ޔުމްނުއާ ސުވާލު ކުރާނެ ފުރުޞަތު އަދި ނުލިބޭ: ފުލުހުން

ޔުމްނުއާ ސުވާލުކުރަން އަދި ފުރުޞަތު ލިބިފައިނުވާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ޔުމްނުގެ ޢާއިލާއިން ޔުމްނުގެ ބަސް ކަމަށްބުނެ މީޑިއާއަށް ވާހަކަތެއް ހިއްސާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ވެއްޓުނު ކަމަށް ފުލުހުން ބުނަނީ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއާއި ޓެރަސްއާއި ދެމެދުގެ ވައިގޮޅިއަކުންނެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ޔުމްނުގެ ބަހެއް ހޯދުމަކީ ތަޙުޤީޤަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި އެ ފުރުޞަތު ހޯދުމަށް މަސައްކަތްކުރި ކަމަށެވެ.

”ޞިއްޙީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، ސުވާލު ކުރުމުގެ ފުރުޞަތު މިހާތަނަށް ވަނީ ނުލިބި“ ފުލުހުން ބުނެފައިވެއެވެ.

އެކަން މަގުފަހިވިހާ އަވަހަކަށް ތަޙުޤީޤުން ސުވާލުކުރަން ބޭނުންވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މިހާރުވެސް ތަޙުޤީޤު ދަނީ ކުރިއަށް ކަމަށާއި މައްސަލައާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މަޢުލޫމާތު ކަށަވަރުކުރުމަށް ތަޙުޤީޤުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ޔުމްނުއަށް މެލޭޝިޔާގައި ފަރުވާ ދެމުން އަންނައިރު ޔުމްނުގެ ޢާއިލާއިން ރޭގައި ޗެނަލް 13 އަދި ރާއްޖެ ޓީވީއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ޔުމްނު ފުންމާލ ނޫންކަމަށް ޔުމްނު ބުނާ ކަމަށާއި އެ ހާދިސާ ހިނގިއިރު އެތާނގައި ރައުދުގެ އިތުރުން ހަތަރު މީހަކުވެސް ތިބި ކަމަށް ޔުމްނު ބުނާ ކަމަށެވެ.

ނަމަވެސް ފުލުހުން މިހާތަނަށް ހާމަކުރި ވީޑިއޯ ފުޓޭޖްތަކުން ފެންނަނީ އެ ޢިމާރާތުގައި ޔުމްނު އާއި ރައުދު އުޅޭ މަންޒަރެވެ. މި މައްސަލައިގެ ތަޙުޤީޤަށް ރައުދު ހުރީ ހައްޔަރުކޮށް މުއްދަތު ޖަހާފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *