ކޮންމެ ރައީސަކު ގައުމުގެ ނައު ދުއްވަން ހުއްޓަސް ފާޑުކިޔުންތައް އަންނާނެއެވެ. ގިނަ ފަހަރު ވާގޮތަކީ ރައީސަކަށް ހުންނަ މީހާ ކިތައްމެ ރަނގަޅުކަމެއް ކުރިޔަސް އިދިކޮޅު ޕާޓީ އަށް ނުވަތަ އިދިކޮޅު ޕާޓީ އަށް ތާއީދުކުރާ މީހުންނަށް އެއީ ރަނގަޅުކަމަކަށް ނުވެއެވެ. ހަމަ ކުޑަ މިސާލެކެވެ. ރައީސަކަށް ހުންނަ މީހަކު ދަމު ނަމާދުކުރިޔަސް އިދިކޮޅު މީހުންނަކަށް ކަމަކު ނުދާނެއެވެ. އެމީހުން ބުނެފާނެއެވެ. ރޭ ގަނޑު ހަތަރުދަމު ނަމާދުކޮށްފައި ދުވާލު ރައްޔިތުންގެ ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ. ނަމާދުކުރާތަން ނުފެންނަމަ ބުނާނެއެވެ. ކޮންކަހަލަ ރައީސެއް ހެއްޔެވެ. ނަމާދެއްވެސް ކޮށްނުލައެވެ. އެކަމަމު ރައީސަކު ހަމަ ހަގީގަތުގަ ވެސް ގޯސްކަމެއް ކުރާނަމަ އެކަމާ ފާޑުކިޔަންޖެހެއެވެ. ދީނީ ގޮތުން ވެސް އަދި ގައުމުގެ ދެކެ ލޯބިވާ ނަމަވެސް ކަން އޮތީ ހަމަ މިހެންނެވެ.
މިއަދު ހާލަތަށް ނަޒަރު ހިންގާލާއިރު ފެންނަ މަންޒަރަށް ވިސްނާލަމާތޯއެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި ]ސްޓަންޓެއް] ޖައްސަން ވެގެން ހުރިހާ މިނިސްޓަރުން އިސްތިއުފާދިންފަހުން އެއްމެ ގިނަ މިނިސްޓަރުން އިސްތިއުފާދީފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައެވެ. މިހާތަނަށް އެކި ސަބަބުތަކާއި ހުރެ ރައީސް ޔާމިންގެ ސަރުކާރުން ވަނީ އެގާރަ މިނިސްޓަރަކު ވަނީ ވަކިވެފައެވެ. މީގެ ތެރެއިން ގިނަ މިނިސްޓަރުން ދެއްވާފައިވަނީ އިސްތިއުފާއެވެ. ރައީސް ޔާމީން މަގާމުން ވަކިކުރައްވާފައިވާ ބޭފުޅުންގެތެރޭގައި މަލީހް ޖަމާލް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ހިމެނެއެވެ.
ރައީސް ޔާމީނަކީ އިގްތިސާދީ މާހިރެކޭ ބައެއް މީހުން ބުނެއެވެ. އިގްތިސާދީ މާހިރެއް ނަމަ ލޭބަރ ޓާންއޯވަރ ނުވަތަ ކުންފުނި ދޫކޮށް ދާ މުވައްޒަފުން އިތުރުނަމަ އެއީ މައްސަލައެއް އުޅޭ ކަމުގެ ސިގްނަލެކެވެ. އެހެންކަމުން މެނޭޖްމެންޓް ނަޒަރިއްޔާތަކުން ވިސްނާލާއިރު މިހާ ގިނަ މިނިސްޓަރުން ދެއަހަރާއި ބައި ތެރޭ އިސްތިއުފާދިނުމަކީ ނުވަތަ ވަކިކުރަންޖެހުމަކީ ވިސްނާލަންޖެހޭ ކަމެކެވެ. ދިވެހި ރައްޔިތުންގެ ޚާދިމެއް ކަމަށް ވިދާޅުވެ ޖަލްސާތަކުގައި ވާހަކަ ދައްކަވާ ރައީސް ޔާމިން ރައްޔިތުންނަށް މިވާގޮތެއް އޮޅުންފިލުވައިދޭން ޖެހެއެވެ. އެއްމެ ފުރަތަމަ ރައީސް ކަމަށް ވަޑައިގެން އެ މަނިކުފާނުވަޑައިގަތީ ކޯލިޝަނުން ކަން ހަނދާންނެތުނީއެވެ. މިހާރު އެކަން ހަނދާންހުރި އެއްވެސް މީހަކު ވެސް ސަރުކާރުގައި ނެތް ކަހަލައެވެ. ދެވަނަ ކަމަކަށް ކެމްޕޭނުގައި އެއްމެ އިސްކޮށް އުޅުއްވި ނައިބު ރައީސް ޖަމީލު ވަކިކުރެއްވީއެވެ. ސީދާ ރައީސް ޔާމިންގެ އަރިސް މެމްބަރުން މެދުވެރިކޮށެވެ. މީގެ އިތުރުން ބައެއް މިނިސްޓަރުން ވަކިކޮށްލީއެވެ. އަނެއް ބަޔަކު އިސްތިއުފާ ދެއްވީއެވެ. ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ގާބިލުކަން ނެތް ލީޑަރު ހަގީގީ ލީޑަރަކަށް ވާނީ ކިހިނެއްތޯ ސައްލާކޮށްލަންޖެހެއެވެ. “ އަހަންނަށް މައާފުކުރާށޭ“ ބުނެ ރައްޔިތުންނަށް އިޚްލާސްތެރިކަން ދެއްކޭނެ ހެއްޔެވެ.