ދިވެހި ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިން - ފޮޓޯ: ޕޮލިސް
ދިވެހި ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިން - ފޮޓޯ: ޕޮލިސް

އަސާސީ ތަމްރީނުގައި އުޅެނިކޮށް ހާލު ސީރިއަސްވި ފުލުހުންގެ ރެކްރޫޓް ނިޔާވެއްޖެ

ދިވެހި ފުލުހުންގެ އަސާސީ ތަމްރީނު ހަދަމުންދަނިކޮށް ހާލު ސީރިއަސްވި ފުލުހުންގެ ރެކްރޫޓް، ކޮންސްޓަބަލް ޙުސައިން ގާއިސް ނިޔާވެއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ އުމުރުން 34 އަހަރުގެ ގާއިސް ހާލު ދެރަވެ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެކަމަށެވެ.

”މަރްޙޫމްގެ ޢާއިލާއަށާއި، އެންމެހައި ރައްޓެހިންނަށާއި އެކުގައި ތަމްރީނު ފުރިހަމަ ކުރަމުންދިޔަ ފުލުހުންނަށް ތަޢުޒިޔާ ދަންނަވަން، އަދި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަން، މި ހިތާމަވެރި ވަގުތުގައި މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން“ ފުލުހުން ބުނެފައިވެއެވެ.

މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ މީޑިއާއަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ފަތިހު 04:21 ހާއިރު ދ. ވާނީގައި ކުރިއަށްދާ އެ ކޯހުގެ ދަރިވަރުންނަށް ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުންދިޔައިރު ގާއިސް އަށް ގޮވުމުންވެސް ޚަބަރެއް ނުވެ ހަރަކާތެއް ނެތުމުން މަދު ވަގުތުކޮޅެއްގެ ތެރޭގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދެވުނު ކަމަށެވެ.

އަދި އެއަށްފަހު މަދު ވަގުތުކޮޅެއްގެ ތެރޭގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންދެވެނު ކަމަށާއި އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މެންދުރު 01:22 ހާއިރު އެއާ އެމްބިއުލާންސްގައި މާލެ ގެނެސް ފަރުވާ ދޭން ފެށުނު ކަމަށެވެ.

ގާއިސް އަށް ފަރުވާދެމުން ގޮސްފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ އެހީގައެވެ.

ގާއިސް އަކީ ދިވެހި ފުލުހުންގެ އަސާސީ 40 ވަނަ ތަމްރީނު ކޯހުގެ ދަރިވަރެކެވެ.  އެ ދަރިވަރުން ތަމްރީނު ފަށާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *