ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ދެވަނަ އަޑު އެހުން މިއަދު ހެނދުނަށް ސްޕްރީމްކޯޓުގައި ތާވަލްކޮށްފި އެވެ.
މި އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ.
2nd hearing of Appeal at Supreme Court scheduled for morning 11am. (note the name :1 hr prior). It's an open hearing pic.twitter.com/avNPN4kduy
— Col.Nazim Press (@nazimpress) June 21, 2016
މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މިދިޔަ ބުދަ ދުވަހު ބާއްވާފައިވާއިރު އެދުވަހުގެ އަޑުއެހުމުގައި ނާޒިމްގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓަށް ފިސްތޯލަ ވެއްދީ އާސިފް ކިޔާ މީހެއް ކަމަށާއި އެކަން ސާބިތުކޮށްދިނުމަށް ބޭނުންވާ ހެކި އެބަހުރި ކަމަށެވެ.
މައްސަލަ އިސްތިއުނާފްކުރި ނުކުތާތައް އެދުވަހުގެ އަޑުއެހުމުގައި ނާޒިމްގެ ވަކީލް ހުށަހަޅުއްވާފައިވާއިރު އޭނާ ވިދާޅުވީ އާސިފް ކިޔާ މީހަކު ފިސްތޯލަ ވެއްދުމަށްފަހު ނަގައި އެނދުމަތީގައި ބަހައްޓާފައި މިއީ ކާކުގެ އެއްޗެއްތޯ އެހި ކަމަށެވެ. އަދި އެއީ އާސިފް ވެއްދި އެއްޗެއްކަން ސާބިތު ކުރުމަށް ހެކި އެބަހުރިކަން ހުސްނުއްސުއޫދު ތަކުރާރު ކުރެއްވި އެވެ. އަދި އެ ހެކިން ސުޕްރީމް ކޯޓަށް ހާޒިރު ކޮށްދެއްވުމަށް ސުއޫދު އެދިވަޑައިގެންނެވި އެވެ.
ނާޒިމްގެ މައްޗަށް ޖަލު ހުކުމް އިއްވުނުތާ މިއަދަށް 11 މަހާއި 24 ދުވަސް ވެފައިވާއިރު ދިރިއުޅުއްވާ ގެއިން ހަތިޔާރު ފެނުމުގެ މައްސަލައިގާ ޓެރަރިޒަމްގެ ދައުވާ އުފުލާ ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗް މަހުގެ 26 ވަނަ ދުވަހު އެވެ.