ޤައުމީ އިނާމާއި ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ޤައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ އޯގަސްޓު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ އިރު، ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދިނުން އޮންނާނީ މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ބާއްވާ ރަސްމީ ޖަލްސާގައެވެ.

މި ކަން އިޢުލާން ކުރުމަށް ޤައުމީ އިނާމާއި ބެހޭ ކޮމިޓީ އާއި ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤައުމީ އިނާމު ކޮމިޓީގެ މުޤައްރިރު އަބްދުލްރަޝީދު ހުސައިން ވިދާޅުވީ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ރަސްމީ އިޢުލާން ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރެވޭނެ ކަމަށެވެ. އަދި ޤައުމީ އިނާމަކީ މުޖްތަމަޢުގެ ލާބައާއި މަންފާއަށް މަސައްކަތް ކުރާ ފަރުދުންނާއި މަދަނީ ޖަމިއްޔާތަކާއި މުއައްސަސާތަކުގެ އިތުރުން ވިޔަފާރިތަކުންވެސް މި އިނާމަށް އެދި ހުށަހެޅޭނެ ކަމަށެވެ.

މި އިނާމު ދިނުމަށް ހަމަޖައްސާފައިވާ 2 ގިންތި ކަމަށްވާ ޝަރަފުވެރިކަމުގެ އިނާމާއި ހިތްވަރު ދިނުމުގެ އިނާމުގެ ތެރޭގައި މައިގަނޑު 31 ދާއިރާއަކުން މި އަހަރުވެސް އިނާމު ދިނުމަށް ވަނީ ހުށަހަޅާފައެވެ. ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކާ ވާހަކަ ދައްކައިގެން އިނާމު ދެވޭ ބައެއް ރޮނގުތަކަށް ބަދަލު ގެނެސްފައިވާ އިރު، އެންމެ ބޮޑު ބަދަލުތަކެއް ހުންނާނީ އިޖްތިމާއީ ރައްކާތެރިކަމާއި އިންސާނީ ހައްގުތަކާ ބެހޭ ދާއިރާތަކާއި ތިމާވެއްޓާއި ހަކަތައިގެ ދާއިރާއާއި ސިއްހީ ދާއިރާއާއި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ކަމަށް އެ ކޮމެޓީން ބުނެއެވެ.

އަދި އަންހެނުންނާއި ޒުވާނުންގެ ދާއިރާއިން މި އަހަރު އިނާމު ދޭ ގޮތް ވެސް ތަފާތު ކޮށްލާފައިވާ ކަމަށްވެސް އެ ކޮމެޓީން ބުނޭ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޚާއްޞަ އިނާމު ކޮމިޓީގެ މުގައްރިރު އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ޚާއްޞަ އިނާމު 5 ދާއިރާއަކުން މި އަހަރު ދިނުމަށް ނިންމާފައިވާ  އިރު، އެ ދާއިރާތަކަކީ ޕީއެޗްޑީ ހާސިލު ކުރުމުގައި ފާހަގަ ކޮށްލެވޭ ކާމިޔާބެއް ލިބިފައިވާ ފަރާތްތަކާއި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދާ ފަރާތްތަކާއި ބައިނަލްއަގުވާމީ މުބާރާތަކުން އެންމެ މަތީ ވަނަ ހޯދާ ފަރާތްތަކަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ހައްލު ކުރުމަށް ސައިންޓިފިކް އިލްމީ ދިރާސާއެއް ނުވަތަ އާދަޔާޚިލާފު މަސައްކަތެއް ނުވަތަ އާ އީޖާދެއް އުފައްދައިގެން ފާހަގަ ކޮށްލެވޭ ކާމިޔާބެއް ހޯދާ ފަރާތްތަކާއި ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުމުގެ މުބާރާތެވެ.

މީގެ ތެރެއިން ފަސްވަނަ ގިންތީގައި ހިމެނެނީ މީގެ ކުރިން ވަކިވަކި މިނިސްޓްރީތަކުންނާއި ސަރުކާރުގެ އިދާރާތަކުން އިޢުލާންކޮށްގެން ކުރިޔަށް ގެންދާ މުބާރާތްތަކެވެ. އޭގެ ތެރޭގައި ހިމެނޭ 4 މުބާރާތަކީ ދިވެހި ބަހުގެ އެކެޑެމީން ކުރިޔަށް ގެންދާ ކުޑަކުދިންގެ ނާވިލު ލިޔުމުގެ މުބާރާތާއި އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދާ ކުޑަކުދިންގެ ދީނީ ވާހަކަ ލިޔުމުގެ މުބާރާތާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސްއިން ކުރިޔަށް ގެންދާ ދިވެހި ތާރީޚީ ހާދިސާއަކަށް ބިނާކޮށް މިއުޒިކަލް އަދި ކޮމިކް ތައްޔާރު ކުރުމުގެ މުބާރާތާއި އިކޮނޮމިކް މިނިސްޓްރީން ކުރިޔަށް ގެންދާ، ނާށިން ތަކެތި ތައްޔާރުކުރުމުގެ މުބާރާތެވެ.

އިނާމުތަކަށް ނަން ހުށަހަޅާ އިރު ޚިދުމަތުގެ ރޮނގާއި މުއްދަތު ފަދަ ތަފްސީލުތައް، ސައްހަ ލިޔެކިޔުންތަކާއި އެކު ހުށަހެޅުމަށާއި އިނާމަށް ނަން ހުށަހަޅާ ފަރާތެއްގެ ކުށުގެ ރިކޯޑުވެސް މިފަހަރު ހުށަހަޅަން ޖެހޭނެ ކަމަށް ގައުމީ އިނާމާއި ޚާއްސަ އިނާމު ކޮމިޓީން ބުނެއެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *