އެވިޑް ކޮލެޖް ހިންގާ އިމާރާތް ތިން މަސް ތެރޭގައި ހުސްކުރުމަށް މުޞްތާޤުގެ މައްޗަށް ހުކުމް ކޮށްފި

އެވިޑް ކޮލެޖް ހިންގަމުން އަންނަ ހ. ފިއެސް ތިން މަސް ތެރޭގައި ހުސްކުރުމަށް އެ ކޮލެޖުގެ ޗެއާމަން ޢަބްދުﷲ މުޞްތާގު ރަޝާދުގެ މައްޗަށް މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުގެ ޤާޟީ އާދަމް ޛާލިފް ރ. ހުޅުދުއްފާރު / ރުމަތީގެ، އަޙްމަދު ނަޖާޙްގެ ފަރާތުން ދަފްތަރު ނަންބަރު ރސ 13398 މާލެ، ޢަބްދުﷲ މުޞްތާޤު ރަޝާދުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި، ދަޢުވާ ލިބޭ ފަރާތުން ދެފަރާތުގެ މެދުގައި ވެފައިވާ ކުލީގެ އެއްބަސްވުމާއި ޚިލާފުވެފައިވާތީ، ދަޢުވާ ކުރާ ފަރާތުން އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ކަމަށް ކަނޑައަޅައި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ކުލީގެ އެއްބަސްވުން ބާތިލުކަމަށް ކަނޑައަޅާ ކަމަށެވެ.

ދަޢުވާ ލިބޭ ފަރާތުން ކުއްޔަށް ހިފާފައިވާ ހ. ފިއެސް / މާލެ، ކިޔާ ބަންޑާރަ ގޯއްޗާއި ގޯތީގައިވާ ޢިމާރާތް މިއަދު (13 އޭޕްރީލް 2025) ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ހުސްކޮށް، ޢިމާރާތާއި ގޯތި ދަޢުވާކުރާ ފަރާތާއި ޙަވާލުކުރުމަށް މުޞްތާޤުގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

އެ ޤަޞިއްޔާގައި ބުނެފައިވާގޮތުގައި 07 ޖޫން 2022 ގައި އެ ގޯއްޗާއި ޢިމާރާތް 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދީފައިވަނީ 15 އަހަރުގެ ދުވަހުގެ މުއްދަތަކަށް މަހަކު 200،000 (ދެ ލައްކަ ރުފިޔާ) އަށެވެ. އަދި ޑިޕޮސިޓްގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އަދި ކޮންމެ މަހެއްގެ ކުލި އެމަހެއްގެ 10 ގެ ކުރިން ދައްކަން ދެ ފަރާތުން އެއްބަސްވެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ޑިޕޮސިޓް ފައިސާ ދައްކާފައިނުވާކަމާއި އަދި ޖުލައި 2023 އިން ފެށިގެން ކުލި ދައްކަމުންދިޔައީ ލަހުން ކަމާއި އަދި ޑިސެމްބަރު 2023 ފިޔަވައި ކޮންމެ މަހަކުވެސް ކުލިން ބައެއް ދެއްކުމަށްފަހު ބާކީބައި ދައްކާފައިވަނީ ދުވަސްތަކަކަށްފަހު ލަސްވުމުން ދޭންޖެހޭ ޖޫރިމަނާގެ ފައިސާ ނުދީ ކަމުގައިވެސް ދަޢުވާކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ދައުވާކުރި ފަރާތުން އެދިފައިވަނީ އެއްބަސްވުމާ އެއްގޮތަށް ދަޢުވާ ލިބޭ ފަރާތުން މިހާތަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް އަމުރުކޮށްދިނުމަށާއި އެގޮތުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުލި ދައްކާފައިނުވާތީ ޑެމޭޖަސްގެ ގޮތުގައި 208،700 ރުފިޔާއާއި ތަން ހުސްކުރުމާއި ހަމައަށް ހިނގާނެ އިތުރު ކުއްޔާއި، ކަރަންޓު ބިލްތަކަށް ނުދައްކައިވާ 25،125 ރުފިޔާ 59 ލާރި އއި ތަން ހުސްކުރުމާއި ހަމައަށް ކަރަންޓް ބިލްތަކަށް ހިނގާނެ އިތުރު ފައިސާއާއި ފެންބިލުތަކަށް ނުދައްކައިވާ 1050 ރުފިޔާ 6 ލާރިއާއި ތަން ހުސްކުރުމާއި ހަމައަށް ފެން ބިލްތަކަށް ހިނގާނެ އިތުރު ފައިސާއާއި 2022 ނޮވެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ދައްކަން ޖެހޭ 200،000 ރުފިޔާއާއި ވަކީލުގެ ޚަރަދުގެ ގޮތުގައި ދަޢުވާކުރާ ފަރާތުން ޚަރަދުކޮށްފައިވާ 5،000 ރުފިޔާ ހޯދުމަށާއި އެގްރީމަންޓް ބާތިލު ކުރުމަށެވެ.

ނަމަވެސް ހުކުމުގައިވާގޮތުގައި ކަރަންޓު ބިލްތަކަށް ދައްކަންޖެހޭ ފައިސާއާއި ފެންބިލްތަކަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާކަން ދެ ފަރާތުގެ ބަހުން އެނގޭތީ އިތުރަށް އެ ފައިސާ ނަގައިދޭން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ. އަދި ދަޢުވާކުރާ ފަރާތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ 208،700 ރުފިޔާއާއި ޔުޓިލިޓީ ޑިޕޮސިޓިގެ ގޮތުގައި ހޯދުމަށް އެދިފައިވާ 200،000 ރުފިޔާ އާއި ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ހޯދުމަށް އެދިފައިވާ 5،000 ރުފިޔާ ނަގައިދެވޭނެތަނެއް ނެތްކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ތިން މަސްތެރޭގައި ތަން ހުސްކޮށް ހަވާލުކުރުމަށް އަމުރުކޮށްފައިވާއިރު ތަން ހަވާލުކުރާ ދުވަހާ ހަމައަށް ހިނގާ ކުއްޔަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތައް ދޭންޖެހޭ ކުއްޔެއް ކަމަށް ކަނޑައަޅައި، ތަން ޙަވާލުކުރާ ދުވަހާ ހަމައަށް ކޮންމެ މަހަކުވެސް އެމަހެއްގެ ކުލި އެމަހުގެ 10 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް އަމުރުކޮށްފައިވެއެވެ. އަދި ތަން ހުސްކޮށް ހަވާލުކުރާ ދުވަހާ ހަމައަށް ޔުޓިލިޓީ ބިލްތަކަށް އަރަމުންދާ ފައިސާއަކީ ދަޢުވާލިބޭ ފަރާތުން ޒިންމާވެ ދައްކަންޖެހޭ ފައިސާއެއް ކަމުގައިވެސް ކަނޑައަޅާފައިވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. އެވިޑް ކޮލެޖްގެ ކަންތައް ދެން މިހާރު ވަރަށް ގޯސްކޮށް ތިދަނީ. އަހަރުމެން ކޮންމެ މަހެއްގެ 10 ގެ ކުރިން ކޯސްފީ އެބަދައްކަން. ކޮލެޖްގެ އަގު ކޮލެޖުން ތިވައްޓާލަނީ.

  2. ބަރާބަރު. އޭނާއަށް ލިބެން ޖެހޭ ސަޒާ ތިޔަ ލިބެނީ. ކިތައްމީހުންގެ ދިރިއުޅުމުގައި ހުޅުޖަހައިފީމު. އަދި ލެކްޗަރާޒްއަށް ދޭންޖެހޭ ފައިސާވެސް ދީފަ ނެތް، މިހެން ގޮސް ކިޔާނެކަމެއް. ދުނިޔެވަށާބުރުޖެހޭތޯބަލާ އަދި ދުނިޔޭގެ ހުރިހާ ޤައުމެއްގައި އެވިޑްގެ ކެމްޕަސްތަށް ހުޅުވާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *