ތ. އާއި ލ. ދެމެދު މާލެ ދަތުރުކުރަމުންދިޔަ ހޮޅުދޫ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު ލ. މާވަށު، އަލީ މުޝްފިގު ޝަރީފް 25އ މައްޗަށް މާދަމާ ޣައިބުގައި ކަށުނަމާދު ކުރަން ނިންމައިފިއެވެ.
ހޮޅުދޫ ބޯޓުގައި އަލިފާން ރޯވީ ތ. ހިރިލަންދޫ އިން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް މި މަހުގެ 2 ވަނަ ދުވަހުގެ 9:07 ހާއިރު އެވެ. އެގާރަ ދިވެހިންނާއި 7 ބިދޭސީންނާއެކު މާލެ ދަތުރުކުރަމުން ދިޔަ އެ ބޯޓުގައި ރޯވީ ހިރިލަންދޫއިން ފުރައިގެން މާލެ ދަތުރުކުރަމުން އަންނަނިކޮށް ތ. ކަނޑޫދޫ ކައިރިންނެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ ފިޔަވާ ދެން ތިބި މީހުން ސަލާމަތްކޮށްގެން އެމްއެންޑީއެފުން ވަނީ ކަނޑޫދޫއަށް ގެންގޮސްފައެވެ.
މުޝްފިގު ހޯދަން އެމްއެންޑީއެފުން ޑްރޯން ބޭނުން ކުރަމުން އަންނައިރު އެމްއެންޑީއެފުން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު 92.42 ސްކުއެއާ ނޯޓިކަލް މޭލް ވަނީ ބަލާފައެވެ. މީގެ އިތުރުން ޑައިވްކޮށްގެން ކަނޑު އަޑީގެ 65100 އަކަ މީޓަރުވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
މާވަށު ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރާނީ މާދަމާގެ ހުކުރު ނަމާދަށްފަހު އެ ރަށު މަސްޖިދުލް ބިލާލުގައި ކަމަށެވެ. މާވަށު ކައުންސިލުން ވަނީ މުޝްފިގުގެ ކަށުނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައެވެ.