ކުރުނބާ މޯލްޑިވްސް - ފޮޓޯ: ޓްރިޕް އެޑްވައިޒާ
ކުރުނބާ މޯލްޑިވްސް - ފޮޓޯ: ޓްރިޕް އެޑްވައިޒާ

ކޮލަމް ސައްލާ: އިއުލާން ނުކޮށް ރަށްތައް ކުއްޔަށް ދިނުން – ކޮރަޕްޝަން ހުޅުވާލާ ދޮރެއް

ޓޫރިޒަމާއި ބެހޭ ގާނޫނަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެމްބަރު  އަހުމަދު ނިހާން މިވަނީ ތާރީޚީ އިސްލާހެއް ހުށަހަޅާފައެވެ. ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާންކުރުމަކާނުލާ ކުއްޔަށްދޫކުރެވޭ ގޮތަށް އެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. މި އިސްލާހާ މެދު ވިސްނާލާއިރު ކަންބޮޑުވާންޖެހޭ ކަހަލަ ކަންތައްތައް އެބަހުއްޓެވެ. މީ ކަނޑައެޅިގެން ބެސްޓް ޕްރެކްޓިސް އާއި ޚިލާފު ކަމެކެވެ. އަދި މީގެ ސަބަބުން ކޮރަޕްޝަނަށް ފުޅާ ބޮޑު މަގެއް ހުޅުވިގެންދާނެ ކަމެކެވެ. މިހާރުވެސް މިރާއްޖޭގެ ތާރީޚު ދެކެފައިނުވާ ފަދަ ކޮރަޕްޝަންގެ ހިންގާފައިވާ ތަނަކީ ޓުއަރިޒަމް މިނިސްޓްރީ އެވެ. ރަނގަޅެވެ. އަހުމަދު އަދީބު ހުންނެވީ ޖަލުގައެވެ. އެހެންނަމަވެސް ކޮރަޕްޝަނަށް މަގުފަހުވާ ގޮތަށް ކަންތައްތައް ކުރާނަމަ އޭގެ ހިތި ނަތީޖާ އަދި ވެސް ފެންނާނެއެވެ.

އެ އިސްލާހުގައިވާ ގޮތުން ފަތުރުވެރިކަމާއި ބެހޭ ކަންކަމަށް ރަށް، ނުވަތަ ބިން، ނުވަތަ ފަޅު ކުއްޔަށް ދޭންވާނީ

  1. 1. ޓުއަރިޒަމާއި ބެހޭ މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ މީހަކަށް ނުވަތަ ފަރާތަކަށް ކުއްޔަށް ދިނުން
  2. 2. އާންމުކޮށް އިއުލާނު ނުކުރިނަމަވެސް، ރަށުގައި، ނުވަތަ ބިމުގައި، ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަޝްރޫއެއްގެ ތަފްސީލާއެކު، އެ ރަށަކަށް، ނުވަތަ ބިމަކަށް، ނުވަތަ ފަޅަކަށް އެދި ޓުއަރިޒަމާއި ބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން އެ ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ކުއްޔަށް ދިނުން

މަތީގައިވާ ދެ މާއްދާ އަށް ބަލާލުމުން ދެވަނަ މާއްދާއެއްގެ އެއްވެސް ބޭނުމެއް ނެތެވެ. ފުރަތަމަ މާއްދާގައި އެވަނީ ވަރަށް ފުރިހަމައަށް ކުއްޔަށްދޭނެ ގޮތް ބަޔާންކޮށްފައެވެ. ދެން އެހެން މާއްދާ އެއް ގެނެސް މުޅި އެތީގެ އަސްލު ގެއްލުވާލުމަކީ ވަރަށް ދެރަކެމެކެވެ.

އިއުލާން ކުރުމަކާއި ނުލައި ރަށެއް ދިނުމުގެ ޝަރުތުތައް ކަނޑައެޅުމުގައި އެގޮތަށް ކުއްޔަށްދޭ ތަނުގައި ހިންގަން ހުށަހަޅާ މަޝްރޫއު ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނަކަށް ވުމާއި ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާ އެކުއިޒިޝަން ފީ އެއްފަހަރާ ދައްކާފައިވުމާއި، މަޝްރޫއު ހިންގަން ހުށަހަޅާ ފަރާތަކީ މާލީ ގޮތުންނާއި ފަންނީ ގޮތުން ފަންނީ ގޮތުން ގާބިލު ފަރާތަކަށް ވުން ހިމެނެއެވެ. އަދި މީގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީން ހަދާ ގަވައިދެއްގެ ދަށުން އިތުރު ޝަރުތުތައް ކަނޑައެޅިދާނެ ކަމަށް އެ އިސްލާހުގައި ވެއެވެ. މި ޝަރުތުތަކަކީ ވެސް އޭގެ ޒާތުގައި މާ ބޮޑު އޮށްޓަރެއް ހުރި ޝަރުތުތަކެއް ނޫނެވެ. މި ޝަރުތުތަކުގައި ވެސް ބޮޑަށް އޮތީ ފައިސާގެ ވާހަކައެވެ. އެއްފަހަރާއި އިކުއިޒިޝަން ފީ ދައްކަންޖެހޭނެ ވާހަކަ އާއި މާލީ ގޮތުން ގާބިލު ފަރާތަކަށް ވޭތޯ ބަލާނެ ވާހަކައެވެ.

ކުރިން ޓުއަރިޒަމް މިނިސްޓްރީ ތެރެއިން ރަށްތައް ބޭނުން ގޮތަކަށް ބަހާލީ މި ހަރުދަނާ އުސޫލެއް އޮއްވައެވެ. މިހާރު ދެން އެ އުސޫލު ވެސް މުޅިން ދޯދިޔާވުމުން ކިހާ ވަރެއްވާނެބާއެވެ. ހަމަ ހިތު ހުރި ގޮތަކަށް ރަށްތައް ބަހަން ވީއެވެ. ގާނޫނާ ގަވައިދާ އެއްގޮތަށް ބަހަންވީއެވެ. އެއީ އަދި މާ ފައްކާ ގޮތެކެވެ. އޭރުން ކޮރަޕްޝަނަށް ވެސް ނުވާނެއެވެ.

ސަރުކާރުން ވަނީ ޕްރޮކިއުމެންޓްގެ ފުރިހަމަ އުސޫލުތަކެއް ކަނޑައަޅާފައެވެ. 25000 ރ އަށް ވުރެ އަގު މަތި ކަމަށްވަންޏާ ބިޑްކުރަންޖެހެއެވެ. އެއީ ހަމަ އާދައިގެ ކަންތައްތަކުގައެވެ. މި ބިޑްތައް އިވެލުއޭޓްކުރާނެ ކޮމިޓީއެއް ވެސް އޮވެއެވެ. އެހެންނަމަވެސް އެތައް މިލިއަން ޑޮލަރެއްގެ މަޝްރޫއުތައް އެއްވެސް ހަރުދަނާ އުސޫލެއްނެތި ދިނުމަކީ އެއީ ހަމަޖެހޭ ގޮތެއްތޯ އިއްޒަތްތެރި މެމްބަރު ނިހާން ސުވާލުކުރަންޖެހެއެވެ. މިއަދު މެޖޯރިޓީ އޮތީމަ ބޭނުންގޮތެއް ހެދިދާނެއެވެ. އެހެންނަމަވެސް ދިވެހިންނާއި ވަކިން ޚާއްސަކޮށް ދިވެހި ޒުވާނުން މި ތިބީ ބަލާށެވެ. ގައުމު ވިއްކާނުލާށެވެ. މީ އަޅުގަނޑުމެން އެއްމެންގެ ގައުމެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. އެމް.ޑީ.ޕީ ސަރުކާރެކޭ މިސަރުކާރެކޭ މިހާރު ވަކިކޮބާ ތަފާތަކީ؟
    މިއީ ޕާޓީގެ ވަކިބަޔަކަށް ރައްތައް ދޭންވެގެން ހިންގާ ޖަރީމާއެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *