ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓްގެ މޮބައިލް ލެޖެންޑް ކޮލިފަޔަރސްގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފި

ދިރާގުން އިންތިޒާމްކޮށްގެން ރާއްޖޭގައި މިހާތަނަށް ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް އީ-ސްޕޯޓްސް މުބާރާތް ”ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީ.އެމް.ޖީ.ސީ)“ ގެ މޮބައިލް ލެޖެންޑް ކޮލިފަޔަރސްގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.

ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ރަޖިސްޓަރީކުރުމުގެ ފުރުސަތު 10 އެޕްރިލް 2025 ވަނަ ދުވަހުގެ 23:59 އާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ.

ދިރާގުން ބުނެފައިވާގޮތުގައި ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ބައިވެރިވެވޭ ގޮތަށް އޮންލައިން ފޯމެޓަށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން ޑީ.އެމް.ޖީ.ސީއަށް ކޮލިފައިވާނީ މި މުބާރާތުގެ އެންމެ މޮޅު 8 ޓީމެވެ. މޮބައިލް ލެޖެންޑް ކޮލިފަޔަރސްގައި ބައިވެރިވެ ވަނަވަނައަށް ދާ ޓީމުތަކަށް ވަނީ ޖުމްލަ 15،000 ރުފިޔާގެ އަގުހުރި ފައިސާގެ އިނާމް ކަނޑައަޅައިފައެވެ. މި ގޮތުން، އެއް ވަނަ އަށް ދާ ޓީމަށް 7،000 ރުފިޔާ، 2 ވަނަ އަށް ދާ ޓީމަށް 5،000 އަދި 3 ވަނަ އަށް ދާ ޓީމަށް 3،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.

ޑީ.އެމް.ޖީ.ސީއަކީ ދިވެހިރާއްޖޭގައި ތިބި އެންމެ ހުނަވެރި ގޭމަރުން އެއްތާކުން ފެނިގެންދާނެ ގޮތަށް ޕަބްޖީ، ރޮކެޓް ލީގް އަދި އެފްސީ 25 ގޭމްތައް ހިމަނައިގެން ކުރިއަށްގެންދާ ޗެމްޕިއަންޝިޕެކެވެ. މި ގޮތުން، މޮބައިލް ލެޖެންޑްސް ކޮލިފަޔަރސް އަކީ ޑީ.އެމް.ޖީ.ސީއާ ހަމައަށް ދިއުމަށް ހުޅުވާލެވޭ ފުރުތަމަ މުބާރާތެވެ.

ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ދިވެހި ގޭމިންގ އާ އުސްމިންތަކަކަށް އުފުލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މުބާރާތާ ބެހޭ އިތުރު މައުލޫމާތުތައް dgg.mv ގެ ޒަރިއްޔާއިން އިއުލާނު ކުރެވިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *