ބުރާސްފަތި ދުވަހު އިންޑިއާގެ ހުޅަނގު ސަރަހައްދުގައި އޮންނަ އަހްމަދާބާދު ވައިގެ ބަނދަރުން ފުރި އެއަރ އިންޑިއާގެ ފްލައިޓެއް، ދަތުރުކުރި 242 ފަސިންޖަރުންނާއި ފަޅުވެރިންނާއި އެކު ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓިއްޖެއެވެ. މި މަތިންދާބޯޓު ދަތުރުކުރަމުން ދިޔައީ ލަންޑަނުގެ ގެޓްވިކް ވައިގެ ބަނދަރަށެވެ.
ބޯއިންގ 787-8 ޑްރީމްލައިނަރ މަތިންދާބޯޓު ފުރީ މެންދުރުފަހު 1:39 ގައެވެ. އަދި ފުރުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ”މޭޑޭ“ ޑިސްޓްރެސް ސިގްނަލް ފޮނުވިއެވެ. ނަމަވެސް އޭގެ ފަހުން މަތިންދާބޯޓާ ގުޅުން ކެނޑުނެވެ.
ފުލުހުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވައިގެ ބަނދަރާ ކައިރި މީހުން ދިރިއުޅޭ ސަރަހައްދެއްގައެވެ. ޓީވީ ފުޓޭޖްތަކުން ދައްކާ ގޮތުގައި މަތިންދާބޯޓު ވަނީ ގޭގެ މަތިން އުދުހެމުން ގޮސް، ނުފެންނަ ހިސާބަކަށް ދެއެވެ. އަދި އޭގެ ފަހުން ބޮޑު އަލިފާނުގެ ބޯޅައަކާއި ބޯ ދުމެއް އުދަރެސްމަތިން ފެނިފައިވެއެވެ.
ވައިގެ ބަނދަރާ ކައިރީގައި އަނދަމުންދާ ތަކެތި ފެންނަ އިރު، ކުއްލި ނުރައްކަލުގެ ޓީމުތަކުން ޒަޚަމްވެފައިވާ މީހުން ދަނގަޑު އެނދުގައި އުފުލަމުންދާ މަންޒަރު ފެނިފައިވެއެވެ.
އެއަރ އިންޑިއާއިން ބުނެފައިވަނީ މިހާރުވެސް ހާދިސާ އާއި ގުޅޭ މަޢުލޫމާތު އެއްކުރަމުންދާ ކަމަށާއި އަޕްޑޭޓްތައް ދެމުންދާނެ ކަމަށެވެ.
މިއީ 2020 ވަނަ އަހަރު ކޮޒިކޯޑުގައި އެއަރ އިންޑިއާ އެކްސްޕްރެސްގެ މަތިންދާބޯޓެއް ރަންވޭއިން ބޭރަށް ގޮސް 21 މީހުން މަރުވި ހާދިސާއަށްފަހު ހިނގި އެންމެ ނުރައްކާތެރި ހާދިސާއެވެ.
މި ހާދިސާއާ ގުޅޭ މަޢުލޫމާތު އަދިވެސް ދަނީ އަންނަމުންނެވެ. މަރުވި މީހުންގެ އަދަދާ ގުޅޭ ގޮތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.