ބޮޑުތަކުރުފާނު މަގުގެ އުތުރުކޮޅު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

މާލެ ސިޓީ ބޮޑުތަކުރުފާނު މަގުގެ އުތުރުކޮޅު (ހެންވޭރު ފެރީ ޓާމިނަލް އިން ފެށިގެން މަސް މާރުކޭޓު ސަރަޙައްދާއި ހަމައަށް) ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ.

އެމްޓީސީސީއިން ބުނެފައިވާގޮތުގައި ބޮޑުތަކުރުފާނު މަގުގެ އުތުރުކޮޅަކީ މާލޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެންމެ ބާރުބޮޑު އެއް ސަރަހައްދެވެ. އެ މަގު ފުޅާކޮށް ތާރުއަޅާ ނިމުމުން، އެ ސަރަހައްދުގައި ފަސޭހަކަމާއެކު ދެކޮޅަށް ދަތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި އުޅަނދު ފަހަރު ޕާކް ކުރާނެ އިތުރު ޖާގަވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގެ އުތުރުކޮޅުގެ މަސައްކަތް ނިމިގެންދާއިރު ފެންހިންދާ ނިޒާމެއްވެސް ޤާއިމުވެގެންދިއުމާއެކު، ވިއްސާރަވުމުން ފެންބޮޑުވާ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން، 830 މީޓަރުގެ މަގެއް ހެދިގެންދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރެވިގެންދާނެ ކަމަށާއި އަދި، ތާރު އަޅާ ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމްކުރުމާއި، ފެންހިންދާ ނިޒާމެއްވެސް ޤާއިމު ކުރެވިގެންދާނެ ކަމުގައި އެމްޓީސީސީއިން ބުނެއެވެ. އަދި މީގެ އިތުރުން، ޑްރައިނޭޖް ސަރވިސް ލައިން އެޅުމާއި، މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށާއި މި މަޝްރޫޢަކީ 144.50 މިލިޔަން ރުފިޔާއަށް 445 ދުވަސްތެރޭ ނިންމުމަށް މި ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެއް ކަމުގައިވެސް އެމްޓީސީސީއިން ބުނެއެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާ ކާމިޔާބުކަމާއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *