޮވެގެން ފިޔާޒާ އާއި ދިމާއަށް ހަޅޭލަވައި ގަނެވުނު ދުވަހެވެ. އެދުވަހު އޭނާ ދިޔައީ ދަތުރުވަރެއްގައި މާލެ އައިސް ހުރި އޭނާގެ ބައްޕަ ޑޮކްޓަރަށް ދައްކާށެވެ. އެކަމަކު އެދުވަހު ފިޔާޒާއަށް ވިސްނައިދޭން ނައީމު ބޭނުންވީ، އޭނާ އެންމެ އިސްކަންދޭން ޖެހޭނީ ނައީމަށް ކަމެވެ. ކައިވެންޏަށް ފަހުގައި އެހެން ހުރިހާ ގުޅުމެއް ކެނޑުނީ ކަމުގައެވެ. އެހެން ހުރިހާ ޒިންމާ އަކުން ވީއްލުނީ ކަމުގައެވެ. އެކަމަކު އެކަން ޤަބޫލު ކުރަން މިއަދު ނައީމަށް އުނދަގޫ ވަނީއެވެ.

ނައީމް ހަނދާން އެބަހުއްޓެވެ. ނައީމް މީހަކާ އިންނަ ވާހަކަ ދެއްކުމުން ބައްޕަ ދިން ނަސޭހަތެވެ. ބައްޕަ ބުންޏެވެ. ”ދަރިފުޅާއެވެ. ދަރިފުޅުގެ އަންހެން ދަރީންނަށް އެކުދީންނަށް ހެޔޮލަފާ އޯގާތެރި ފިރިއަކު ލިބުމަށް އެދޭނަމަ، އެދަރީންގެ މަންމައަށްޓަކައި ދަރިފުޅަކީ އެފަދަ ހެޔޮލަފާ އޯގާތެރި ފިރިއަކު ކަމުގައި ވާށެވެ. އިހްސާންތެރި ކަމުގެ ޖަޒާ ﷲ ތަޢާލާ އިހްސާންތެރިކަމުން މެނުވީ ނުދެއްވައެވެ.“

ފިޔާޒާ އޭނާގެ ގެއާއި މައިންބަފައިންނާއި އެކު ރަށް ދޫކޮށް އައީ މާލެއެވެ. މިއަދު ނައީމުގެ ދަރިފުޅު އެދަނީ ރަށާއި ގެދޮރާއި މައިންބަފައިން އެކަނި ދޫކޮށެއް ނޫނެވެ. ޤައުމުވެސް ދޫކޮށެވެ. ނައީމަށް އަމިއްލައަށް ޚަރަދުކޮށްގެން ދަތުރުވަރެއްގައިވެސް ނުދެވޭހާ ދުރަށެވެ. ދުނިޔޭގެ އަނެއް ބިތަށެވެ. ވަދާއުގެ އެންމެ ފަހުގެ ސަލާމްއިން ސަލާމް ކުރަންޖެހުނީވެސް ބުނަން ބޭނުންވި އެތައް ބަހެއް ނުބުނެ ހުރެއެވެ.

ޝުހާ ފުރައިގެން ގޮސް ރަޝިޔާގައި އުފާވެރި ދިރިއުޅުމެއް ފެށީއެވެ. ފުރަތަމަކޮޅު އަހަރަކު އެއްފަހަރު އައި ނަމަވެސް ފަހުން ފަހުން ދުރުވަމުން ގޮސް 5 އަހަރުވީ އިރުވެސް ނާދެވެއެވެ. އެކަމާއި މެދު ފިޔާޒާވެސް ނައީމްވެސް ހިތާމަ ކުރެއެވެ. އެކަމަކު އެކަމަށް އެމީހުންގެ ހައްޤެއް ނެތީއެވެ. ކައިވެނީގެ ރޭގެ ވަދާއަށްފަހު އެއީ އެހެން މީހެއްގެ ބެލެހެއްޓުމުގެދަށުގައިވާ ދަރިއަކަށް ވީއެވެ.

*********

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *