އަލްމަސްޖިދުލް ހަރާމްގެ މުންނާރު ތަކުން ބަންގީގެ މަތިވެރި ނަޣުމާގެ އަޑު ގުގުމަން ފެށުމާއި އެކު، ޤުރުއާން ކިޔަވަން ތިބި ބައެއް މީހުންވެސް ހަތިމްތައް ބަހައްޓާފައި ތެދުވީ ސުންނަތް ނަމާދު ކުރާށެވެ. އޭގެ ތެރެއިން އެކަކު އަފުޒަލްގެ ގައިގައި ކޮއްޓާލީ، އަފްޒަލްއަށް ނިދިފައި އިނީމައެވެ.
ދެލޯހުޅުވާލުމާއި އެކު އަފުޒަލްއަށް ފެނުނީ މިސްކިތުތެރެއެވެ. ބަރަކާތްތެރި ރެއެއްގައި އެބަރަކާތްތެރި މިސްކިތުގެ ފަތިސް ނަމާދުގެ ޖަމާއަތަށް އަވަސްވެގަނެ އައި މީހުންތަކެވެ. ކުޑަކުދީންނާއިން ޒުވާނުންނެވެ. ހަރުމީހުންނާއި މުސްކުޅީންނެވެ. އުނގުމަތީގައި ބޭއްވިފައިވާ މުސްހަފް ނަގައި މޭގައި ޖައްސާލައި ތަނބުގެ ކައިރީގައި ހުރި ހަރުތެރޭގައި ބޭއްވުމަށް ފަހު އޭނާ ހިނގައިގަތީ، ވުޟޫ ކުރަން މިސްކިތުގެ އިސްކުރުތައް ހުރި ދިމާއަށެވެ.
އެތައްހާސް އިސްކުރެއް ހުރި އެބޮޑު މިސްކިތުގެ ވުޟޫކުރާ ބައިން ވުޟޫކޮށްގެން އޭނާ އައިސް ހުޓުނު އިރު އިމާމާ ނަމާދަށް ފަށައިފިއެވެ. އަފުޒަލުވެސް ނަމާދުގެ ސަފަށް އަރައިފިއެވެ. އިމާމާ سورة الغاشية ކިޔަވަން ފެށުމާއި އެކު، އަފުޒަލުގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތީ ހިތްމަޑުމޮޅިވެ ނަމާދުގެ ޚުޝޫއަތްތެރިކަމުގެ ތެރޭގައި ގެނބިގޮސް އަމިއްލަ ނަފުސަށް ވެވުނު އިޤުރާރާއި އެކުގައެވެ. ނަމާދުގައި އޭނާ ހުއްޓި ހުރީ ކައުނުގެ ވެރިރަސްކަލާނގެ ބައްލަވައި އަދި އައްސަވައި ވޮޑިގެންވާކަމަށް ފުރިހަމައަށް އީމާންވެ ހުރެއެވެ.
އަފުޒަލުގެ ހިތްހަމަޖެހުމަކީ ނަމާދެވެ. ހަޔާތުގެ މަގަކީ ޤުރުއާނެވެ. އޭނާ ދިރިހުރި ކޮންމެ ސިކުންތަކާއި އެކު އޭނާ ﷲއަށް ޒިކުރު ކުރެއެވެ. ދުޢާކުރެއެވެ. އޭނާގެ ފާފަތަކުގެ ކައްފާރާ އަދާކުރެވޭތޯއެވެ.
އަފްޒަލަކީ އުމުރުން އެންމެ 27 އަހަރުގެ ޒުވާނެކެވެ. ރާއްޖެއިން ހައްޖުގެ އަޅުކަމަށް މިއަހަރު އައިމީހުންގެ ތެރެއިން އެންމެ ޒުވާން އެކެކެވެ. ދެކޭމީހުން ބުނާނީ އޭނާ އަކީ އަދި ހަމަ އުފަލާއި މަޖަލުގައި ދިރިއުޅެން ބޭނުންވާ ޒުވާން އުމުރުގައި ހުރި މީހެއް ކަމަށެވެ. އޭނާގެ ހެދި ހުރި ހަށިގަނޑާއި ރީތި ބުރުސޫރައިގެ ސަބަބުންނެވެ. އޭގެ އިތުރަށް މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިއަށް ވާތީއެވެ.
އަފްޒަލަކީ މީގެ ކުރިން މާ ދީނީ ކުއްޖެއް ނޫނެވެ. މައިންބަފައިން ގަދަ އަޅައި ބާރުއަޅައިގެން ކުޑައިރު ޤުރުއާން ކިޔަވައިދީ، ނަމާދުކުރަން ދަސްކޮށްދީފައި ހުރީތީ އޭނާއަށް އެކަންކަން އެނގިފައި ހުރީއެވެ. ހިތުގައި ދީނަށް ލޯތްބެއް ނެތެވެ. އަޤީދާ އާއި މެދު ވިސްނުމެއްވެސް ނެތެވެ. ތެދުތެދަށް ބުނާނަމަ އޭނާ މުސްލިމެއްގެ ގޮތުގައި ދެކޭމީހުންނަށް ފެންނަނީ އޭނާގެ މައިންބަފައިންނާއި އޭނާ ދިރިއުޅޭ މުޖުތަމަޢަކީ މުސްލިމް މުޖުތަމަޢަކަށް ވާތީއެވެ.
އަފްޒަލްގެ އަތުގައި ނެތް އެއްޗެއް ނެތެވެ. ފައިސާއަށް ގަނެވޭ ކޮންމެ އެއްޗެއް ހުރީ އޭނާގެ އަތުގައެވެ. އަގުބޮޑެތި ހެދުންތަކާއި ގަޑިތަކެވެ. އެކި ކަހަލަ ސްޕޯޓްސް ކާރުތަކެވެ. ދިރިއުޅުމުގައި އޭނާއަށް ކެއުމާއި ނިދުމާއި ރައްޓެހިންނާއި އެކު މަޖާކުރުން ނޫންކަމެއް ނެތެވެ. އޯލެވެލްއާއި ހަމައަށް ކިޔެވުނީވެސް މައިންބަފައިން ދަނޑިމާރު އަޅައި އޮބަހައްޓައިގެން ގެންގުޅުނު ވަރުންނެވެ. މީހުން ކިޔަވަނީ މަތީމަޤާމުތަކާއި ވަޒީފާތައް ބޭނުންވަނީ ތަނަވަސް ދިރިއުޅުމެއް ބޭނުންވާތީއެވެ. އެއްވެސް މަސައްކަތަކާއި ނުލައި އަފްޒަލަށް އެކަން އޮތީ ފުރިހަމަވެފައެވެ.
ޓީންއޭޖުގެ ދުވަސްވަރުން ފެށިގެން އިހަކަށް ދުވަހާއި ހަމައަށް އޭނާދިރިއުޅުނީ، އެއްވެސް ފިކުރެއް ހިޔާލެއް ނެތް ދިރިއުޅުމެވެ. މިއަދުވެސް މަރު ޔަޤީންވާ ފަދައިން އެދުވަހުވެސް އޭނާއަށް މަރު ޔަޤީންވެއެވެ. އެހެނީ ކޮންމެ އެއްޗެއްވެސް އުފަންވަނީ މަރުވާށެވެ. މަރަކީ ކިތަންމެ ނުރުހުނަސް ކޮންމެ މީހަކާއިވެސް ކޮންމެވެސް އެއްދުވަހަކުން ކުރިމަތިލާނެ ބާރެކެވެ. އެކަކަށްވެސް ނޭނގެނީ އެމީހަކާއި މަރުއައިސް ބައްދަލު ކުރާނެ ހިނދެކެވެ.
އަފްޒަލް އާއި ނަޝްވާގެ ކައިވެނިވީ ވެސް މިދިޔަ އަހަރުއެވެ. މިހާރު އަފްޒަލްގެ އަންހެނުން އިނީ ބަލިވެއެވެ. މިއީ އޭނާގެ ހަޔާތުގައި އެންމެ އުފަލުގައި އުޅޭންވީ ދުވަހެވެ. އޭނާގެ ހުރިހާކަމެއް ފުރިހަމަވެފައިވީ ދުވަހެވެ. އޭނާ ބޭނުން ކޮންމެ އެއްޗެއް ލިބި ބޭނުން ކޮންމެ ކަމެއްވެ ފުރިހަމަވިއެވެ. އެއްވެސް މީހެއްގެ ގާތުގައި އޭނާ ކަމަކަށް އެދޭކަށް ނުޖެހެވެ. އެހެންކަމުން ކަމަކަށް އެދި ﷲއަށް ދަންނަވައި ދުޢާއެއް ކުރި ދުވަހެއްވެސް އޭނާގެ ހަނދާނަކުނެތެވެ. އެންމެ ކުޑަމިނުން ޝުކުރުގެ ޒިކުރެއްވެސް މެއެވެ.
ފަތިސް ނަމާދުން ނިމިގެންވެސް އަފްޒަލް އިނީ ޤުރުއާން ކިޔަވާށެވެ. ހައްޖުގެ މަތިވެތި މަނާސިކު އަދާކުރުމަށް ފަހު، މިރެއަކީ އޭނާ އެނބުރި ރާއްޖެދާން ފުރަންޖެހޭ ރެއެވެ. އެކަމަކު އަފްޒަލުގެ ހިތް އެކަމަކަށް ނޭދެއެވެ. އޭނާ ބޭނުން ވަނީ މިބަރަކާތްތެރި އަމާންކަން ލިބިގެންވާ ރަށުގައި މި މިސްކިތުގައި އިންނާށެވެ. އޭނާގެ ހަޔާތުގެ 26 އަހަރު ކުރެވުނު ފާފައިގެ ތައުބާއަކަށް ޓަކައި، ފަހުނޭވާއާއި ހަމައަށް އަޅުކަމުގައި މަޝްޣޫލުވެ އިންނާށެވެ.
އަފްޒަލަށް އައި ބަދަލާއި މެދު އޭނާގެ މައިންބަފައިން ކަންބޮޑެއް ނުވެއެވެ. އެކަމަށް އެމީހުން ކުރީ އުފަލެވެ. ދުނިޔޭގެ އަފްޒަލަށް ފަރުވާއެއް ލިބޭނެ ގޮތެއް އޮތްތޯ ދުނިޔޭގެ ހުރިހާ ހިސާބެއްގައި އެމީހުން އެބަ އަތްފުނާ އަޅައެވެ. އެކަމަކު އެއިން އެއްވެސް ކަމަކީ ނަތީޖާއެއް ނެތް ކަމެކެވެ. އަފުޒަލް މަރުން ސަލާމަތްކޮށްދެވޭނޭ އެއްވެސް އިންސާނަކު މިދުނިޔެއަކު ނެތެވެ. ކުޅަދުންވަންތަ އިލާހު މުއުޖިޒާތެއް މެދުވެރި ކުރައްވައިގެން މެނުވީއެވެ.
އެއީ އަފުޒަލުގެ ހަޔާތް ބަދަލުވާން މެދުވެރިވި ހިސާބެވެ. އަންހެނުން ބަލިވެ އިންކަމުގެ އުފަލުގައި އާއިލާގެ މީހުންނާއިކު، ގޭގެ ޓެރަހުގައި ބޮޑު ޕާޓީއެއް ބޭއްވި ރެއެވެ. ރަމަޟާން މަހެއްގެ ތަރާވީސް ދަމެވެ. އަފުޒަލަކީވެސް އަދި އާއިލާގެ އެހެން މީހުންނަކީވެސް ދީނަށް މާބޮޑު ލޯތްބެއް ކުރި ބަޔަކަށް ނުވާތީ، ޕާޓީ ކުރިޔަށް ދިޔައީ ތަރާވީހް ނަމާދުގެ ވަގުތުގައެވެ. އެޕާޓީގައި ލަވަޖަހައި ނަށައި އެމީހުން ފޯރި ނަގަމުން ދިޔައިރު ކައިރީގައި ހުރި މިސްކިތްތަކުން ތަރާވީހް ނަމާދުގައި ޤުރުއާން ކިޔަވަމުންދާ އަޑު ބާރަށް އިވެމުން ދިޔައެވެ. އެހެން ނަމަވެސް އަޅުކަމަކީ މުސްކުޅިވީމާ އަދާކުރަންޖެހޭ އެއްޗެއްކަމަށް ވިސްނިފައިވާ ބައެއްގެ ތެރޭގައި އެކަމަށް ސަމާލުކަމެއް ދޭނޭ މީހަކު ނެތީއެވެ.
އަންހެނުންގެ އަތުގައި ހިފާލައިގެން އަފުޒަލްގެ ދެމަފިރީން ލަސް މިޔުޒިކަށް ފައިހަމަކުރަމުން ދިޔައިރު އާއިލާގެ އެހެންމީހުން ހަޅޭލަވައި އަތްޖަހައި މަޖާނަގަނީއެވެ. އެމަޖާގަނޑުގެ ތެރެއިން އަފްޒަލަށް ހާމައުޑަށް ބަލާލެވުނީ އިހުތިޔާރެއް ނެތި ހަމަކުއްލިއަކަށެވެ. އެއާއި އެކު އޭނާއަށް ސިފަވީ އުޑުގެތަރިތައް ވާރޭގެ ތިކި ތަކެއްހެން ފައިބައިގެން އަންނާތީއެވެ. ކައުނު ބާރު ސްޕީޑެއްގައި އެނބުރޭތީއެވެ. އަފުޒަލަށް އިވުނީ ބަޔަކު ހަޅޭލަވައިގަތް އަޑެވެ. އުޑުތިލަމަތިން އަފްޒަލް ވެއްޓުނުކަން އޭނާއަށް އެނގެއެވެ. ދެންވީގޮތެއް އޭނާއަކަށް ނޭނގެއެވެ.
އައިޖީއެމްއެޗުގައި މަދު ވަގުތުކޮޅަކު ބާއްވާފައި ސީދާ ޗާޓަރު ފްލައިޓަކުން އަފްޒަލް ގެންދެވުނީ ސިންގަޕޫރަށެވެ. އޭނާއަށް ފަރުވާދޭންފެށީ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. އަފުޒަލު ހޭއަރައި ކުޑަކޮށް ހަމަޔަކަށް އެޅުނީވެސް ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އޭރު އޭނާގެ ބޮލުގެ އޮޕަރޭޝަނެއްކޮށްފައި ހުއްޓެވެ. އާއިލާގެ މީހުންނަށް ވީގޮތް އަފުޒަލަށް ސިއްރުކޮށްގެން އުޅެވުނީ މަހެއްހާ ދުވަހު އެވެ. ވީގޮތް އޭނާއަށް އެނގުނީ މަންމަ ރޮއެރޮއެފައި މަންމަގެ ތިމާގެ މީހެއްގެ ގާތުގައި އެވާހަކަތައް ދެއްކުމުންނެވެ.
އަފުޒަލްގެ ސިކުނޑީގައި ޓިއުމަރެއް ހުރީއެވެ. އެހުރީ ކެންސަރަށް ބަދަލުވެ އޭގެ ފަހު ސްޓޭޖުގައެވެ. އަފުޒަލުގެ މުޅި ހަށިގަނޑަށް ވަނީ ކެންސަރު ފެތުރިފައެވެ. މަރުފިޔަވައި އެބަލީގައި އަފުޒަލަކަށް އޭރަކުދެން ފަރުވާއެއް ނެތެވެ.
އަފުޒަލަށްވެސް ފަސް އެނބުރި ބަލާލެވުނީ އޭނާގެ މަރު ޔަޤީން ވީމައެވެ. ކަލަކުވާކަމާއި ދީނާއި ތަޤުވާ އާއި މެދު އޭނާއަށް ވިސްނެން ފެށީ ހަޔާތުގެ މުހިއްމު ދުވަސްތައް ފަސްދީ ދިޔަފަހުންނެވެ. މުސްކުޅިވީމާ ނަމާދުކޮށް ޒިކުރުކޮށް އަޅުވެރިއެއްގެ ގޮތުގައި އުޅޭނަމޭ ހިތާ ހުއްޓައި އޭނާއަށް މުސްކުޅި އުމުރެއް ނެތްކަން އެނގުމުންނެވެ. ދުނިޔޭގައި ތަނަވަސް ކަމާއި އަރާމާއި އުފާ ލިބިފައިވިޔަސް އާޚިރަތަށްޓަކައި އޭނާއަށް އެއްވެސް ހެޔޮކަމެއް ކުރެވިފައި ނެތްކަން އެނގުމުންނެވެ.
ޑޮކްޓަރުން އަފުޒަލަށް އެކި އެކި ފަރުވާތައް ފަށަން ބޭނުންވިއެވެ. ކީމޯތެރަޕީ އާއި އެނޫވެސް ކެންސަރުގެ ފަރުވާތައް ލިބިގަންނަން އިރުޝާދު ދިނެވެ. ނަމަވެސް އެކަމާއި އަފުޒަލު ދެކޮޅު ހެދީއެވެ. ޝިފާއެއް ނެތް ބައްޔަކުން ގަދަވޭތޯ އުއްމީދެއް ނެތް އުއްމީދެއް ކުރަން ބަލިއެނދުގައި އޮތުމަށްވުރެ އޭގެ ކުރިން އޭނާ ބޭނުންވީ އާޚިރަތަށްޓަކައި ހެޔޮއަމަލެއް ކުރާށެވެ. ދުނިޔެ ގެއްލުނަސް އާޚިރަތް ގެއްލުނަ ނުދޭށެވެ.
އަފުޒަލު މިއަހަރު ހައްޖުގެ އަޅުކަމަށް އައީވެސް އެހެންވެއެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ މިމާތް ބިމަށް އާދެވުމުންނެވެ. މާތް ނަބިއްޔާއަށް ސަލާމް ދެންނެވުމުންނެވެ. ރަވްޟާގައި ނަމާދުކޮށް ތައުބާވެ އަސްތަޣުފާރު ކުރުމުންނެވެ. އަފުޒަލަކަށް ނޭނގެއެވެ. އޭނާގެ ތައުބާ ޤަބޫލު ކުރެއްވޭނެ ކަން ނުވަތަ ނޫންކަމެވެ. އެހެނީ އޭނާ މިއަދު އެވަނީ މަރުގެ ތުންފަތްމަތީގައެވެ. ކޮންމެ ހިނދެއްގައިވެސް އޭނާގެ ހަޔާތުގެ ނޫރު ނިވިދާނެއެވެ. ކުރިންވެސް އޭނާއަށް އެކަން އެނގެއެވެ. އެކަމަކު މިހާރު ހުރި ތަފާތަކީ، އޭނާ ބޮޑު ބައްޔެއްގެ ޝިކާރައަކަށް މަރު ޔަޤީންވެފައި ވުމުންނެވެ.
ފުރަން އެއާޕޯޓަށް ދާންވި އިރުވެސް އަފުޒަލް އިނީ ހަރަމްފުޅުގައެވެ. އެންމެ ފަހުން ހައްޖު ގުރޫޕް މީހުން އޭނާ ބަލައި އައީއެވެ. އޭނާ ދާންބޭނުން ނުވިނަމަވެސް ދާންޖެހުނީ، އުސޫލުތަކާއި ޤަވާއިދުތަކަށް އޭނާ ބޯލަނބަންޖެހުނީތީއެވެ. ހައްޖު ގުރޫޕްގެ ގިނަ މީހުންނަށް އަފުޒަލުގެ އަސްލު ހާލަތު އެނގުނީވެސް އެދުވަހު އަފުޒަލު އެނބުރި ރާއްޖެދާން ބޭނުން ނުވާކަމުގައި ބުނުމުންނެވެ.
ހައްޖުގެ އަޅުކަމުން ނިމިގެން ޖިއްދާއިން މާލެއަށް ފްލައިޓުގައި ކުރި ދަތުރުމަތީގައި އަފްޒަލު ކުރިމަސައްކަތަކި އޭނާގެ ހަޔާތުގެ ވާހަކަ ލިޔުމެވެ. އޭނާއަށް ދިމާވީ ގޮތުގެ ވާހަކައެވެ. އޭނާ ބޭނުންވީ އޭނާފަދައިން ފުރުޞަތު ނަގާލާ ބަޔަކަށް އެހެންމީހުން ވިޔަ ނުދިނުމެވެ. މީސްތަކުންގެ ލޯތަށް ހުޅުވައިދިނުމެވެ.
މާލެ އައިސް އަފްޒަލް އޭނާގެ ހަޔާތާއި ބެހޭގޮތުން އިނގިރޭސިބަހުން ލިޔެފައިވާ އެވާހަކަ ފޭސްބުކްގައި ޝާއިއުކުރިއެވެ. ތިބާ ތިޔަ ކިޔަނީ އެވާހަކައެވެ. އެހެނީ މިއަދު އަފްޒަލު ދުނިޔޭގައި ނެތަސް އެވާހަކަ ދިރި ދުނިޔޭގައި އެބައޮތެވެ. ފަހުން އަންނާނޭ މީހުން ވިސްނައި ފިކުރުކުރުމަށެވެ.
***********
3 Responses
Varah furihama ????❤
ސަޅި ސްޓޯރީއެއް އަލީ ސުލައިމާން
vrh reethi, MaShaAllah/ mii real story eh tha??