.އެޑިޔުކޭޝަން މިނިސްޓްރީގެ މަރުކަޒީ އިދާރާގައި ޑޮކިޔުމެންޓް މެނޭޖުމަންޓް ސިސްޓަމެއް ތައާރަފް ކޮށްފި އެވެ
ޑޮކިޔުމެންޓް މެނޭޖުމަންޓް ސިސްޓަމް އިފްތިތާހް ކުރުމަށް މިއަދު މިނިސްޓްރީ ގައި ބޭއްވި ރަސްމިއްޔާތުގައި މި ނިޒާމް އިފްތިތާހް ކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އެވެ.
މި ނިޒާމް އިފްތިތާހް ކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަރުކަޒީ އިދާރާގެ ޚިދުމަތް ލިބިގަންނަ އެހެން އިދާރާތަކުންނާއި އަދި ރައްޔިތުންގެ ފަރާތުން ހުށަހަޅާ ލިޔެކިޔުންތަކާއި، އެހެނިހެން މުޢާމަލާތްތަކަށް އަވަސް ޖަވާބު ދިނުމާއި، ޖަވާބު ދިންކަން ކަށަވަރު ކުރުމަކީ މިނިސްޓްރީއިން އަބަދުވެސް އަހަންމިއްޔަތުކަންދޭ ކަމެއް ކަމަށެވެ.
ޑޮކިޔުމެންޓް މެނޭޖުމަންޓް ސިސްޓަމްގެ ޒަރިއްޔާއިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މައި އިދާރާއަށް އިލެކްޓްރޯނިކް ކޮށް އަދި ކަރުދާސްކޮށް ލިބޭ ހުރިހާ ލިޔެކިޔުންތައް އިލޮކްޓްރޯނިކް ފޯމެޓަށް ބަދަލުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީ، މި ލިޔެކިޔުންތަކަށް ޖަވާބު ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ޖަވާބުދެވުނުކަން ކަށަވަރުކޮށް، ފައިލްކުރާނެ އެވެ.
އަދި މިނިޒާމުގެ ތެރެއިން މި މަސައްކަތް ބެލެހެއްޓި، މައަސަލަތައް ކުރިއަށްދާ މިންވަރު ލޮގްކޮށް، ކުރިއަށް ގޮސްފައިވާ ހިސާބު ދެނެގަނެވެއެވެ.
މީގެ އިތުރުން، މި ނިޒާމުގެ ސަބަބުން މައްސަލަ ހުށައަޅާ ފަރާތައް ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބު ދެވޭކަން ކަށަވަރު ކުރެވި، މައްސަލާގައި ގުޅާ ފަރާތްތަކަށް މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބު ފޯނަށް ޖަވާބުދޭ މުއައްޒަފުން މެދުވެރިކޮށް ބުނެދެވި އަދި މުރާޖާ ކުރަން ޖެހޭ މައްސަލަތައް ފަސޭހަ ކަމާއި އެކު ހޯދައި ބެލުމުގެ ފުރުސަތު ފަހިވެގެން ދެއެވެ. އަދި ކަރުދާހުގެ ހަރަދު ކުޑަކުރެވި، ދޭދޭ ސެކްޝަނުގެ މުއައްޒަފުންގެ މެދުގައި ލިޔެކިޔުން ދަތުރުކުރާން ނަގާ މުއްދަތު ކުޑަކުރެވިގެންދެއެވެ.
މި ނިޒާމް ބިނާކުރެވިފައިވަނީ މި މިނިސްޓްރީގެ ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް ގައި ބޭނުންކޮށް ތަޖުރިބާކޮށްފައިވާ ނިޒާމެއްގެ މައްޗަށެވެ.
ޑިޕާރޓްމަންޓްއޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރ، މުޙައްމަދު ޢާރިފް ތައްޔާރުކޮށްދެއްވި މި ސިސްޓަމް ޤާއިމްކުރެވިފައި ވަނީ މިނިސްޓްރީއާއި، ޑިޕާރޓްމަންޓްއޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ އައި.ޓީ. މުވައްޒަފުންގެ އެހީތެރިކަމާއެކުއެވެ.