ޕެރިޝަބަލް މުދާ ބަލައިފާސްކޮށް ދޫކުރެވޭނެ އަވަސް އިންތިޒާމްތަކެއް ހަމަޖައްސަނީ

ރާއްޖެއަށް އެތެރެކުރެވޭ ޕެރިޝަބަލް މުދާ ދޫކުރުން އަވަސްކޮށް ހަރުދަނާ ކުރުމަށްޓަކައި ކަނޑުމަގުން ރާއްޖެ އެތެރެކުރެވޭ މުދާ ބަލައިފާސްކޮށް ދޫކުރުމަށްޓަކައި ޑެކްލަރޭޝަންސް ބަލައިގަތުމާއި މުދާ ދޫކުރުމުގެ މިހާރު ހަމަޖައްސާފައިވާ އިންތިޒާމްތަކަށް މިއަދުން ފެށިގެން ބަދަލުތަކެއް ގެންނަ ގޮތަށް ކަސްޓަމްސް އިން ހަމަޖައްސައިފިއެވެ.

މިބަދަލާއި އެކު މުދާ ބަލައިފާސްކުރުމަށްޓަކައި ޕެރިޝަބަލް މުދަލުގެ ގުޑްސް ޑިކްލަރޭޝަން ބަލައިގަތުމާއި ދޫކުރުމުގެ ކަންތައް ކުރިއަށްގެންދާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ތަރުކާރީ ގުދަނުގެ ތެރޭގައި ޤާއިމްކުރެވިފައިވާ ކަސްޓަމްސް އޭރިޔާގައި ޤާއިމްކޮށްފައިވާ ކަސްޓަމްސް އެގްޒަމިނޭޝަން ޔުނިޓުންނެވެ.

މީގެ ސަބަބުން ޕެރިޝަބަލް މުދަލާގުޅޭގޮތުން ޚިދުމަތްހޯދާ ފަރާތްތަކަށް އެއްފުރާޅެއްގެ ދަށުން ހުރިހާ ޚިދުމަތެއް ފޯރުކޮށްދެވި، އެފަދަ މުދާ ބަލައިފާސްކޮށް ދޫކުރުމުގެ ކަންތައްތައް މިހާރަށްވުރެ އަވަސްވެގެންދާނެއެވެ. ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ވީހާވެސް ލުއިފަސޭހަ އަދި އަވަސްގޮތެއްގައި ދޫކުރުމަށްޓަކައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއެކު މަޝްވަރާކޮށް ހަރުދަނާ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މިގޮތުން ރިސޯރޓްތަކަށާއި އަތޮޅުތަކުގައި ހިންގާ ޕްރޮޖެކްޓްތަކަށް އިމްޕޯޓްކުރެވޭ ޝިޕްމެންޓްތައް ބަލައި ފާސްކޮށް ދޫކުރުމަށްޓަކައި ހުޅުމާލޭގައި ކަސްޓަމްސްގެ ސެކްޝަނެއް ޤާއިމްކޮށް މިހާރު ގެންދަނީ ޚިދުމަތްދެމުންނެވެ.

އަދި މާލޭ ކޮމަރޝަލް ހާބަރއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ސަރަހައްދުގެ ޔާޑްކޮޅުގައި ކަނޑައެޅޭ ވަކިބާވަތްތަކެއްގެ މުދާ ދޫކުރެވޭނެ އިންތިޒާމްވެސް މިހާރުވަނީ ހަމަޖައްސާފައެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *