މާތް ﷲ وَحِي ކުރައްވާފައި ވެއެވެ. ((وَلَنْ تَرْضَى عَنْكَ الْيَهُودُ وَلَا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى)) سورة البقرة 120
މާނައީ “ ޔަހޫދީއަކަސް، އަދި ނަޞޯރާއަކަސް؛ އެމީހުންގެ ދީނަށް ކަލޭގެފާނު ތަބަޢަވެއްޖައުމަށްދާނދެން ކަލޭގެފާނަކާ އެމީހުންނެއް ހަމަހިލާ ނުރުހޭނެތެވެ. ”
އިސްލާމީ އުއްމަތް ތަފާތު އެކިއެކި ގޮންޖެހުންތަކުގެތެރޭގައި ނިކަމެތިވަމުންދާ މި ދުވަސްވަރު މި ޤަޥާޢިދަކީ މުސްލިމުންނަށް މި ޙާލަތު ކުރިމަތިވާން ދިމާވި އަޞްލު ސަބަބު ކަމުގައި ވިސްނާ ދިރާސާ ކޮށްފި ކޮންމެ ކަތަކަށްމެ ސާފުވެގެންދާނެއެވެ. އާދެ! އަޅުގަނޑުމެންނަށް މިއަދުވެސް މި ފެންނަނީ ޔަހޫދީންނާއި ނަޞާރާއިންނާއި އަދި ކާފަރުންގެތެރެއިން އެމީހަކާ ނުވަތަ އެބަޔަކާ ގުޅުންހުރި ދާއިރާތަކުން ރަޙްމަތްތެރިކަން އުފައްދައި، ގާތްކަމާއި ހިތްހެޔޮކަމުގެ އުއްމީދަށް އެދި މުސްލިމުން ދޫކޮށް، އެކުވެރިވެގަނެގެން އުޅޭތަނެވެ. އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ އެތައްކަމެއް ކުރިމަތީ ހިނގައިގޮސް، މާތް ﷲ ނުރުއްސަވާ އެތައް ކަމެއް އެއް މަޖުލީހެއްގައި، އެއްމޭޒެއްމަތީ ހިންގެމުންދާއިރު ދުނިޔެވީ ވަކި މަޞްލަޙަތެއް އެކާފަރުންގެ ކިބައިން ޙާޞިލްވުމުގެ ނިރާލީ އުއްމީދުގައި ވަރިހަމަކޮށްލައިގެން ތިބޭތަނެވެ. ޔަހޫދީންނާއި ނަޞާރާއިންގެ ފުށުން މުސްލިމުންނަށާއި އެމީހުންގެ ދީނަށް އަދި އެބައެއްގެ މުޖްތަމަޢުތަކަށް ހެވެއް ލިބިދާނެ އުއްމީދާއި، މޮޅެއް ޙާޞިލްވުމުގެ މަޞްލަޙަތު އިސްކުރުމުގައި ބައެއް މުސްލިމުން މިވަނީ މާތް ﷲ ގެ މި ވަޙީ ބަސްފުޅު އެއްކޮށް ހަނދާން ނައްތާލައި ނަޒަރުން އެއްކިބާކޮށްފައެވެ.
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މިއީ މުސްލިމުން އެފަރާތެއްގެ ރުއްސެވުން ލިބުމަށް މަސައްކަތްކުރަންޖެހޭ ގަދަކީރިތިވަންތަ މާތް ﷲ ގެ ހެކިބަސްފުޅެވެ. އެބަސްފުޅުގައި އެ ދެއްވާފައިވާ ޚަބަރަކީ ކިތަންމެ ވަރަކަށް ޔަހޫދީންނާއި ނަޞާރާއިން ރުހިދާނެކަމަށް ތިމާމެންގެ ދީނުގެ ބައެއް ކަންކަމުން ތަނާޒުލްވެ، އެމީހުންގެ ފުށުން ހިތްހެޔޮކަން ލިބޭނެކަމަށް މާތް ﷲ ނަހީކުރެއްވި ކަންކަމަށް އިންކާރުކުރުމުގެ ބަދަލުގައި އެފަދަ މަޖްލީސްކުރާ މަޖްލީސްތަކުގައި ހުސްތަންފުރާލަން އިށީނދެތިއްބަސް ހަމަހިލާ އެމީހުންގެ ހިތެއް މުސްލިމުންނަކަށް ހެވެއް ނުކުރާނެތެވެ. ދެން އުފެދޭ ސުވާލަކީ ޔަހޫދީންނާއި ނަޞާރާއިންނާ ރަޙްމަތްތެރިކަން އުފައްދައި ގުޅުން ބަދަހިކުރި ކުރީނުން މުސްލިމުންގެ ތެރެއިން ބައެއް މީހުންނަށް އެމީހުން ޙިމާޔަތްދީ، އެކުވެރީންކަމުގައި ރުހުމާ އެކު ބަލައިގަނެފައިތިބޭ މަންޒަރުވެސް ބައެއް ފަހަރު އެބަފެނޭނޫންތޯއެވެ؟ އެކަމާމެދު ބުނާނީ ކީކޭ ހެއްޔެވެ؟ އާދެ! އެކަމާމެދު ބުނަން އޮތީ މާތް ﷲ ގެ މި ތެދު ޚަބަރުގައިވާ ބަސްފުޅެވެ.
އެއީ ޔަހޫދީއަކަސް، އަދި ނަޞޯރާއަކަސް؛ އެމީހުންގެ ދީނަށް ކަލޭގެފާނު ތަބަޢަވެއްޖައުމަށްދާނދެން ކަލޭގެފާނަކާ އެމީހުންނެއް ހަމަހިލާ ނުރުހޭނެތެވެ. އެހެންކަމުން މިތަނުން ތެދުކުރެވޭން އޮންނާނީ ކޮންމެސް އެއްފަރާތެއްގެ ބަހެވެ. އެހެންނޫނީ މާތް ﷲ ގެ ބަހެވެ. ނޫނިއްޔާ މުސްލިމުން ދޫކޮށް ކާފަރުންނަކީ އެންމެ ގާތް ވާގިވެރިންކަމުގައި ހަދައިގެން ތިބި މީހުންގެ ބަހެވެ. ﷲ ގެ ބަސްފުޅަކީ އެއީ ތެދު ބަސްފުޅު ކަމުގައި އީމާންވާ މީހަކު؛ މުސްލިމުންނާ ދެކޮޅުވެރިވުމުގައި ޔަހޫދީންނާއި ނަޞާރާއިންގެ ގާތްވެ،ވާގިލިބިގަންނަ ބަޔަކީ އެއީ އިސްލާމްދީނުގައި ތިބެގެން އެކަން އެގޮތައް ކުރެވޭނެ ކަމެއްކަމުގައި ނުދެކެވޭނެއެވެ. ސަބަބަކީ މާތް ﷲ ދެއްވާފައި މިވާ ޚަބަރުން އެނގެނީ ކާފަރުން އިސްލާމުންގެ ނަމުގައި ތިބި ބަޔަކާ ހިތުގެ އަޑިން ގުޅުން ބާއްވާ ރުހޭ ނަމަ އެމީހުން މިހާރު ތިބޭނީ އިސްލާމްކަން މަތީގައި ނޫންކަމެވެ. އަދި ކިއެއްތަ ޔަހޫދީންނާއި ނަޞާރާއިން ގެ ދީނުގެ މަތީގައެވެ. ބޭރުފުރުން އެމީހުން ކުރާގޮތައް އަޅުކަންތައްތަކެއް ނުކުރިޔަސް، ތިމާގެ ހިތުގައިވާ އީމާންކަމުގެ ވޮށް ހުންނާނީ ނިވިފައެވެ. ދަންނައެ، މުސްލިމުން ނިކަމއެތި ވެފައިވަނީ މި ޢަޤީދާ ދޫވި ހިސާބުންނެވެ. والله المستعان