ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް އަންނަ މަހު ބާއްވާ ރަސްމިއްޔާތުތައް ޝަރަފުވެރި ކޮށްދެއްވުމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒު ޝަރީފު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަ ޖެހިއްޖެއެވެ.
އިނގިރޭސީންގެ ހިމާޔަތުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ 51 އަހަރު، މި އަހަރު ފުރޭ އިރު، މިނިވަން 50 ފާހަގަ ކުރުމަށް މިދިޔަ އަހަރު ވަނީ ކުލަގަދަ ހަރަކާތްތަކެއް ބާއްވާފައެވެ. އަދި މި ހަރަކާތްތަކަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާއިރު އޭގެތެރެއިން ބައެއް ކަންކަން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.
އޭގެތެރޭގައި ބޭރުގެ އިއްޒަތްތެރިންނަށްވެސް ދައުވަތު ދީގެން ބޭއްވި ރަސްމީ ޖާފަތުގެ މައްސަލާގައި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރެއްގެ މައްޗަށް ދައުވާ އުފުލަން ފޮނުވާފައިވީނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕީޖީން އެ މައްސަލާގައި ދައުވާކޮށްފައެއް ނުވެއެވެ.
ނަވާޒު ޝަރީފު ރާއްޖެ ވަޑައިގަންނަވާއިރު މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ރައީސް ޢަބްދުﷲ ޔާމީން ވަނީ ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވީ ސްރީލަންކާގެ ރައީސް ސިރިސޭނާއެވެ.