މިހާރު ފްރާންސްގައި ކުރިއަށްދާ ފޯރިގަދަ ފުޓްބޯޅާ މުބާރާތާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ބީއެމްއެލް ޔޫރޯ ގިފްޓްގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން އިއުލާނު ކޮށްފި އެވެ.
ފުރަތަމަ ހަފްތާގެ ނަސީބުވެރިންނަށް ހޮވިފައިވަނީ އާއިޝަތު ނަސްމާ އާއި ލަކްސްމަން ލީލާ ޕާންޑޭ އެވެ. މި ދެ މީހުންނަށް ބީއެމްއެލް ޔޫރޯ ގިފްޓްގެ ފުރަތަމަ ހަފްތާގެ އިނާމް މިހާރު ވަނީ ހަވާލުކޮށްފަ އެވެ. މިގޮތުން މި އިން ކޮންމެ ފަރާތަކަށް ޔޫރޯ 2016 އާ ގުޅޭ 3000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ވަނީ ދީފަ އެވެ.
ބީއެމްއެލް ޔޫރޯ ގިފްޓް ޕްރޮމޯޝަނަކީ ޔޫރޯ 2016 އާ ދިމާކޮށް ބޭންކުން ސޯޝަލް މީޑިއާ ގައި ހިންގަމުންދާ ޕްރޮމޯޝަނެކެވެ. ބޭންކުގެ ފޭސްބުކް ޕޭޖް އަށް ލައިކް ކުރުމަށް ފަހު ޔޫރޯ 2016 އާ ގުޅޭ ޕޯސްޓް ޝެއަރކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. އަދި ހަމައެހެންމެ ބޭންކުގެ ޓްވިޓަރ އެކައުންޓް ފޮލޯކޮށް މި ޕޯސްޓް ރިޓްވީޓް ކޮށްގެންވެސް ބައިވެރިވެވޭނެއެވެ. ކޮންމެ ހަފްތާއަކު މިއިން ކޮންމެ ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން ވެސް ނަސީބުވެރިއަކު ހޮވައި 3000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮމޯޝަނުގެ ބޮޑު އިނާމެއްގެ ގޮތުގައި ދެ މީހަކަށް ޕެރިސް ދެކޮޅު ޓިކެޓާއި 3000 ޑޮލަރު ލިބިގެންދާނެއެވެ. ބޮޑު އިނާމުގެ ގުރުއަތުލުން އޮންނާނީ ޔޫރޯ މުބާރާތަށްފަހުގައި ކަމަށް ބީއެމްއެލް އިން ހާމަކުރެ އެވެ.
”ރާއްޖޭގައިވެސް ޔޫރޯގެ ފޯރި އޮތްއިރު އަޅުގަނޑުމެންގެ ޓީމްތެރޭގައިވެސް މި ފޯރި އެބައޮތް. އަޅުގަނޑުމެން ބޭނުންވީ މި ޕްރޮމޯޝަންގެ އިނާމަކަށް ވީހާވެސް މުބާރާތާ ގުޅޭ އަދި އިނާމު ލިބޭ ފަރާތަކަށްވެސް އަގުހުރި އިނާމެއް ދިނުމަށް. މުބާރާތް ތެރޭގައި ޕެރިހުގެ ހިތްގައިމު މަންޒަރުތައް އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން. އަޅުގަނޑުގެ އުއްމީދަކީ ނަސީބުވެރި ފަރާތުން ޕެރިހުގައި ވަރަށް ހިތްހަމަޖެހޭ ވަގުތުތަކެއް ހޭދަކުރާނެކަމަށް“ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ގޮތަށް 29 ބްރާންޗް، 76 އޭޓީއެމް، 3200 ޕީއޯއެސް މަރޗަންޓުން، 177 ކޭޝް އޭޖެންޓުން، 14 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓް އެކުލެވޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލް އަކީ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކަކަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު މުޅި ރާއްޖެ އަށް ބޭންކިންގ ޚިދުމަތްފޯރުކޮށްދޭ ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ.
ބޭންކް އޮފް މޯލްޑިވްސް އަށް ދާދި ފަހުން ވަނީ ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް އިން ”މޯސްޓް އިނޮވޭޓިވް ބޭންކިންގ ޓީމް އިން ދި އިންޑިޔަން އޯޝަން“ ގެ ޝަރަފްވެރި އެވޯޑު ލިބިފައެވެ.