އިސްރާއީލަށް އީރާނަށް ހަމަލާއެއް ނުދެވުނު ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ނުކުރެވޭނެކަމަށް އީރާނުގެ ފޮރިން މިިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ދާދި ފަހުން މޮސްކޯއަށް ކުރެއްވި ދަތުރުފުޅުގައި ރަޝިޔާ ޓުޑޭއާ ވާހަކަ ދައްކަވަމުންނެވެ. އަރަގްޗީ ވިދާޅުވީ އިޒްރޭލުން އީރާނަށް ހަމަލާއެއް ނުދެވުނު ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ނުކުރެވޭނެ ކަމަށެވެ.
އަރަގްޗީ ވަނީ އީރާނަކީ ކިހާ ބާރުގަދަ ޤައުމެއްކަން އިސްރާއީލުގެ ސަރުކާރަށް އެނގޭކަމަށާއި، އެހެންކަމުން އެއްވެސް ޙަމަލާއެއް ދޭން މަސައްކަތް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. ސީރިއާ އާއި ލުބްނާނުގައި އިޒްރޭލުން ހިފާފައިވާ ސަރަހައްދު ބޮޑުކަން ފާހަގަކޮށް އަރަގްޗީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިގޮތުން ޒަޔަނިސްޓް ސަރުކާރުން ސީރިއާގައި ޣައްޒާއަށް ވުރެ ބޮޑު ސަރަހައްދެއް ހިފާފައިވާ ކަމަށާއި އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
”އީރާނާއި ރަޝިއާއަށް ސީރިއާގެ ސުލްހައާއި ހަމަޖެހުމާއި ސަރަހައްދީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ މުހިންމު ކަމެއް، މިއީ ސަރަހައްދީ ހަމަޖެހުމަށްވެސް ވަރަށް މުހިންމު ކަމެއް،“ އަރަގްޗީ ވިދާޅުވި އެވެ. ހަމައެހެންމެ ސޫރިޔާއިން އީރާނުގެ ފަރާތުން ދުވަހަކުވެސް އެހީއަށް އެދިއްޖެނަމަ، ސޫރިޔާގައި ސުލްހަ ގާއިމުކޮށް، އެންމެން ބައިވެރިވާ ޤާނޫނީ ސަރުކާރެއް އެކުލަވާލުމަށް އެހީވާން ތައްޔާރަށް ތިބި ކަމަށްވެސް އަރަގްޗީ ވިދާޅުވި އެވެ.