ދިރާގުން ކުޑަކުދިންގެ ހިޔާގެ ޓީޗަރުން އިތުރު އަހަރަކަށް ސްޕޮންސާކޮށްފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން، އިތުރު އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ދިރާގުން ސްޕޮންސަރ ކޮށްފިއެވެ.

ދިރާގާއި ކުޑަކުދިންގެ ހިޔާއާއި ދެމެދު ވެވިފައިވާ މި އެއްބަސްވުން މިއަދު އިތުރު އަހަރަކަށް އާކުރެވިގެން ދިޔައިރު، ދިރާގުން އަންނަނީ 2008 ވަނަ އަހަރުން ފެށިގެން އެތަނުގެ ޓީޗަރުން ސްޕޮންސަރ ކުރަމުންނެވެ.

ދިރާގުން މިހާރުވެސް އަންނަނީ އެކި ގޮތްގޮތުން ކުޑަކުދިންގެ ހިޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އިއްޔެ އާކުރެވިގެންދިޔަ މި އެއްބަސްވުމާއި ގުޅިގެން، ކުރިޔަށް އޮތްތަނުގައިވެސް ދިރާގާއި ކުޑަކުދިންގެ ހިޔާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމުގައި ދިރާގުން ފާހަގަކުރެއެވެ.

އެގޮތުން އެތަނުގެ މުވައްޒަފުން ސްޕޮންސަރ ކުރުމުގެ އިތުރަށް ދިރާގުން މިހާރުވެސް އަންނަނީ ކުޑަކުދިންގެ ހިޔާއަށް 2008 ވަނަ އަހަރުން ފެށިގެން ޕޭރަންޓަލް ކޮންޓްރޯލާއިއެކު ހިލޭ އިންޓަނެޓް ފޯރުކޮށްދެމުންނެވެ. ހަމައެޔާއިއެކު 2013 ވަނަ އަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި 2 ކޮމްޕިއުޓަރު ލެބާއިއެކު ލައިބްރަރީ ސެޓަޕެއްވެސް ޤާއިމުކޮށްފައެވެ.

މީގެ އިތުރުންވެސް ދިރާގުން އަންނަނީ ކޮންމެ އަހަރެއްގެ ސްކޫލް ބަންދާއި ދިމާކޮށް އެކުދިންނަށް މަޖާ އުފާވެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ނުވަތަ އެފަދަ ކޮންމެވެސް ހަރަކާތެއް ރާވައިދެމުންނެވެ.

ކުޑަކުދިން ހިމާޔަތްކުރުމާއި އެކުދިންނަށް އަޅާލާ އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއެއް ކަމުގައި ދިރާގުން ހާމަކުރެ އެވެ.

އެގޮތުން މިއަހަރުގެ ކުރީކޮޅު ދިރާގުންވާނީ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެން އޮންލައިން ޗައިލްޑް ސޭފްޓީ ޕްރޮގްރާމެއް ހިންގާފައެވެ. އަދި ހަމަ މިއަހަރު އޯޓިޒަމް އެސޯސިއޭޝަނުގައި އިންޑޯ ޕްލޭ އޭރިޔާއެއް ޤާއިމުކޮށް، ކެއަރ ސޮސައިޓީއަށް ބޭނުންވާ ތަފާތު ތަކެތި ހަދިޔާކޮށްފައިވެއެވެ. އެޔާއިއެކު މިދިޔަ މަހުގެ ތެރޭގައި، ސ.ހިތަދޫ އަލް-ނޫރު ސެންޓަރު، އަދި ލ. އަތޮޅު ގަން ތުނޑި އަދި މަތިމަރަދޫގެ އިތުރުން ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ކްލާސްތަކަށް، ކޮންމެ ކްލާހަކަށް 1000،000ރ ގެ ތަކެތި ވަނީ ހަދިޔާކޮށްފައެވެ.

ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނާ ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީވެސް، ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކުރެވިގެން ބޭއްވޭ އެފަދަ އެންމެ ބޮޑު ހަރަކާތެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *