ދީޕިކާ އާއި ރަންވީރު ބްރޭކްއަޕްވެގެން އުޅޭކަމަށް ދެކެވޭވާހަކަތަކަށް ދީޕިކާ ރައްދުދީފި

ބޮލީވުޑްގައި މިވަގުތު ތިބި އެންމެ ގިނަބައެއްގެ ސަމާލުކަން ލިބިފައިވާ އެއް ޖޯޑަކީ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގ އޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. އެދެމީހުން ދާ ތަންތަނާއި ރަންވީރު ދީޕިކާ ފަހަތުން އުޅޭއުޅުމަކީ ގިނަބަޔަކު ޝައުގުވެރިކަމާއެކު ބަލާކަންކަމެވެ. ގިނަ ބައެއްގެ އެންމެ ”ފޭވަރިޓް ކަޕުލް“ އާ ބެހޭގޮތުން މިފަހަކުން އައިސް ދެކެވެން ފަށާފައިވާ ވާހަކަތަކަކީ ދެމީހުންގެ މެދުގައި މައްސަލަތަކެއް ޖެހި އެކަންކަން ހައްލުކުރުމަށް އުޅޭ ވާހަކަތަކެވެ. ދެމީހުންގެ ބިޒީ ޝެޑިޔުލްގެ ސަބަބުން އެކަށީގެންވާ ވަރަށް ވަގުތުނުދެވިގެން ކުރިމަތިވެގެން އުޅޭ މައްސަލަތަކެއްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މިކަންކަމާބެހޭގޮތުން މީޑިޔާއިން ސުވާލުކުރުމުން ދީޕިކާ ބުނެފައިވަނީ ކުރިންވެސް ހީކުރިކަހަލަ ޖަވާބެކެވެ. ދީޕިކާގެ ޒާތީ ދިރިއުޅުމާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދުދިނުމަށް މާބޮޑު ސަމާލުކަމެއް ނުދޭ ދީޕިކާ ބުނެފައިވަނީ އެވާހަކަތަކަށް ދޭނެ ޖަވާބެއްނެތްކަމަށާއި މީގެކުރިންވެސް އެފަދަ ވާހަކަތަކަށް ޖަވާބު ދީފައިނުވާނެކަމަށެވެ. އަދި ކުރިޔަށްއޮތް ތާންގައިވެސް އެފަދަ ވާހަކަތަކަށް ދޭނެ ޖަވާބެއް ނެތްކަމަށް ދީޕިކާ ވަނީ ބުނެފައެވެ. އެހެންނަމަވެސް ރަންވީރު އާ ގުޅުވައިގެން މިސުވާލު ކުރިމަތިކުރުމުން ރާގު މިވަނީ ކޮންމެސް ވަރަކަށް ބަދަލުވެފައެވެ. ދީޕިކާ ބުނެފައިވަނީ މީގެކުރިންވެސް މިވާހަކަތަކަށް ޖަވާބުދީފައިނުވާނެކަމަށާއި މިފަހަރުވެސް ދޭނެ ޖަވާބެއް ނެތްކަމަށެވެ. އެހެންނަމަވެސް ރަންވީރުއަކީ ދީޕިކާގެ ދިރިއުޅުމުގައި އަބަދުވެސް މުހިންމު މީހެއްކަމަށާއި އެކަން ދުވަހަކުވެސް ބަދަލު ނުވާނެކަމަށެވެ.

ކޮންމެއަކަސް ދީޕިކާގެ މިޖަވާބުން ރަންވީރު އަކީ ދީޕިކާގެ ދިރިއުޅުމުގައި މުހިންމު މީހެއްކަން އިނގިގެން ހިގައްޖެއެވެ. އެހެންނަމަވެސް އަދިވެސް ދީޕިކާ އާއި ރަންވީރު އާ ދެމެދު މައްސަލަތަކެއް އުޅޭކަން ސާފެއްނުވެއެވެ. އެކަމަށް ޖެހޭނީ އަނެއްކާވެސް އިންތިޒާރެއް ކޮށްލާށެވެ. ކޮންމެސް ގޮތަކުން އެކަންވެސް ސާފުވެދާނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *