ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ، 2025 އޭޕްރީލް 27 ވަނަ ދުވަހު ކުރިއަރ މެދުވެރިކޮން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ.
”އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން ކޮކެއިންއަށް (Cocaine) އަށް ވަނީ ޕޮޒިޓިވް ވެފައި، މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1020 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 2.5 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ“ ކަސްޓަމްސް އިން ބުނެފައިވެއެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައި ކަމަށްވެސް ބުނެފައިވެއެވެ.