މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަޢީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އެ މަނިކުފާނު ރައީސް މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައި ވަނީ މިހާރު ރާއްޖެއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނުއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމުޙޫރިއްޔާގެ އޮފީހުގައެވެ. އަދި މިއީ އެ ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ވަޑައިގަންނަވާ ބޭއްވެވި ފުރަތަމަ ބައްދަލު ކުރެއްވުމެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެލައްވާފައެވެ.
މިއީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ ޢިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސް މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ޑރ. ޞަލާހުލް ބުދައިރުއަށް ދެއްވި ދަޢުވަތުގައި ކުރައްވާ ދަތުރުފުޅެކެވެ.
މިއީ 40 އަހަރަށްފަހު މުސްލިމުންގެ ދެ ޙަރަމްފުޅުގެ ތެރެއިން ޙަރަމްފުޅެއްގެ އިމާމެއް ރާއްޖެއަށް ވަޑައިގަންނެވި ފުރަތަމަ ފަހަރެވެ.
މި ދަތުރުފުޅުގައި މަސްޖިދުއް ނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރައްވާނީވެސް ޑރ. ޞަލާޙުލް ބުރައިދުއެވެ. މީގެ އިތުރުން ޢިޝާ ނަމާދަށްފަހު ޚާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީވެސް ޑރ. ޞަލާޙުލް ބުދައިރުއެވެ.