ޓްރެފިކް މައްސަލަ ތަކާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އެސް އެމް އެސް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު މޯލްޑިވްސް ޕޮލިސް ސާވިސްއިން ހަމަޖައްސައިފިއެވެ.
ފުލުހުން ހާމަކުރާގޮތުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓްރޭޓް ގުޅިގެން ފަރުމާކޮށްފައިވާ މި ޚިދުމަތް ފެށުމާއެކު ޓްރެފިކް މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ޕޮލިސް 119 އަށް އެސްއެމްއެސް ކުރުމުން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އެކަމެއް ބަލައި އެކަމަކަށް ޙައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ގެންދާނެއެވެ.
”މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކަކަށްވެފައި ޕާކް ކުރުން ފަދަ ކަންކަމުގައި ދިމާވާ ދަތިތަކާއި ކަންބޮޑުވުންތަކަށް ޙައްލު ހޯދައި ދިނުމަށް މަގުމަތި ބަލަހައްޓާ ފުލުހުން މިހާރުވެސް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން، މި ޚިދުމަތް ތަޢާރަފް ކުރުމާއެކު މަގުމަތީގައި އުޞޫލެއް ނެތި ޕާކް ކޮށްފައި ހުރެގެން ދިމާވާ ދަތިތަކާއި ގޯޅިގޯޅި ކަންމަތީގައި ޕާކްކޮށްފައި ހުރުމުން ދިމާވާ ދަރިތަކާއި ދުއްޗާ ތަކެއްޗަށާއި ހިނގައިބިނގައިވެ އުޅޭ މީހުންނަށް ދަތިވާގޮތަށް މަގުމަތީގައި ހުއްދަނެތި ތަކެތި ބައްޓާފައި ހުރުންފަދަ ކަންކަމުގެ ކަންބޮޑުވުންތައް ހުށަހެޅުއްވޭނެ“ ފުލުހުން ހާމަކުރެ އެވެ.
އަލަށް އިފްތިތާޙް ކުރެވުނު މި ޚިދުމަތާއެކު ޓްރެފިކް މައްސަލަތަކަށް މިހާރަށްވުރެ އަވަހަށް އެޓެންޑްވެވި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައި ދެވޭނެ ކަމަށް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ހާމަ ކުރެއެވެ.
ޓްރެފިކް މައްސަލަތަކާއި ގުޅިގެން ކަންބޮޑުވުންތައް ފުލުހުންނާއި ޙިއްސާ ކުރެއްވުމަށް އެސް އެމް އެސް ކުރައްވަން ބޭނުންފުޅުނަމަ TMD ޖައްސަވައި ބޭނުންފުޅުވާ މެސެޖް ލިޔުއްވައި 119 އަށް މެސެގް ކުރެވޭނެ ކަމަށާއި. 119 އަށް ކުރައްވާ މެސެޖަކީ ހިލޭ ކުރެއްވޭނެ މެސެޖެއް ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
ފުލުހުން އިތުރަށް ބުނީ މިގޮތަށް މެސެޖް ފޮނުއްވާއިރު ފޮނުއްވާ މެސެޖްތަކަކީ ޒިންމާދާރު ކަމާއެކު ފޮނުއްވޭ މަސެޖްތަކަކަށް ހެއްދެވުމަކީ އެފަދަ ކަންކަމަށް ޙައްލު ހޯދައި ދިނުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.