”ދަރިފުޅާ! ކޮބައިތަ މަންމައަށް ގެންދަންވީ ކާއެއްޗެހި“ ކޮޓަރިން ނުކުންނަމުން ބައްޕަ ސުވާލުކުރީ އަހަރެންނާއެވެ. އަހަރެން އަތުގެ އިޝާރާތުން ބައްޕައަށް ދައްކާލީ މޭޒުމަތީގައި ކާއެއްޗެހި އަޅާފައިވާ ތަށިބަރިއެވެ. ބައްޕަ ހިނގައިގަތީ އެއާއި ދިމާއަށެވެ. އަހަރެން ސޯފާގައި އައިސް އިށީނީ ކުޑަމީހާ ސްކޫލަށް ގެންދަން ތައްޔާރުކޮށް ބޫޓަށް އަރުވާށެވެ. ވަގުތު ކުޑަތަން ވަމުން ދާތީއެވެ.
އަސާގަނޑުގެ އެހީގައި ބައްޕައަށް ކިރިޔާ ހިނގެނީއެވެ. އެކަމަކުވެސް ހަތަރު ދަމު ކަހަލަގޮތަކަށް މަންމަ ގާތުގައި ހޮސްޕިޓަލުގައި އިންނަނީ ބައްޕައެވެ. ނަމާދުވަގުތަށް ނުވަތަ މަންމައަށް ކާއެއްޗެހި ބަލައި ނޫނީ ގެއަކަށް ނާންނާނެއެވެ. ނިދައިހަދަނީ މަންމައޮތް ޕްރައިވެޓް ކޮޓަރީގެ ސޯފާގައެވެ. ގިނަފަހަރު ބައްޕަ ނަމާދު ކުރާނީވެސް އެތާނގައެވެ. ބައްޕައަކީވެސް ބަލި މީހަކަށް ވާތީ، ބައްޕަ ހޮސްޕިޓަލާއި ގެއާއި ދޭތެރޭ ނުހިންގައިވޭތޯ އަހަރެންވެސް ބަލަމެވެ. އެކަމަކު މަންމައަށް ކާންދޭ ގަޑިއަށް ކޮންމެހެންވެސްދާން ބައްޕަ ބޭނުންވާނެއެވެ. ދަރިފުޅު ސްކޫލަށް ގެންދަންޖެހޭތީ އަހަރެންނަށްވެސް ދެވެން ނެތީއެވެ.
މަންމަގެ ބައްޔަކީ މުސްކުޅިބައްޔެކެވެ. އޭގެ އިތުރަށް ފާޚާނާތެރެއަށް ވެއްޓި ޅިނދު ކަށިގަނޑަކަށް އަނިޔާވީއެވެ. ހޮސްޕިޓަލުގައި ބޭއްވީ އެކަމާއެވެ. އެހެން ނޫނަސް ގޭގައިވެސް ބާއްވާނެ ޖާގައެއްވެސް ނެތެވެ. ބައްޕަ ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމަކަށް މަންމަ ބަދަލުކުރީވެސް މަންމައަށް އާއްމު ވޯޑުގައި އޮންނަން އުނދަގޫވެގެން ނެވެ. ބައްޕަގެ އެނިންމުމަށް އަހަރެމެންނަށް ދެކޮޅުވެސް ހެދުނެވެ. ނުފޯރައިގެން އުޅޭއިރު އަހަރެމެން ދަރީންނަށް އެފަދަ ޚަރަދެއް ކުރެވެން ނެތީމައެވެ. އަހަރެން ހީކުރީ ސަރުކާރުން ބައްޕައާއި މަންމައަށް ލިބޭ 10000 ރުފިޔާ އެމީހުން ހައްޖަށް ދިޔުމަށް ޖަމާކުރާ ވާހަކަ ބުނެފައި އޮތީމާ މަންމަ ހޮސްޕިޓަލުގައި އޮންނަ ކޮޓަރިއަށް ލާރި ދައްކަން ޖެހޭނީ އަހަރެމެން ދަރީންނަށް ކަމަށެވެ. އެކަމަކު އެލާރި ދައްކަނީ ބައްޕައެވެ. އޭގެ އިތުރުން މަންމައަށް ބޭނުންވާ ހުރިހާއެއްޗެއްވެސް ހޯދަނީ ބައްޕައެވެ. ފެންވަރުވައި ރީތިކޮށްދީ ހަދަނީވެސް ބައްޕައެވެ. ދަރިއަކަށް އެއިން ކަމަކާއި ނުބައްސައެވެ.
މަންމަ ހޮސްޕިޓަލުގައި އޮތުމުން އަހަރެމެންނަށް ޚަރަދެއް ކުރަން ނުޖެހުނަސް ދެކިލާންވެސް ދުވާލަކު އެއްފަހަރުވެސް ނުވަދެވެއެވެ. މަސައްކަތް ބުރަކަމުންނެވެ. އޮފީހުގައި އުޅެންޖެހޭ ވަގުތާއި ކުދީންގެ ކަންކަމުގައި އުޅެންޖެހޭތީއެވެ. ހެނދުނު އޮފީހަށް ގޮސްފައި ގެއަށް އާދެވެނީ ހަވީރުއެވެ. ގޭތެރޭގެ ކަންކަން ކޮށްލަން ލިބެނީ ހަވީރެވެ. އިރުއޮއްސުނީމާ ކުދިން ނިންދަވަން އޮށޯންނަގޮތަށް ނިދެނީ، ދުވާލު ހަތަރުދަމު ތެޅިތެޅި ވެފައި ހުންނަ ވަރުބަލީގެ ސަބަބުންނެވެ.
އަހަރެންނަށް މިހާ ބުރަ މިވީވެސް މަންމަ ހޮސްޕިޓަލުގައި އޮންނަން ޖެހުމުންނެވެ. ގޭތެރޭގެ ކަންކަމާއި ކުދިންގެ ކަންތައް މަންމަ ބަލައިދޭނެއެވެ. އެކަމަކު މަންމަނެތި ގިނަ ދުވަސްވާން ފެށުމުން ގޭގައި ގެންގުޅޭނެ ބޭރު މީހަކުވެސް އަހަރެން ގެންނަންޖެހުނީ ވަޒީފާ ދޫކޮށްލާފައި ގޭގައި ހުންނަ ބޭނުން ނުވާތީއެވެ. ފިރިމީހާއަށް ލިބޭ އެއްޗަކުން އުޅެވޭނެ ވަރުވިޔަސް މީހެއްގެ ދަށުވާން އަހަރެން ބޭނުން ނޫނީއެވެ. ފިރިމީހާ ވިޔަސް އެވެ.
ބައްޕަވެސް ގޭގައި ނުނިދާތީ، މަންމަމެންގެ ކޮޓަރި އަހަރެން ބިދޭސީމީހާ ހުންނަން ހަމަޖެއްސީވެސް ދެހިތެއްގައި ހުރެއެވެ. ބައްޕަގާތުގައި އަހައިވެސް ލީމެވެ. ބައްޕަ ބުނީ ދަރިފުޅަށް ފެންނަ ގޮތެއް ހެދީމާ ރަނގަޅު ވާނެ ކަމަށެވެ. އެކަމަކު އެދުވަހު އަހަރެން ދެރަވެސް ވިއެވެ. ބައްޕަގެ މޫނުން ފެނުނު ހިތާމައިގެ އަސަރު އިހްސާސްވެފައެވެ. ފަހަރުގައި މިގެއަށް މަންމަ ދެން އެނބުރިއަންނާނެކަމަށް އަހަރެން ނުދެކުނީއޭ ބައްޕަ ހީކުރީއޭ ހިތަށް އެރީމައެވެ.
އަހަރެމެން އެއްބަނޑު އެއްބަފާ 6 ކުދީން ތިބި އިރު ދެންތިބިއެންމެވެސް ދިރިއުޅެނީ ބޭރު ޤައުމުތަކުގައެވެ. މަތީވަޒީފާތަކުގައެވެ. އެންމެ މިޒަމާނުގެ ދިރިއުޅުމެވެ. މާލޭގައި މިހުރީ އަހަރެން އެކަންޏެވެ. އަހަރެންވެސް މިއުޅެނީ ހަމައެފަދަ ދިރިއުޅުމެކެވެ. އެހެން ކަމުން ހިތް ނޭދުނަސް މައިންބަފައި ބެލުމަކީ އުނދަގޫ ދަތިކަމަކަށްވެފައި ވަނީއެވެ. މާލޭގައި މުސްކުޅިން ބަލަހައްޓާ ނާސިންގ ހޯމް އެއް ހުރިނަމަ އަހަރެންވެސް އެތަނަށްދާން މަންމަ އާއި ބައްޕައަށް ލަފާދިނީމުހެވެ. ނުދިނަސް ދާނެކަންވެސް އަހަރެންނަށް އެނގެއެވެ. އެއީ ދަރީންނަށް އުނދަގޫވާކަމެއް ވިޔަ ނުދޭން އެމުސްކުޅި ހާލުގައިވެސް މަންމައާއި ބައްޕަ މަސައްކަތް ކުރާތީއެވެ. މަންމަ އަބަދުވެސް ބުނާނެއެވެ. ބަލިތަންމަތީގައި އުފުލައި ބަލަން ދަރިންނަށް ނުޖެހުން އެދޭ ވާހަކައެވެ. ތެދެކެވެ. މިއަދު މަންމަ އެހާލުގައި އޮތަސް އެކަން ދަރީންނާއި ޖެހުނަ ނުދީ ބައްޕަ އެބަ ބަލަހައްޓައެވެ.
އަހަރެމެންގެ މަންމަ އާއި ބައްޕަ ފަދަ ބަޔަކު އަހަރެން ނުދެކެމެވެ. ދުވަހަކު ދެމީހުން ޒުވާބެއް ކުރި އަޑެއް ނާހަމެވެ. ދަރިއަކަށް ހަޅޭލަވައި އަނިޔާއެއްވެސް ދުވަހަކު ނުކުރެއެވެ. އަހަރެމެން ކުޑައިރު އުޅުނީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އެއްދުވަހަކު ބައްޕަ ބުނިއެއްޗެއްމިއަދުވެސް އަހަރެން ހަނދާން އެބަހުއްޓެވެ. އެއީ އެއްރޭގެ ރޭގަނޑުގެ ކެއުމުގެ ވަގުތުގައެވެ. ބައްޕަވެސް މާރުކޭޓުގެ ގޮޅި ބަންދުކޮށްފައި ގެއަށް އަންނާނީ އިޝާ ނަމާދުކޮށްގެނެވެ. އެރޭ ބައްޕަ އައިރު އަހަރެން އިނީ ނުކާން ބޮޑާ ހާކައިގެންނެވެ. ބަތްތަވާ ހުޅުވެ ކުޑަކޮށް ދުންރަހަ ހުރީމާ އެނުކާންވެގެންނެވެ. އޭރު މަންމަވީ އަވައްޓެރިއެއްގެ ގެއަށް ބަތްކޮޅެއް ބަލައިގޮހެވެ.
މޭޒުމަތީގައި ކާންހަދާފައި ހުރީމާ ބައްޕަ ކައިގެން ފޭބީއެވެ. އަހަރެން ބައްޕައާއި ސުވާލު ކުރީ އެބަތް މީރުތޯއެވެ. ބައްޕަ ބުނީއާނއެކެވެ. އަހަރެން ހައިރާންވެފައި ބަތްތަވާ ހުރީ މަންމަ އަތުން ދުންގެންފައޭ ބުނީމާ ބައްޕަ ހީލީއެވެ. ދެންބުނީ މަންމަވެސް ދުވާލު ހަތަރުދަމު މަސައްކަތްކުރާއިރު އެންމެ ރެއަކު މިގޮތަށް ކާލިޔަސް އަދި މަރެއް ނުވާނެކަމަށެވެ. މަންމަ ދެކެ ބައްޕަ ލޯބިވާ ވަރާއި މަންމަގެ އަގު ވަޒަން ކުރާވަރު ވިސްނުނެވެ.
އަހަރެންވެސް އުންމީދު ކުރީ އެކަހަލަ ފިރިއަކަށެވެ. އެކަމަކު އެހެނެއް ނޫނެވެ. ހަޔާތުގައި އަހަރެންޖެހެނީ ޑަބަލް ރޯލް ކުޅޭށެވެ. ދަރިން ސްކޫލަށް ގެންދިޔުމާއި ބާޒާރު ކުރުމާއި އެނޫން ކަންކަންވެސް މެއެވެ. އަހަރެންގެ ފިރިމީހާ އަކީ މަތީމަޤާމެއްގައި ހުރި އަދި އިރުއިރުކޮޅާ އެތަން މިތަނަށް ދަތުރު ކުރަންޖެހޭ މީހަކަށްވާތީ އަހަރެންނަށް އެކަންވެފައި އޮންނަނީ އަހުވައަކަށެވެ. އޭނާ ދަތުރުތަކުގައި ފުރާއިރު އަހަރެންނަށް އޭނާގެ ދަބަސް ތައްޔާރުކޮށް ނުދެވިގެން އަރާރުންވާ ނުޖެހޭ ފަހަރެއް ނުދާނެއެވެ.
”ދަރިފުޅު ހަވީރު، ހޮސްޕިޓަލަށް ވަދެލައްޗޭ!“ ތަށިބަރި ހިފައިގެން ހިނގައި ގަންނަމުން ބައްޕަ ބުންޏެވެ. އަހަރެން އެއްޗެކޭ ނުބުނީ ނުދެވިދާނެތީއެވެ.
”ބައްޕަ މަޑުކޮށްލަންވީނު! އަހުޒަމް ސްކޫލަށް ލާފައި އަހަރެން ބައްޕަ ހޮސްޕިޓަލަށް ލައިދޭނަން“ އަހަރެން ބައްޕައަށް ބުނީމެވެ.
”ނޫނޭ ބައްޕަ ޓެކްސީއެއްގައި ހިނގައިދާނަން. ދަރިފުޅަށް ލަސްވާނެ.“ ބައްޕަ ބުނީ އެހެންނެވެ. ދެން ނުކުތީ ބޭރަށެވެ. އަހުޒަމް ގޮވައިގެން އަހަރެން ބޭރަށް ނުކުތް އިރު ބައްޕަ ޓެކްސީއަށް އަރަނީއެވެ. އަހަރެންވެސް ދެން އަޅާނުލައި ސައިކަލުގައި އަހުޒަމް ގޮވައިގެން ސްކޫލަށް ދިޔައީއެވެ. އެއަށް ފަހު ދިޔައީ އޮފީހަށެވެ.
އޮފީސް ކުއްޖެއްގެ އުފަންދުވަހުގެ ޕާޓީއެއް ހަވީރު އޮތީމާ އޮފީހުން ނިމިގެން ގެއަށް ނުގޮސް މަޑުކޮށްލީ އެމީހުންނާއި އެމަޖަލުގައި ބައިވެރިވާށެވެ. އެކަމުގެ ތެރޭގައި އުޅެނިކޮށް ވަގުތު ދިޔަ ގޮތްވެސް އަހަރެންނަކަށް ނޭނގުނެވެ. މަޖަލާ ސަކަރާތުގައި އެތައް ގަޑިއިރެއް ވޭތުވުމަށް ފަހު އަހަރެން ގެއަށް އަންނަން ނުކުތީ މަޣުރިބު ނަމާދަށް ބަންގި ގޮވިފަހުންނެވެ. ސައިކަލަށް އަރަމުން ދަބަހުގައި އޮތް ފޯނު ނަގައި ބަލާލިއިރު ބައްޕަގެ ފަނަރަވަރަކަށް މިސްކޯލް އޮތެވެ. ފިރިމީހާވެސް ދެތިން ފަހަރު ގުޅާފައި އޮތެވެ. އަހަރެން ފޯނު އަލުން ދަބަހަށްލައި ސައިކަލަށް އަރާ ނައްޓާލީ ގެއާދިމާއަށެވެ. ބައްޕަ ގުޅީ ކީއްކުރަންތޯ ބަލާލަން ގުޅަން ބޭނުން ނުވީ އެގުޅީ އަހަރެން ހޮސްޕިޓަލަށް ނުދިޔައީމާ އެހެންވެކަމަށް ހީވެގެންނެވެ.
ގެއަށް އައިސް ވަތް އިރު އަހުޒަމް ގޮވައިގެން ކޮންމެވެސް ތާކަށްދާން ފިރިމީހާ ނުކުންނަނީއެވެ. އަހަރެން ފެނުމާއި އެކު އޭނާ ލަވައިގަތީ ހަޅޭކެވެ. ފޯނު ނުނަގައިގެންނެވެ. ދެންދިނީ އަހަރެން ރޮއްވާލި ޚަބަރެވެ. މަންމަ ނިޔާވެގެން ވަޅުލަން އާސަހަރާއަށް ގެންދިޔަ ޚަބަރެވެ. ގޭތެރެއަށްވެސް ނުވަދެ ފިރިމީހާއާއި ދަރިފުޅާއި އެކު އަހަރެން ވެސް ދިޔައީ އާސަހަރާއަށެވެ. އޭރު މަންމަގެ ކައިރީގައި ބައްޕަ އިނެވެ. ޤުރުއާން ކިޔަވާށެވެ. އެމޫނުން ނާއުންމީދާއި ހިތާމައިގެ އަސަރު އަހަރެންނަށް ފެނުނެވެ. ބުނާ ކަހަލައެވެ. އަހަރެން އެކަނިވީއެވެ.
މަންމަގެ ކަށުކަމާއި ކެމީގެ ކަންތައް ކުރަމުން ދިޔައިރު، އެހެންދަރީން މާލެ އަށް އަންނަދެން މަންމަ މޯޗަރީގައި ބޭއްވުމަށް އަހަރެން ބައްޕައަށް ލަފާދިނީމެވެ. ބައްޕަ އަހަރެންނަށް ދިނީ އަހަރެން އޭގެ ކުރިން ދުވަހަކުވެސް އުންމީދު ކުރި ފަދަ ޖަވާބެއް ނޫނެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އަހަރެމެންގެ އެދުމަކާއި ބައްޕަ ދެކޮޅު ހަދާފައި ނުވާތީއެވެ. ބައްޕަ ބުންޏެވެ. ”ދަރިފުޅާއެވެ. ބަލިވެ އޮއްވައި ދެކޭން ނާދެވުނު އިރު މަރުވީމާ ދެކޭން އަންނާދެން ބާއްވަނީ ކީއްކުރަން ހެއްޔެވެ؟ ފަސްދަށަށް ނުލައި ލަސްކުރުމަކީ މައްޔިތާއަށް ދެވޭ އަނިޔާއެކެވެ.“ ބައްޕަގެ އަޑު އަހާފައި އަހަރެންނަށްވެސް ރޮވުނެވެ. މާލޭގައި ހުއްޓަސް މަންމަ ހޮސްޕިޓަލަށް ގެންދިޔަ ދުވަހު ނޫނީ އަހަރެންނަށްވެސް މަންމަގާތަށް ނުދެވޭތީއެވެ. މަންމަ އެމަރުވީ އެކާވީސް ދުވަހު ހޮސްޕިޓަލުގައި އޮވެފައިކަމަށްވާތީއެވެ.
ކަށުކަމާއި ކެމީގެ ކަންތައް ނިމި ކަށުނަމާދުކޮށް މަންމަގެ ސަންދޯއް ވަޅުލަން ގެންދިޔައިރު އަހަރެން ހުރީ ސަހަރާގެ ފާރުބުރި ކައިރީގައި ރޯށެވެ. މަންމަގެ ހުރި ހަމައެކަނި އަންހެން ދަރިއަކީ އަހަރެންނެވެ. ދެންތިބީ ފިރިހެންދަރީންނެވެ. މަންމައަށް ތިންމުށް ވެލިން ހަދިޔާކޮށްދޭނޭ ދަރިއަކު ނެތެވެ.
ސަންދޯކުގެ އެއްފަރާތުގައި ހިފައިގެން ހުރީ ބައްޕައެވެ. މަންމަގެ ސަންދޯއް ވަޅަށް ތިރިކުރި އިރު އެންމެ ގާތުގައި ހުރީވެސް ބައްޕައެވެ. އެންމެ ފުރަތަމަ މަންމަގެ ކަށްވަޅަށް ތިންމުށްވެލިވެސް އެޅީ ބައްޕައެވެ. އެއިން ކޮންމެ މަންޒަރެއް އަހަރެންގެ ހިތުގައި ބިންވަޅު ނެގެމުން ދިޔައެވެ. ދެރަވީ އަމިއްލަ ނަފުސުގެ ކުއްވެރިކަމާއި މެދުގައެވެ. މައިންބަފައިން ހިތްހެޔޮ ނުވެދާނެތީއެވެ. މަންމަގެ ހިތްހަލާލު ބަސް ނުހޯދުނީތީއެވެ.
ކަށްވަޅަށް ފަސްލައި މަހާނަ ހަދައި ދުއާކޮށް ނިމުނު ވަގުތު ބައްޕަ އަރިއަޅާލައިގެން ވެއްޓޭތަން ފެނިފައި ގާތުގައި ހުރި މީހަކު ބައްޕަގައިގައި ހިފެހެއްޓޭތޯވެސް އުޅުނެވެ. ނަމަވެސް ބައްޕަ ވެއްޓުނީ ބިންމައްޗަށެވެ. ބައްޕަގެ މޫނުޖެހުނީ މަންމަގެ މަހާނައިގެ ވެލިގަނޑުގައެވެ. އެމަންޒަރުފެނިފައި ސަހަރާގެ ތެރެއަށް އަހަރެންނަށް ދުއްވައި ގަނެވުނީ ބޭއިޚްތިޔާރުގައެވެ.
މީހުންގެ އަތްދަނޑިމައްޗަށް ނަގައިގެން ބައްޕަ ގެނެސް ހިނަވާގޭ ބޭރުގައި ބާއްވައި މޫނުގައި ފެން އުނގުޅައި ހަދައިގެންވެސް ހެއެއް ނޭރިއެވެ. އެވަގުތު އެތަނުގައި އާސަހަރާ ކައިރީގައި އޮތް ޓެކްސީއެއްގައި ބައްޕަ ގޮވައިގެން އަހަރެންނާއި ފިރިމީހާ އާއި އެހެން މީހުން އައީ ހޮސްޕިޓަލަށެވެ. އީއާރްތެރެއަށް ބައްޕަ ވެއްދުމާއި އެކު އަޑުން އަޑުނަގާފައި އަހަރެންނަށް ފެށުނީ ރޯށެވެ.
ބައިގަޑިއެއްހާއިރު ފަހުން ޑޮކްޓަރު އައިސްދިނީ ހިތާމައިން ފުރިފައިވާ އަނެއް ޚަބަރެވެ. ހޮސްޕިޓަލަށް ގެނައިރުވެސް ބައްޕަ މަރުވެފައިވާ ކަމަށެވެ. ބެލެވެނީ ހާޓްއެޓޭކެއް ޖެހުނީ ކަމަށެވެ. އަހަރެންގެ ދެފައިކޮޅުން ވާގި ހުސްވިއެވެ. ވެއްޓެންދިޔައެވެ. އެވަގުތު އަހަރެން ވެއްޓުނަ ނުދީ ހިފެހެއްޓީ ފިރިމީހާއެވެ.
އިޝާނަމާދަށްފަހުގައި މަންމަ މަރުވެގެން ވަޅުލިއިރު ފަތިސްނަމާދަށް ފަހުގައި މިވަޅުލާންޖެހުނީ ބައްޕައެވެ. އަހަރެންނަކަށް ހަދާނެ ގޮތެއް ނޭނގުނެވެ. ބޭރުގައި ތިބި އެއްބަނޑު އެއްބަފާ މީހުންނަށްވެސް ޚަބަރުކޮށްފީމެވެ. އެކަމަކު ބައްޕަ ވަޅުލުން ލަސްކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއީ ބައްޕަ އެގޮތް ބޭނުން ނުވާނެކަން އެނގޭތީއެވެ.
އަހަރެންނާއި ފިރިމީހާއަށް ގެއަށް އާދެވުނީ އިރު އެރިފަހުންނެވެ. އެއްރޭގައި މަންމަ އާއި ބައްޕަ މަރުވެ ވަޅުލީއެވެ. ގޭތެރެފަޅުވެ ހުސްވީއެވެ. އެންމެ ދެރަވަނީ އެކަމާއެއް ނޫނެވެ. އަހަރެންނަކީ އެމީހުންގެ ގާތުގައި ހުރި ދަރިޔަށް ވީއިރު އެމީހުންގެ ހިތް ހަލާލު ބަސް އަހަރެންނަށްވެސް ނުހޯދުނީތީއެވެ.
އަހަރެންގެ މަންމަ އާއި ބައްޕަ އަކީ ނަމޫނާ ދެމީހުންނެވެ. ދިރިއުޅުމުގައި އެކަކު އަނެކަކަށް ވަފާތެރިވިއެވެ. އެހީތެރިވިއެވެ. ދިރިއުޅުމުގެ ކޮންމެ ބުރައެއް ދެމީހުން ހިއްސާކުރީ އެކުގައެވެ. އާމުދަނީ ހޯދުމާއި ދަރިންބަލައި ބޮޑުކުރުމުގައެވެ. ބަލިވީމާ އެކަކު އަނެކަކު ބެލުމުގައެވެ. އެމީހުންގެ އަބަދުވެސް އެދުމެއް އޮތެވެ. އެމީހުންެގެ ބުރައެއް ދަރީންނަށް ނުޖެހުމެވެ. މާތް ރަސްކަލާންގެ އެމީހުންގެ އެ އެދުންވެސް ފުއްދަވައިދެއްވައިފިއެވެ. އަހަރެން އުންމީދު ކުރަނީ އަދި ޤަބޫލު ކުރަނީ، މަޢާފަށް ނުއެދެވުނަސް އަދި ނުބުނެވުނަސް މަންމަޔާއި ބައްޕަ އަހަރެންނަށް ހިތްހެޔޮ ކުރާނެ ކަމުގައެވެ. މިދަތި ދިރިއުޅުމުގައި އަހަރެންގެ އުޒުރު ޤަބޫލު ކުރާނެ ކަމުގައެވެ.
***********
3 Responses
ވ ވ ވ ރީތި ވާހަކައެއް..މިހާތަނަށް އަހަރެންނަށް ކިޔުނު އެންމެ ރީތީ ފުރިހަމަ ވާހަކަ..އިބްރަތުން ފުރިފައިވާ ވާހަކައެއް
(Rovaalaifi
ވަރަށް ރީތި. ހަމަ ރޮވިއްޖެ