ކުރުވާހަކަ: ހަޔާތުގެ ކުލަތައް

އެއީ ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅެވެ.

ހަމަހިމޭން މެންދަމަކަށްފަހު، އުފާވެރި ދުވަހަކަށް އަލިވިލެމުންދަނީއެވެ. ކާޅާއި ކޮވެއްޔާއި ކުކުޅުހާލުގެ އަޑުން ފަޒާގެ ހިމޭންކަން ފޫއަޅުވަމުންދެއެވެ. އޭރު ފަތިސް ނަމާދުން މީހުން ފައިބައިފިއެވެ. އަނެއްކާވެސް އާދުވަހަކަށް އަލިވިލުނީއެވެ. ފަތިސްނަމާދުން އައިގޮތަށް އާދައިގެމަތިން މިއަދުވެސް މޫސަ މަސައްކަތް ފަށައިފިއެވެ. ފަތިހަށް ގޮވާ ހާލާއެކު ކޮންމެ ރެޔަކުވެސް އޭނާ ތެދުވެއެވެ. ފަތިސްނަމާދުކޮށްގެން އޭނާގެ މަސައްކަތް ފަށައެވެ. ބޮޑު ނައިލޯނު ގޯންޏެއްގެ ތުންހުޅުވައިގެން އިނދެ އޭނާ އޭގެތެރޭގައި އޮޅުން ބޮޅުންވެފައި އޮތް ބޮޑު ނައިލޯނުގަނޑެއް މިންޖުކޮށް ފަށްތައް ނިއުޅުވަމުން ދިޔައެވެ. އޭރު އޭނާގެ ދިރި އުޅުމުގެ ޞަފްހާތައްވެސް އޮޅެމުން ނިއުޅެމުން ޚިޔާލީ ސްކްރީނުގައި ދައުރުވަމުން ދިޔައެވެ.

*****
ވާއެޅުމަކީ މޫސަ ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މަހެއްގެ ތެރޭން އޭނާއަށް ގަދަވެ ހުންނަންލިބޭ ދެތިން ދުވަހު އޭނާ ހޭބޯނާރައި މަސައްކަތްކުރެއެވެ.  އަނބިދަރީންނަށް ޓަކައެވެ.މޫސައަކީ ނޭވާ ހިއްލާމީހެކެވެ. އޭނާއަށް އެކަމެއް ޖެހުނީ ދެވަނަ ދަރިފުޅު ލިބުނުތާ މާގިނަދުވަހެއް ނުވަނީހެވެ. އޭނާގެ ދޮށީދަރިފުޅު އައިމިނައަށް އަދިވީ އެންމެ ތޭރަ އަހަރެވެ. ދެންހުރީ އިބްރާހިމެވެ. އޭނާއަށް ދިހަވަރަކަށް އަހަރު ވީއިރު ޝުހާންއަށް އޮތީ އަށް އަހަރަށެވެ. އަދި ހަތަރުވަނަ ދަރިފުޅު މައުސޫމަށް ހައަހަރަށް އޮތްއިރު ފަސްވަނަ ދަރިފުޅު ފާތުމައަށް އޮތީ ހަތަރު އަހަރަށެވެ. އަދި ހަވަނަ ދަރިފުޅު ރުޤިއްޔާއަށް އޮތީ ދެއަހަރަށެވެ. ހަދަރިންނާއި އަތްބަކު ގޮވައިގެން ބަލިހާލުގައި މޫސައަށް އުޅެންޖެހިފައި ވަނީ ދަތިދިރިއުޅުމެކެވެ. އެދަތިކަމަށް ކުޑަވެސް ލުޔެއް ލިބިފައިވަނީ އަންހެނުންގެ ބައްޕަގެ ފަރާތުންނެވެ. އަންހެނުންގެ ބައްޕައަކީ ފޯރާ މީހަކަށް ވާތީއެވެ. ގޭގައި ދެދޯނިމަހަށް ދުއްވާތީއެވެ. އެހުރިހާމަހެއް ކައްކާ ހިއްކާނީ އަންހެނުން ސަންފަ އާއި މައިދައިތަ ސިއްތިއެވެ. މޫސަގެ ކަމަކީ ދަރު ފަޅައިދިނުމާއި މަސްކަނޑައި ދިނުން ފަދަ ކަންކަމެވެ. ބައެއް ދުވަސް ދުވަހު އޭނާވެސް މަހަށް ދެއެވެ. ދުވަސްތައް ތަކުރާރުވެ ވޭތުވަމުން ދިޔައީ އެގޮތުގެ މަތީންނެވެ.

އެއީ ހިޖުރައިން ތޭރަސަތޭކަ ނުވަދިހަ ވަނަ އަހަރުގެ ޒުލްޤައިދާ މަހުގެ ދުވަހެކެވެ. މެދުގޭތެރޭ އުނދޯލީގައި މޫސައިނީ އެގޭގައި މަހަށްދުއްވާ ދެދޯނީގެ ތެރެއިން ބޮޑުދޯނީގެ އެންދާ ހަދާށެވެ. ގޭތެރޭގައި ކުދިވެރިން ކުޅެން އުޅެއެވެ. އޭރު ސަންފަ އާއި މައިދައިތަ އުޅެނީ މަހު ކަށިނަގައި ދުމަށި މަތީގައި މަސްޖެހުމުގައި އަވަދި ނެތިވެގެންނެވެ. ކުލިއަކަށް ރޮއިހޭރެމުން ގޭތެރެއަށް އައިސް އެވަނީ ބޮޑުދައިތައެވެ. ދެލޯ ތަންމިނަށް ހުޅުވައިގެން ބިރުގެންފައި ޝުހާން ހުރީ ބަލަހައްޓައިގެންނެވެ. އަޑުން އަޑުނަގާ ބޮޑުދައިތަ ރޯތީއެވެ. ބަސްމަދު އެހާމެ މަޑުން ހުންނަ ޝުހާންއަކީ މީހަކު ރޯތަން ފެންނައިރަށް ވަރަށް ކަންބޮޑުވާ ކުއްޖެކެވެ.

”އައްތާ! ކިޔެއްވުދޯ ތި ހޭރެނޫ“ ޝުހާންގޮސް ބޮޑުދައިތަ ގާތު ހުއްޓެމުން ބުންޏެވެ.
“ މޫސާ، ދަރިފުޅާ، މަގޭ ނަޢީމެއްވާ ނެތް“ ބޮޑުދައިތަ ވާހަކަދެއްކީ އެންދާ ހަދަން އިން މޫސަ އާއެވެ.
މޫސަވެސް ތެދުވެގެންގޮސް ބޮޑުދައިތަ ގާތު ހުއްޓުނެވެ. ބޮޑުދައިތަގެ ރުއިމުގެ އަޑަށް ދުވެ މަރުވަމުން ސަންފަ އާއި މައިދައިތަވެސް ގޭތެރެއަށް އަތުވެއްޖެއެވެ. އޭރު ކޮންމެ މީހަކުގެ އަތުގައިވެސް ކަށިފިލުވަން ނެގި މަސްކިބަ އޮތެވެ.

”ކިޔެއްދޯ ވު“ ތިންމީހުންނަށްވެސް އެއް ފަހަރާ އެހުނީ އެހެންނެވެ.
“ މަގޭ ނަޢީމް މަރުވެއްޖެ.“ ބޮޑުދައިތަގެ ރުއިމުގެ އަޑު އަދި ކުރިއަށް ވުރެވެސް ބާރު ވެއްޖެއެވެ.
“ ބޮޑާއްތާ އެޔަށް ކިޔެއްދޯ ވު“ އެންމެ ހަތް އަހަރުގެ ނަޢީމް ހަމަކުއްލިއަކަށް ނިޔާވީ ކީއްވެ ހެއްޔެވެ؟ އިއްޔެ އާއި ހަމައަށް އެސޮރު އުޅުނީ ގަދަވެއެވެ. ރުއްފައު ތެރޭގަޔާއި ހޭޅިގަނޑު ތެރޭގައި އެހެންކުދިންނާއި އެކު ސަކަރާތްޖަހައި އުޅެނިކޮށް މޫސަވެސް ދުއްޓެވެ. އިއްޔެ ހަވީރު އެސޮރު މިގެއަށް އައިސް ޝުހާނު ގާތުގައި ކަށިކޭލުފަތުން ދޯންޏެއް ހަދަންވެސް އުޅުނެވެ. ވީމާ، ނައީމް މަރުވެއްޖޭ ބުނީމާ އެންމެންނަށްވެސް ލިބުނީ ބޮޑު ހައިރާން ކަމެކެވެ.

”ދެފަހަރަކަށް މެންދުރުވީ ތަނާ ހޮޑުލީ، ޢަސުރު ވުމާއި ދޭތެރޭ ހައެއްކަ ފަހަރު ބޮޑުކަމުވެސް ދިޔަ. ދެންމެ މާބޮޑަށް ވަރުދެރަވެފައި ހަރަކާތެއް ނެތިފައި އޮންނާތީ ކަތީބު ގެނައިމާ އޭނާވެސް ބުނެފި މިހާރަކު ފުރާނައެއް ނެތޭ“ ބޮޑުދައިތަ ރޮއެގަތެވެ. ކުރަން ހުރި ހުރިހާ މަސައްކަތެއް ބަހައްޓާފައި، ބޮޑުދައިތަ އާއި އެކު އެމީހުން ހިނގައިގަތީ އެގޭދޮށަށެވެ.
އިރު އޮއްސުމުގެ ކުރިން ނަޢީމް ވަޅުލާ ނިންމާފައި މޫދަށްއެރި ތާހިރުވެގެން މޫސައަށްވެސް ގެއަށް އާދެވުނުއިރު މަޣުރިބު ނަމާދަށް ބަންގި ގޮވައިފިއެވެ.

އެއީ ކޮލެރާގެ ފެށުމެވެ. ސިއްޚީ ފަރުވާ އެއް ލިބޭނެ އެއްވެސް ގޮތެއް ނެތް ރަށްފުށުގައި އެދުވަސްވަރުގެ ހާލަތު ހުރީ އިންތިހާ ދަރަޖައަށް ދަށުގައެވެ. އަނެއް ދުވަހަށް އިރު އެރި އިރު އެތައް ބަޔަކަށް މިރޯގާ ޖެހިއްޖެއެވެ. އެއްގޭގެ ހަތަރު ފަސްކުދިންނަށްވެސް ޖެހިފައި ތިއްބެވެ. ކުދިންނާއި ބޮޑެތި މީހުންވެސް ހޮޑުލާ ބޭރަށް ހިންގަނީއެވެ. ރަށު އޮފީހުން އަންގަނީ ފެންދިނުން މަދުކުރުމަށެވެ. ހޮޑުލުމާ ބޭރަށް ހިންގުން ކޮންޓްރޯލްވާނީ އެގޮތަށްކަމުގައި ރަށުގައި ތިބި ކަމުވޮށިގެންވާ މީހުންނަށް ހީވަނީ އެވެ. ދެވަނަ ދުވަހަށް އިރު އޮއްސުނު އިރު މިރޯގާގައި ތިން މީހުން މަރުވެގެން ވަޅުލައިފިއެވެ.

އަނެއްދުވަހަށް އިރު އެރި އިރު ރަށުގެ އާބާދީގެ ގިނަމީހުންނަށް މިބަލި ޖެހިއްޖެއެވެ. އެހެންކަމުން ހާލުބޮޑު ބަލިމީހުންތައް މާލޫދު ހަރުގެއަށް ގެންގޮސް އެތާނގައި ބައިތިއްބައިގެން ފަރުވާކުރަން ފަށައިފިއެވެ. ކުރަނީ ކޮންކަހަލަ ފަރުވާއެއްކަމަށްތޯއެވެ. ތަށިތައް ލިޔެ މަތުރާ ފެންވަރު ވަނީއެވެ. ފާޑުފާޑުގެ ތަކެތިން ދުންއަޅާ ކިޔެވެލިތައް ކިޔަވަނީއެވެ. އިރުއޮއްސުމުން ރަށުތެރޭގައި ދުން މުޖުމަރާއެއް ހިފައިގެން މުދިންމީހާ އާއި އެނޫން މީހުންވެސް ނުކުމެ ބަންގި ގޮވާ ތަކުބީރު ކިޔަނީއެވެ. ރޯގާ ފެށުނުތާ ތިންވަނައަށްވީ ދުވަހުގެ އިރު އޮއްސުނު އިރު މިރޯގާގައި ރަށުން ހަ މީހުން މަރުވެއްޖެއެވެ.

ޢިޝާ ނަމާދު ކޮށްލައިގެން މޫސަވެސް އޮތީ ކުދިންކައިރީގައި އޮށޯވެގެންނެވެ. އޭނާގެ ހަކުދިންނަށް މިރޯގާ ފެށުނު ފަހުން ގެއިން ނުކުތުންވެސް ވަނީ މަނާކޮށްފައެވެ. އަދި މީސްމީހުންދޭ ކާއެއްޗެތި ނުކެއުމަށްވެސް މޫސައާއި ސަންފަ އެމީހުންގެ ދަރިންނަށް އަބަދުމެ ނަޞޭޙަތްތެރިވެއެވެ. މޫސަ އޭނާގެ ހަދަރިންދެކެ ނުހަނު ލޯބިވެއެވެ. އެހުރިހާ ކުދިންގެ ތެރެއިންވެސް މޫސަ އެންމެ ލޯބިވަނީ ހަގުދަރިފުޅު ޝުހާން ދެކެއެވެ. އޭގައި ސަބަބުތަކެއް ވެސް ހުއްޓެވެ.

މޫސަގެ އެހެން ހުރިހާ ދަރިންނަށްވުރެ ޝުހާންގެ ބުރު ސޫރަ ރީއްޗެވެ. ދޮނެވެ. ބަސްމަދެވެ. ކިޔަމަންތެރިއެވެ. އަދި އެހާމެ ތޫނު ފިއްޔެވެ. ހަޤީޤަތުގައި ޝުހާން ހީވަނީ ރަސްދަރިކަލެއް ހެންނެވެ. އޭނާގެ މޫނާއި ހަށިގަނޑުން ސިފަވާނީ ޝާހީ އަމީރެއްގެ ސިފަތަކެވެ. ހަމައެކަނި ތަފާތަކީ އެނާއަކީ ރަށްފުށުގެ އެކަހެރި ހިސާބެއްގައި ބޮޑުވަމުން އަންނަ ކުއްޖެއް ކަމެވެ. ރަސްދަރިދަރިކަލުން އަޅާފަދަ ހެދުމެއް އޭނާއަށް އަޅަން ލިބިފައި ނެތްކަމެވެ. އެހެން ނޫންނަމަ ޔަޤީނެވެ. ދެކޭ ކޮންމެ މީހަކަށް ޝުހާނު ފެންނާނީ ޝާހީ އަމީރެއްގެ ގޮތުގައެވެ. ގުދުރަތު އޭނާއަށް ދެއްވާފައިވަނީ އެފަދަ މަޤާމެކެވެ. ހުރިހާގޮތަކުންނެވެ. އެހެނަސް މޫސަ ޝުހާންދެކެ އެހާބޮޑަށް ލޯބިވާކަން އަބަދުވެސް އެހެން ކުދިންނަށް ވަންހަނާ ކުރެއެވެ. އެހެން ކުދިންވެސް ޝުހާންދެކެ ވަރަށް ލޯބިވެއެވެ. ބަފައިބެވެސް އެހާވަރު ހުންނާނެއެވެ.

ޝުހާން އާއި ބެހޭ ގޮތުން އެހެން މީހުންނަށް ނޭނގޭ ސިއްރެއް މޫސަ އާއި ބަފައިބެއަށް އެނގެއެވެ. އެއީ ޝުހާން ދުނިޔެއަށް އައިރޭ މުދިން ކަލޭފާނު ބުނިބަހެވެ. މުދިންކަލޭފާނަކީ، ދެކުނުގެ ހަތަރު އަތޮޅުގައި އެފެންވަރުގެ ދެވަނަ މީހަކު ނެތްވަރުގެ ބޮޑު ކަންވެރިއެކެވެ. ފަންޑިތަވެރިއެކެވެ. އޭނާ ބުނެފި ބަހެއް ކަސިޔާރެއް ނުވާނެއެވެ. އެކަމަށް ދެބަހެއް ނެތި އެއްބަސް ވާނޭ ކިތަންމެ ބަޔަކު މުޅި ރާއްޖޭގައި ތިބޭނެއެވެ.

ސަންފަ ޝުހާނު ވިހޭ ރޭ މުދިން ކަލޭފާނު އެދަރިފުޅުގެ ކަންފަތްދޮށުގައި ބަންގި ދީފައި ނުކުމެ އުޑުމަތި ބަލާލާފައި ވަދެ، މޫސަގެ ކަންފަތު ފޫޅުގައި ވިކައިގެންފައި ބުނިބަހަކީ މޫސަގެ ހިތުގައި ތާއަބަދަށް ބިންވަޅު ނެގި ވާހަކައެކެވެ. މުދިން ކަލޭފާނު އެރޭ ބުންޏެވެ. ”މޫސާ އެވެ. ކަލޭގެ ފުށުން މިދުނިޔެއަށް މިއުފަންވީ ރަސްކަލެކެވެ. ކަލެއަށް ވަންޏާ، މޫސާ މަލިމަ، ދޮންހިޔަލަ ފޮރުވައިގެން ގެންގުޅުނު ފަދަ ވަޅުގަނޑުވަރެއްގައި މިދަރިފުޅު ހޭޖެހި ކިޔެވެންދެން ގެންގުޅޭށެވެ. އެސްފީނާ ގަދަ މީހުންގެ ލޯތަކުން ރައްކާތެރި ކުރާށެވެ. ހަނދާން ބަހައްޓައްޗެވެ. މިދަރިފުޅުގެ ޅަފަތުގައި ފެތުރޭ ޠާއޫނަކާއި ބައްދަލުކުރާނެއެވެ. ސަލާމަތުން މިދަރިފުޅު މާތްރަސްކަލާނގެ ދުނިޔޭގައި ލަހައްޓަވައި ފިއްޔާ އޭނާ މިޤައުމުގެ ވެރިކަމުގެ ގޮނޑީގައި އިށީންނާނެއެވެ.“ އެހެން ބުނެފައި މޫސަގެ އަތު ހިފައިގެން ނުކުތީ ގެއިން ބޭރަށެވެ. ހަލުވި ހިނގުމުގައި އޭނާގެ އަތުގައި ހިފައިގެން ދިޔައީ ގޮނޑު ދޮށަށެވެ.

ގޮނޑު ދޮށަށް ފައިބާފައި ހޯލި ދަނޑިކޮޅަކުން ރާޅު ޖަހާފަށުގައި މުދިން ކަލޭފާނު ކުރެހީ ކޮންމެވެސް އެއްޗެހިތަކެކެވެ. އެކުރެހި އެއްޗެއް ކުރަހާފައި ބޮލުގައި އޮތް ފޮށާ ނަގައި ދުރަށް ފޮޅާލާފައި މޫސަގެ ގާތަށް އައިސް އުޑުމަތި ދައްކާލިއެވެ. ހަނދުނެތް ކަޅުފޮއެ ރެއެއްގައި ތަރިތައް ވިދާ ބަބުޅާއި އިރު ހީވަނީ ކަޅު ފޮތިގަނޑެއްގެ މައްޗަށް އަލިމަސްތަކެއް އުކާލާފައި އޮތް ހެންނެވެ.

”އެހެރަ އަލިގަދަ ތަރި ބަލާ. އެއީ ރަސްކަލަކު ދުނިޔެއަށް އުފަންވާ ރޭރެއަށް އުޑުމަތިން ފާޅުވާ ތަރިއެއް. ކެތި މެދުޖެހިފައި ހުންނަ ރެއަކު އަރާއިރާއި މުރިނގާއި ދެމެދުން މިތަރި ފާޅުވެޖިއްޔާ އެރެއަކު ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ރަސްކަލަކު އުފަންވާނެ. އޭނާގެ ކަނާތު ފައިގެ ތަނބިކައްޓަށްވުރެ ތަންކޮޅެއް މަތީގައި އަޅިލަފެއް ހުރެފައި ދެބުމަ ދެމެދުގައި ލޭލަފެއް ފާޅުވާން ހުރެއްޖެ ނަމަ އެއީ އެކުއްޖަކީ.“ މުދިން ކަލޭފާނު ބުންޏެވެ.

”ހަނދާން ބަހައްޓާތި، އޭނާ ބަލިވެފައި ހުއްޓައި ހަނދު މެދުއުޑަށް އަރާ ވަގުތަށް އޭނާ، ހާމަ އުޑުދަށަށް ނުނެރޭތި. އަދި އެފަދަ ރެއެއްގައި އޮއްސޭ އިރުގެ މިސްރާބުން ދުންތަރިއެއް ފާޅުވާން ހުރެއްޖިއްޔާ އެ ދެން އުންމީދު ކެނޑުނީ.“ މުދިންކަލޭފާނު މާނޭވާއެއް ލަމުން ބުންޏެވެ.

މުދިންބޭގެ އެވާހަކަތަކާއި އެރޭގެ އެހަނދާންތައް މޫސަ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.  ޝުހާނު ދުނިޔެއަށް އައި ފަހުން ކޮންމެ ރެއަކުވެސް ފަތިސް ނަމާދުކޮށްގެން އިރު އެރުމުގެ ކުރިން މުދިން ކަލޭފާނު މޫސަގެ ގެއަށް އާދެއެވެ. ޝުހާނު ދެކިލާށެވެ. އަދި ޝުހާން ހޭލައި އޮތިއްޔާ އުރާލާނެއެވެ.

 މުދިންކަލޭފާނު ނިޔާވީ އެއްރޭގެ ފަތިހު މިސްކިތުގައި ފަތިސް ނަމާދަށް ހުއްޓައި ހަމަ ކުއްލި އަކަށެވެ. އޭރު އަދި ޝުހާނަށް އަހަރެއްވެސް ނުވެއެވެ. މުދިން ކަލޭފާނު ނިޔާވުމުން އެކަމާއި އެންމެ ބޮޑަށް ހިތާމަކުރި މީހަކީ މޫސައެވެ. އެއީ ޝުހާނު ދުނިޔެއަށް އުފަންވުމަށް ފަހު އެމީހުންގެ މެދުގައި އުފެދިފައިވާ އާދަޔާ ޚިލާފް ގުޅުމުގެ ސަބަބުންނެވެ.

މެންދަންވަމުން ދިޔަވަގުތެވެ.  ބިރުވެރި ހުވަފެނެއްގެ ތެރޭން މޫސައަށް ހޭލެވުނީ ދަރިފުޅު ޝުހާން ގޮވާއަޑަށެވެ.
“ އައްޕާ، މަހޮޑުލަވަނޫ“ އެއަޑު މޫސައަށް އިވުނީ ހޮނު ގުގުރިއެއް ހެންނެވެ. ރަށުގެ އެތައް ބަޔަކު މަރުވެ ފަނާވަމުންދާ ނުރައްކާތެރި ރޯގާ އޭނާގެ ދަރިފުޅަށް ޖެހިއްޖެ ކަމުގެ ބިރު ހީވެއްޖެއެވެ.

”ސަންފާ. ސަންފާ“ ދެފަހަރަކު މޫސަ ގޮވާލި އަޑު އިވިފައި އެތެރެ ގޭތެރެއިން ސަންފަ ނުކުތީ އަލިފާނޯއްޔޭ ގޮވީމާވެސް ނުނުކުންނާނެހާ ހަލުވިކޮށެވެ.

”މިސޮރު ހޮޑު ލަވަނީއްޔޭ، އަވަހަށް ލުބޮޔަކުން ފަނި ތައްޓެއް ގިރާބަލަ“ މޫސަގެ އަޑުގައި ހުރީ ކަންބޮޑުވުމާއި ބިރެވެ. އޭނާގެ ހިތް ނެގިނެގިފައި ޖެހެނީ އެވެ. އެތައް އުއްމީދުތަކެއް އެދަރިފުޅާއި މެދު އޭނާއަށް ކުރެވޭ ދަރިފުޅު އަތުން ބީވެގެން ހިނގައިދާނެތީ ބިރުގަތީއެވެ.

“ މިގެޔަކު ލުބޮއެއް ނެތޭ. އިރު އޮއްސުނު އިރު ތުއްތުބޭ އައިސް ބުނީމާ އޮތް ލުބޯވެސް ދެވިއްޖެ. އެކަމަކު ގިފިލި ފަރާތު ގަހުގައި ހުތްފެލޭވަރުގެ ލުބޯ ހުންނާނެ“ ސަންފަވެސް ހުރީ ކަންބޮޑުވެފައެވެ.

ދެކުނު ފަރާތު ދޮރު ހުޅުވާލާފައި މޫސަ ނުކުތެވެ.  އަތުގައި ފުޅިބައްތިއެއް އޮތެވެ. ފުރަ ދަންވަރު އޭނާ އެދަނީ ލުނބޯ ބިންނާށެވެ. ތެދެކެވެ. މައިންބަފައިންގެ ލޯތްބަކީ އެކަހަލަ އެއްޗެކެވެ. ދަރިންނަށްޓަކައި ފަރުބަދައެއް ކަނޑަށް ޖެހުނަސް އެމީހުން ފަހަކަށް ނުޖެހޭނެވެ. އަޒުމަކަށް ބަދަލެއް ނާންނާނެއެވެ. މައިންބަފައިން އެމީހުންގެ ދަރިންނަށްޓަކައި ލެޔާ ފުރާނައިން ޤުރުބާންވާއިރު، ކަނު އަނދިރީގައި ލުނބޯގަހަކުން ލުނބޯބިނުމަކީ އުނދަގޫ ކަމަކަށް ވާނެ ހެއްޔެވެ؟

އެތައް އުނދަގުލަކުން މޫސައަށް ބިނދެވުނީ ދެލުނބޮއެވެ. އެހިފައިގެން އޭނާ ގަސްދަށުން ނުކުންނަނިކޮށް ހަނދުވަރުގެ އަލީ ތެރެއިން މަތިން އުދުހިފައި ދިޔަ އެއްޗެއްގެ ހިޔަނި ބިމަށް އެޅުމާއި އެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. އުޑަށް ބަލާލި އިރު ބުރުހަމަ ހަނދު ހުރީ މެދު އުޑުގައެވެ. ބަލާލެވުނު ގޮތަކުން މޫސަގެ ލޮލުގައި އަޅައިގަތީ އުޑުމަތިން ފާޅުވަމުން އަންނަ ދުންތަރިއެކެވެ. އޮއްސޭ އިރާއި ވީފަރާތުންނެވެ. މޫސަގެ ދެފައި ތުރުތުރު އަޅައިގަތެވެ. މުދިންބޭ ބުނި ސުންޕާ ވަގުތު ޖެހުނީކަން މޫސައަށް އެނގުމުންނެވެ. މޫސަ ދުއްވައިގަތީ ގެއާއި ދިމާއަށެވެ.

ގެއަށް ވަންނަން އައި މޫސައަށް ރޮއެގަނެވުނީ، ޝުހާންގެ ހާލަށްވުރެ ބޮޑަށް މުދިންކަލޭފާނު ނުކުރަން ބުނި ކަމެއް ހިނގީމައެވެ. ސަންފަ އާއި މައިދައިތަ ތިބީ ޝުހާންގޮވައިގެން ގޭދޮރު މައްޗަށް ނުކުމެއެވެ. އަނދަރާދަ ގޮނޑިއެއްގައި އިންޝުހާން ހޮޑުލަމުން ދިޔައިރު އޭނާ އާއި އުޑާއި ދެމެދު އެއްވެސް ނިވަލެއް ނެތެވެ. މެދު އުޑުގައި ހުރި ހަނދުގެ ސީދާ ދޯދިތަކުން ޝުހާންގެ ހިޔަންޏެއް ފާޅުވާކަށްނެތެވެ.

”މާތްކަލާނގެ ރަސްކަންފުޅަށްޓަކައި، މަގޭ ދަރި ގޭތެރެއަށް ވައްދާ!“ މޫސަ އަށް ބާރަށް ބުނެވުނީ އެހެންނެވެ.

މޫސަ ޝުހާންގެ ގައިގައި އޮޅުލައިގަތެވެ. ”މަގޭ، ދެލޮލާ، ރަންކޮޅާ“އޭ ބުންޏެވެ. މޫސައަށް ގިސްލެވިއްޖެއެވެ. ސަންފަ އަށްވެސް ރޮވޭގޮތްވެއްޖެއެވެ. މޫސަ ޝުހާން އުރާލައިގެން އޭނާ ގޮވައިގެން ވަނީ އުނދޯލިގޭތެރެއަށެވެ. އުނދޯލީގެ ބާލީސްތަކާއި ކަންނެޔޮތަކުން ދާންތައްޔާރުކޮށް ޝުހާން ބޭއްވިއެވެ.

ހިނދުކޮޅެއްވެސް ނުވަނީ މައިދައިތަ ލުބޯފަނި ގިރައިގެން ގެނެސްފިއެވެ. ކުޑަ އެތިއެތި ފޮދުން ޝުހާންއަށް ފަނި ދެވޭތޯ ސަންފަ އުޅެއެވެ.

މޫސަ ނުކުތީ، ސެންޓަރު ހޯދާކަށް ނޫނެވެ. މުދިންކަލޭފާނުގެ އަލިމަނިކު ހޯދާށެވެ. އޭނާގެ ދަރިފުޅު ޝުހާންއަށް ޝިފާއެއް ހޯދާށެވެ. ކޮލެރާގެ ރޯގާ އެރަށުގައި ފެށި މީހުންތައް މަރުވަމުންދާއިރު ސަރުކާރުން އެރަށަށް ފޮނުވި ޓީމު އައިތާ މިވީ ދެދުވަހުގެ ތެރޭގައިވެސް ހާލަތު ކޮންޓްރޯލެއް ނުކުރެވެއެވެ. ހޭލުންތެރިކަން ކުޑަކަމުން ސެންޓަރު ދައްކާ ވާހަކަ އާއި ޑޮކްޓަރީ ބޭސްވެރިކަން އެމީހުންނަށް ޤަބޫލު ނުކުރެވެނީ އެވެ. މާލޫދު ހަރުގޭގައި މީހުންތައް ބައިތިއްބައިގެން ސަރުކާރުގެ ޓީމުން ފަރުވާ ކުރަމުންދާއިރު، އެތަނުން ކޮންމެ ދުވަހަކު އެތައް ޤަބުރެއް ނެރޭތީއެވެ.

މޫސަ މަގުމައްޗަށް ނުކުތް އިރު ބައެއް ގޭގޭގެ ފުޅަށް ކައިރީގައި ޖަހާއިފައި ހުރި ކޮރު ދަންތަކުން މަގުމައްޗަށްވާ އަލި ފިޔަވައި އެހެން އަލިކަމެއް ނެތެވެ. މުދިންބޭ ގެއާއި ދިމާއަށް މޫސަ ހިނގަމުން ދިޔައީ ހަލުވި ކޮށެވެ. އޭރު މަގުގެ ދެފަރާތުގައި ހުރި ގެތަކުން މީހުންގެ ރުއިމާއި ގިސްލުމުގެ އަޑު އިވެއެވެ. ހޮޑުލާން މީހުން އޯކާ ދެމޭ އަޑު އިވެއެވެ. އެކަމަކު އެއަޑުތައް މޫސައަށް ނީވޭ ކަހަލައެވެ. މޫސައަށް މުދިންބޭ ގެއާއި ހަމައަށް ދެވުނު އިރު ފަތިސްނަމާދަށް އަލިމަނިކު ގޭން ނުކުންނަނީއެވެ.

”މަގޭ ދަރިއެއް ނެތް. އަވަހަށް ހިނގާބަލަ ކަމެއް ކޮށްލައިދޭން ދާން“ މޫސަ އަލިމަނިކުގާތު އާދޭސް ކުރިއެވެ.

”ދަރިފުޅު މާލޫދު ހަރުގެއަށް ގެންދޭ! އަހަރެމެންގެ ފަރުވާއަށް ވުރެ އެމީހުންގެ ބޭސްވެރިކަން މޮޅުވެގެން ރަށު މީހުން އެއުޅެނީ“ އަލިމަނިކު ހުރީ ނުރުހިފައެވެ. މާލޫގެ ހަރުގެއަށް ބަލިމީހުންތައްޖަމާކޮށްގެން ފަރުވާދިނުމުގެ އިތުރުން ފަނޑިތަ ވެރިންނާއ ދިވެހި ބޭސްވެރިންގެ ފަރުވާ ނުދީ ބަލިވާ ކުދިން މާލޫދު ހަރުގެއަށް ގެންނަން އަންގާތީއެވެ.

”މަގޭ ދަރި ނުގެންދާނަން އެތަނަކަށް. ދެން ހިނގާ އަލިމަނިކާ“ މޫސަ ކުރީ އާދޭހެވެ.

”ރަތު ރުކަކު ބޮންތިއެއް ކަނޑާ! ނަމާދުކޮށްލައިގެން މިދަނީ“ އަލިމަނިކު ބުނީ އެހެންނެވެ.

ހޭވައްލާ ތައްޔާރޭ ބުނެފައި މޫސަ ދުއްވައިގަތީއެވެ. އޭނާ އެފަތިސްދަމުގައިވެސް ވަލުތެރޭން ރުކަކަށް އަރައި ބޮންތިއެއް ކަނޑައިފިއެވެ. މޫސަ ގޭދޮށަށް އައި އިރު އަލިމަނިކު ވެސް އައިސް ގޭގެ ދޮރާއި އަރައި ހަމަކުރަނީއެވެ. އޭރު ގޭތެރޭގެ ހާލަތު އޮތީ ގޯސްވެފައެވެ. ކުޑަ ދަރިފުޅު ފާތުމަވެސް ހޮޑުލައި ބޭރަށް ހިންގަނީއެވެ. އޭރު ގޭތެރޭގައި އުތުރު ފަރާތު އެނދުގައި ޝުހާން އޮތް އިރު އެސޮރު އޮތީ ތަނުއެޅި ކުނަލެއްހެން ދެމިފައެވެ. ފާތުމަ ހޮޑުލާތީ، މައިދައިތަ އާއި ސަންފަ އޭރު އުޅުނީ އެކުއްޖާ ގޮވައިގެންނެވެ.

އަލިމަނިކު ފެންތައްޓެއް ކިޔަވާލާފައި ޝުހާންގެ ގަޔަށް ފެންބުރުވާލާފައި، ބޮންތިފަނުގައި އޭނާ ލިޔުނު އެއްޗެއް ލިޔެފައި ބޮލުގައި އެޅުވީ ފަންވަތެކެވެ. އަދި އަސުރުފަހުން އަންނާނެ ކަމަށް ބުނެފައި ނުކުތީއެވެ. ވަރުހުސްވެފައިވާ ޝުހާން އެނދުމަތީގައި އޮތީ ހަރަކާތެއް ނެތި ދެލޯ މެރިފައެވެ. އޭނާ ނޭވާލާތީ ފުރާނަ ހުރިކަން އެނގެއެވެ.

”މޫސާ. މިކުދިން ގޮވައިގެން މާލޫދު….“ ސަންފައަށް އޭނާގެ ޖުމުލަ ފުރިހަމަ ނުކުރެވެނީސް ބަފައިބެގެ އަމުރުއައެވެ. އެއްވެސް ކުއްޖަކު ގެއިން ބޭރަށް ގެންގޮސްގެން ނުވާނެ ކަމެވެ. ބައިފައިބެ އިނީ ޝުހާނުގެ ގާތުގައި އޭނާގެ ބޯލާކޮޅުގައި އިށީނދެއެވެ. މޫސަ ހުރީ ކޮޅަށެވެ. ދެން ހަދާނެ ގޮތެއް އެމީހުންނަކަށް ނޭނގެވެ.

ދެލޯ ހުޅުވާލާފައި ޝުހާން ގޮވީ ފެނަށެވެ.  ފެންރުނބަޔަށް ލޯވަށި ކޮއްޕާލާފައި މައިދައިތަ ގެނައި ފެންތަށީގައި މޫސަ ހިފާފައި ޝުހާން އަތްދަނޑިމައްޗަށް ނަގައި އޭނާގެ ތުންފަތުގައި ޖެއްސުމުން އޭނާ ފެން ލޯވަށި ދަމާލީ އެއް ނޭވާއިންނެވެ. ދެވަނަ ސިކުންތުގައި އޭނާ ހޮޑަށް އޮބިގެންފިއެވެ.

”ތިޔަ ރޯފެންތައް ނުދޭށޭ. ވަކި ނުވާނެ ރަނގަޅެއް“ އަނެއްކާވެސް ބަފައިބެ އަނގަތަޅުވައި ގަތެވެ. މޫސަ ހުއްޓުން އަރާފައި ހުރީއެވެ. ކުރާނެ ކަމެއް އޭނާއަކަށް ނޭނގެއެވެ.

އަސުރުން ފައިބައިގެން އަލިމަނިކު އަންނަންދެންވެސް ޝުހާން އޮތީ އެ އެނދުގައެވެ. ހޮޑުލެވުނީމާ ނުވަތަ ބޮޑުކަމުދެވުނީމާ ތާހިރުކޮށްލަ ކޮށްލައި މޫސަ ގާތުގައި އިނީއެވެ. ސަންފަ އުޅުނީ ކުޑަކުޑަ ފާތުމަ ގޮވައިގެންނެވެ. އަލިމަނިކު އައިސް ފެންކިޔަވާފައިވާ އެފެންތަށި ދޭން ބެލި އިރު ޝުހާންގެ ހުވާހެއް ނެތެވެ. އެހަށިގަނޑުން ފެން ހުސްވެ ހަށިގަނޑުގެ ގުނަވަންތައް ފެއިލްވެ ކުއްޖާ ވަރު ދެރަވެ ނިދީގައި އޮވެ ނިމިދިޔައިރުވެސް ކައިރީގައި ތިބި މީހުންނަށް ނޭނގުނެވެ.

ޝުހާން މަރުވެ ގޭތެރޭގައި މީހުންތައް އެންމެ ބޯވި ވަގުތު ބަލާފައި ފާތުމަ ކޮނޑަށްލައިގެން މައިދައިތަ ދިޔައީ މާލޫދު ހަރުގެއަށެވެ. އެއްފުރާނަ ގެއްލުނީމާ ދެވަނަ ފުރާނަވެސް ގެއްލުނަ ނުދޭށެވެ. އެދުވަހު އަސުރާއި ހަމައަށް އައިރު މާލޫދު ހަރުގެއިން އެންމެ މީހަކުވެސް މަރުވެގެން ނުނެރެއެވެ. މާލެއިން އައިޓީމު ފަރުވާތަކާއި އިންޖެކްޝަންތައް ދީ ހާލަތު ކޮންޓްރޯލްކޮށްފިއެވެ. ބަލިމީހުން މާލޫދު ހަރުގެއަށް ގެނައުމަށް ކެނޑި ނޭޅި ރަށުތެރޭގައި ގޮވަމުން ދިޔަ ނަމަވެސް ގޮތްދޫ ނުކުރާން ތިބި މަދު މީހަކު ނޫނީ ނެތެވެ.

ޝުހާން މަރުވީމާ، މޫސަގެ ހުރިހާ އުއްމީދެއް ފެނަށްވީއެވެ. އެދަރިފުޅާއި މެދު ދެކެވުނު ހުވަފެންތައް ބިލާހަކަށްވެ ނިމުނީ އެވެ. ނަސީބުގެ ތަރި އޮއްސުނީއެވެ. ހިތާމައިންގޮސް އޭނާ ހަލާކު ނުވީ ކިރިޔާއެވެ.

”އައްޕާ!“ ދެލޯ އުނގުޅަމުން އުނގުޅަމުން ގޭތެރެއިން ނުކުމެގެން އައީ ކުޑަކުޑަ ފާތުމަގެ އަޑު އިވިފައި ޚިޔާލީ ދުނިޔެއިން މޫސައަށް ނިކުމެވުނެވެ. ކޮލެރާގެ ވަބާއިން ސަލާމަތްވިތާ މިހާރު 3 އަހަރު ފުރުނީއެވެ.

މޫސަ ނިއުޅުވަމުން ދިޔަ ނައިލޯނުތަކުން ނައިލޯނު ގަނޑެއްގައި ފައި އޮޅި ވެއްޓެން ދިޔަ ވަގުތު މޫސަ އެދަރިފުޅުގައި ހިފަހައްޓައި ގެނެސް އުނގަށްލިއެވެ. ޝުހާން ގެއްލުނު ނަމަވެސް ފާތުމަ ސަލާމަތްވީ އޭނާއަށް ދެވުނު ޑޮކްޓަރީ ފަރުވާއިންނެވެ. މާލޫދު ހަރުގެއަށް ސުހާނުވެސް ގެންދެވުނު ނަމައޭ މިހާރު އަބަދުވެސް މޫސަގެ ހިތަށް އަރައެވެ. އެހެން ނޫނަމަ ފާތުމައެކޭ އެއްގޮތަށް ޝުހާންވެސް އޭނާގެ ގާތުގައި މިއަދު ހުރީހެވެ.

ކޮލެރާގެ ވަބާވީ އެރަށުގެ ރައްޔިތުން ޒަމާނަށް ލޯހުޅުވައިދިން ރޯގާއަކަށެވެ. ހުރާފާތްތަކާއި ފަންޑިތަތަކާއި ފާޑުފާޑުގެ ކިޔެވެލިތައް ރައްޔިތުން ދޫކޮށްލީ އެމީހުންގެ އަމިއްލަ ލޮލުންދެކި އަތުން ހިފައި ތަޖުރިބާ ކުރެވުމަށް ފަހުގައެވެ. އޭގެ ތެރޭގައި މޫސަވެސް ހިމެނުނެވެ. އެކަމަކު އެކަމަކުން އޭނާގެ ހިތުގެ އެންމެ ބޮޑު އުފާ ހާސިލުވުމެއް ދެނެއް ނެެތެވެ. އޭނާގެ ރަސްދަރިފުޅު ގެއްލި ދިޔައީއެވެ.

ހަޔާތުގައި އެކި ދުވަހު ދައްކާނީ އެކި ކުލައެވެ. އެކަމަކު އެކުލަތައް ބިނާވެގެން ވަނީ އެބަޔަކު އަމަލު ކުރާ ގޮތެއްގެ މައްޗަށެވެ. މިއަދު މޫސައަށް އެކަން ވިސްނެއެވެ. ތަންކޮޅެއް ކުރިން އޭނާއަށް އެކަން ވިސްނުނަމަ، މިއަދު އޭނާގެ ހަޔާތުގައި މިކުލަތަކުގެ ބަދަލުގައި ވީހީ އުފާވެރިކަމާއި އުންމީދުގެ ކުލަތަކެވެ.

–ނިމުނީ–

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *