މި އަހަރުގެ ފުރަތަމަ ފުރާވަރު ކޭންޕު ވިލުފުށީ ސްކޫލުގައި ފެށިގެން ކުރިއަށް

ދިވެހި ފުލުހުންގެ ޚިދުމަތާއި ތައުލީމީ ވުޒާރާ ގުޅިގެން، ސްކޫލުތަކުގެ ފުރާވަރު އުމުރުފުރައިގެ ދަރިވަރުންނަށް ކުރިއަށްގެންދާ ”ކެންޕް ފުރާވަރު“ ގެ 106 ވަނަ ކޭންޕު ތ. ވިލުފުށީ ސްކޫލުގައި ފަށައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ކޭންޕަކީ މި އަހަރުގެ ދިރާސީ އައު އަހަރު ފެށިގެން ކުރިއަށް ގެންދާ ފުރަތަމަ ކޭންޕެވެ. ވިލުފުށީ ސްކޫލުގެ ގްރޭޑް 8 އިން 12 އަށް ތައުލީމު ހާސިލުކުރަމުންދާ ޖުމުލަ 90 ދަރިވަރުންނާއެކު މި ކޭންޕު ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ.

މި ކޭންޕު ކުރިއަށް ގެންދަނީ ވިލުފުށީ ފުލުހުންނާއި ސައުތު ސެންޓްރަލްގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ވިލުފުށީ ސްކޫލާއި، ކައުންސިލާއި، ސިއްހީ މަރުކަޒާއި، ވިލުފުށީ ފެނަކަ އަދި އާރު.ޑީ.ސީ ގޮފީގެ އިތުރުން ވިލުފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމާ އެކުގައެވެ.

މި އަހަރުގެ ކްރައިމް ޕްރިވެންޝަން ޕާޓްނަރުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ބެންކު އޮފް މޯލްޑިވްސް އަދި ޕްރޮކްސީ ޝޯރޫމެވެ. މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ.

ފުރާވަރު ކޭންޕަކީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ކޭންޕެކެވެ. ވިލުފުށީގައި ކުރިއަށް ގެންދާ މި ކޭންޕުގެ އިތުރުން ވެސް ފުރާވަރު ކޭންޕު އިތުރު ސްކޫލުތަކުގައި މި ދިރާސީ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް، ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓުގެ ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްސް ޔުނިޓް ހެޑް، އިންސްޕެކްޓްރ އޮފް ޕޮލިސް ހަސަން މަޝްރޫރް ވިދާޅުވިއެވެ. އެގޮތުން މި މަހު ފަހުކޮޅު ބ. އޭދަފުށީ ސްކޫލު ދަރިވަރުންނަށް މި ކޭންޕު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެ އިތުރުން، ކުޅުދުއްފުށި ސިޓީ، ކ. ގުރައިދޫ، އދ. މާމިގިލި އަދި ސ. ފޭދޫގައި ވެސް މި ކޭންޕު ކުރިއަށް ގެންދާނެ ކަމަށް ހަސަން މަޝްރޫރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މި އަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ސްކޫލު ދަރިވަރުންނަށާއި، ބެލެނިވެރިން އަދި މުދައްރިސުންނަށް ހާއްސަކޮށްގެން ވެސް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށާ އެގޮތުން އަމާންވެށި ޕްރޮގްރާމް ހއ. ބާރަށް، ރ. ދުވާފަރު އަދި ލ. ގަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިންސްޕެކްޓްރ އޮފް ޕޮލިސް ހަސަން މަޝްރޫރް ވިދާޅުވިއެވެ އަދި މާލެއާއި އަތޮޅުތެރެ ހިމެނޭ ގޮތަށް، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށާއި އަމިއްލަ ކުންފުނިތަކާއި ޖަމުއިއްޔާތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ވެސް މިއަހަރު ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މި ކޭންޕު ކުރިއަށް ގެންދިއުމުގައި ރަށުގެ މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުންގެ ފަރާތުން ޝުކުރުއަދާކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *