ޣައްޒާގެ ޝުޖައްޔާ ސަރަޙައްދުގައި އާންމުން ދިރިއުޅޭ ގެތަކެއް ހިމެނޭ ސަރަޙައްދަކަށް އިސްރާއީލުން ދިން ވަރުގަދަ ވައިގެ ހަމަލަތަކެއްގައި 29 މީހަކު ސަހީދުވެ 55 މީހަކު ޒަޚަމްވެ 80 އަށްވުރެ ގިނަ މީހުން ގާކުނޑި ދަށުވެ ގެއްލިއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސަހީދުވި މީހުންނާއި ޒަޚަމްވެ ހޮސްޕިޓަލަށް ގެންދެވުނު މީހުންނާއި އަދި ހަމަ އެހެންމެ ގާކުނޑިތައް ދަށުވެ ގެއްލިފައިވާ މީހުންގެ ތެރޭގައިވެސް ގިނައީ ކުޑަކުދީންނެވެ.
ހަމަލައިގާ ޒަޚަމްވި 55 މީހަކަށް ޣައްޒާގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ހޮސްޕިޓަލަށް ގެންދެވޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު ހަމަލައިގާ މަރުވި މީހުންގެ ޢަދަދާއި ގާކުނޑިތައް ދަށުވެ ގެއްލިފައިވާ މީހުންގެ ޢަދަދުވެސް އިތުރުވަމުން އަންނަ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ޢަދަދުތަކާއެކު ޣައްޒާއިން މިހާތަނަށް ސަހީދުވެފައިވާ މީހުންގެ ޢަދަދު މިއަދު މިވަނީ 50،846 އަށް އަރާފައެވެ. ޣައްޒާގެ ޞިއްޙަތާއިބެހޭ ވުޒާރާއިން މިއަދު ބުނެފައިވާގޮތުގައި ހަމަލަތަކުގައި ސަހީދުވެފައިވާ މީހުންގެ ޢަދަދު 50،846 އަށް އަރާފައިވާއިރު ހަމަލަތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 115،729 އަށް އަރާފައެވެ.