ބަންޑާރަކޮށީގެ އަށްބުރި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ބަންޑާރަކޮށީގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިއިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ޖެނެރަލް އޮފިސަރުންނާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުހައިރާއި އެކިރޭންކުތަކުގެ ސިފައިންނެވެ.
އެމްއެންޑީއެފުން ހާމަކުރާގޮތުގައި ބަންޑާރަކޮށީގެ އަށްބުރި އިމާރާތުގެ ފުރަތަމަ ފިޔަވަހި އެލިއާ ކޮންސްޓްރަކްޝަންއާއި ޙަވާލުކޮށްފައިވަނީ 29 މިލިއަން ދިވެހި ރުފިޔާއަށް، 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި އިމާރާތް ބިނާކޮށް ނިމޭއިރު، އޮފީސް ޖާގައަށް ޚާއްޞަ ބަޔަކާއި، އެކޮމަޑޭޝަން ބްލޮކަކާއި، ނަމާދުކުރުމަށް ޚާއްޞަ ބަޔަކާއި، ޖަލްސާކުރާ މާލަމެއްގެ އިތުރުން، ޕާކިންގ ޒޯނެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ބަންޑާރަކޮށީގެ އަށްބުރި އިމާރާތެއް އެޅުމަށް އެލިއާ ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފައި ވަނީ 2016 ފެބްރުއަރީ 19 ވަނަ ދުވަހު ކޯސްޓްގާޑްގައި ބިލްޑިންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރެވެ. އަދި އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އަޠޯ ޢަލީއެވެ.
ބަންޑާރަކޮށީގެ އަށްބުރި އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުހައިރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ސީނިއަރ ރޭންކްތަކުގެ އޮފިސަރުންނާއި އެކިރޭންކްތަކުގެ ސިފައިން އަދި އެލިއާ ކޮންސްޓްރަކްޝަން ކުންފުނީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.