ޤުރްއާނީ ގަވާއިދުތައް: 10 – މާތް ﷲ އަށް ލޯބިވެވޭނީ ރަސޫލާ صلى الله عليه وسلم އަށް ތަބަޢަވެގެންނެވެ

މާތް ﷲ وَحِي ކުރައްވާފައި ވެއެވެ.  ((إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي)) سورة آل عمران 31

މާނައީ “ ތިޔަބައިމީހުން ﷲ ދެކެ ލޯބިވާ ކަމުގައިވަނީނަމަ އަވަހަށް ތިމަންކަލޭގެފާނާ ތަބަޢަ ވާށެވެ! ”

 ދަންނައެވެ. މިއީ ކީރިތި ޤުރްއާން އެކަމަކަށްޓަކައި ބާވައިލެއްވި އެއް ސަބަބު ކަމުގައިވާ މާތް ﷲ މި އުއްމަތަށް ފޮނުއްވި މާތް ނަބިއްޔާ مُحَمَّدٌ صَلّى اللهُ عليهِ وَسَلَّمَ ގެ ރަސޫލުކަން ޘާބިތުކުރައްވައި، އެކަލޭގެފާނަށް ތަބަޢަވުމަކީ އިސްލާމުންގެ މައްޗަށް އޮތް ވާޖިބެއްކަމުގައި އެންގެވި އެންގެވުމުގެ މައްޗަށް ބިންވަޅުނެގިފައިއޮތް ޤަޥާޢިދެކެވެ. ފަހެ މިއާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ ((قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ )) މިހެންނެވެ.

 މާނައީ “ ކަލޭގެފާނުވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ ދެކެ ލޯބިވާ ކަމުގައިވަނީނަމަ ތިޔަބައިމީހުންނަށް އޮތީ ތިމަންކަލޭގެފާނާ ތަބަޢަވުމެވެ. އޭރުން ތިޔަބައިމީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވައި، ތިޔަބައިމީހުންގެ ފާފަތައް އެކަލާނގެ ފުއްސަވައިދެއްވާނެތެވެ.މާތް ﷲ އީ ގިނަގިނައިން ފުއްސަވާ، އޯގާވެރި ރަސްކަލާނގެއެވެ.“

ފަހެ މާތް ﷲ މި އާޔަތުގައި ބަޔާންކުރައްވާފައިވާ މި ޤަވާޢިދަކީ އިސްލާމްދީނުގެ މައި އަސާސެވެ. މި އާޔަތާ މެދު އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް އެކަނި އިނދެ ފިކުރު ކޮށްލުން ވާޖިބުވެގެންވެއެވެ. އަޅުގަނޑުމެންތެރެއިން ކޮންމެ މީހަކީވެސް އަޅުގަނޑުމެން ހެއްދެވި ޚާލިޤުވަންތަ މާތް ﷲ އަށް ލޯބިވާން ބޭނުން މީހުންނީމުއެވެ. ﷲ އަށް ލޯބިވާ ކަމުގެ ދަޢުވާ ވެސް އަޅުގަނޑުމެން އެބަ ކުރަމުއެވެ. ﷲ އަށް ލޯބިވަމޭ ބުނެ އެކަމަށް ދުލުން އިޤްރާރުވެ، އިޢުތިރާފްވެސް ވަމުން އެބަ ދަމު ނޫންތޯއެވެ. އެހެންކަމަކަށް ވީއިރު އަޅުގަނޑުމެން އެފަރާތެއް ދެކެ ލޯބިވާ ކަމަށް ބުނެ ނިސްބަތްކުރާފަރާތުން މިވަނީ އެކަލާނގެއަށް ލޯބިވާމީހުންގެ ފާހަގަ އެކަލާނގެ ފޮތުގައި މުޅި އުއްމަތައް ބަޔާންކޮށްދެއްވައި މާތް ނަބިއްޔާ ގެ ދޫފުޅުމަތީން އިޢުލާން ކުރައްވަވާފައެވެ. އާދެ! އެކަލާނގެއަށް ލޯބިވާކަމަށް ބުނާ މީހަކުނަމަ އޭނާއަށް އޮތް ގޮތަކީ ﷲ ފޮނުއްވާފައިވާ ރަސޫލާ مُحَمَّدٌ صَلّى اللهُ عليهِ وَسَلَّمَ  އާ އޭނާ ތަބާވުމެވެ. އަދި އޭނާގެ ލޯބީވާ މިންވަރު ވަޒަންކުރެވޭނެ ގޮތަކީ އޭނާ ރަސޫލާ مُحَمَّدٌ صَلّى اللهُ عليهِ وَسَلَّمَ އާ ތަބަޢަވަނީ ކިހާ މިންވަރަކަށްތޯ،އަދި ރަސޫލާ  صَلّى اللهُ عليهِ وَسَلَّمَ ގެ ސުންނަތަށް ލޯބިކޮށް؛ އެ ސުންނަތްތަކަށް ޢަމަލު ހިންގަނީ ކިހާ މިންވަރަކަށްކަން ފެންނާންއޮތް ގޮތެވެ. މާތް ﷲ އަށް ލޯބިވާން ބޭނުން މީހަކަށް މިނޫން އެހެން އެއްވެސް ގޮތެއް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައެއް ނުވެސް ނެތެވެ. އެހެންކަމުން މާތް ﷲ އަށް ލޯބިވާ މީހަކުނަމަ އަވަހަށް ރަސޫލާ مُحَمَّدٌ صَلّى اللهُ عليهِ وَسَلَّمَ  އަށް ކިޔަމަންތެރިވެ، އެކަލޭގެފާނުގެ ސީރަތާއި ގޮތްކޮޅު ގެ މައްޗަށް ޢަމަލުތައް ބައްޓަންކުރަންވީއެވެ. އެނޫން ގޮތަކަށް ކިތަންމެ ރަނގަޅަށޭ މިއުޅެވެނީ ހީކޮށްގެން ކުރާ ޢަމަލަކީ ﷲ ލޯބިވޮޑިގަންނަވާ ޢަމަލެއްކަމުގައި އުއްމީދުވެސް ކުރާނެކަމެއް ނެތެވެ. އެގޮތަކަށް އެކަން ވާކަށް އަމްދުން ނުވެސް ނެތެވެ. އެހެންކަމުން މިއީ ހެޔޮ މަގު ހޯދައި، ހެޔޮ ގޮތުގައި މަރުވެދާން އެދޭ މީހަކަށް ވަރަށް ސީރިޔަސް އަދި އެހާމެ ނާޒުކު މައްސަލައެއްނޫންތޯއެވެ؟

  ނިކަން ވިސްނަވާ ބައްލަވާށެވެ! ތިބާގެ ޢަމަލުތަކަކީ މާތް ﷲ ފޮނުއްވި ރަސޫލާ ގެ ސުންނަތާ ޚިލާފަށް ކުރެވޭ ޢަމަލުތަކަކަށްވާނަމަ ހަމަ ޔަޤީނުންވެސް މާތް ﷲ ތިބާދެކެ ލޯބިވެ ވޮޑިގަންނަވާނެގޮތެއް ނެތެވެ. އަދި ފާފަ އެއްވެސް ފުއްސެވޭނޭ ގޮތެއް ނެތެވެ. ވީމާ އަވަސްވާންވީ އަޅުގަނޑުމެންގެ އަމިއްލަ ނިޔަތާއި، މަޤްޞަދުތަކާއި، އަދި އެންމެހާ ޢަމަލުތަކެއްވެސް މާތް ނަބިއްޔާ مُحَمَّدٌ صَلّى اللهُ عليهِ وَسَلَّمَ  ގެންނެވި ގޮތްކޮޅާ ދިމާވޭތޯ ބަލައި، ނަފްސުމުރާޖިޢާ ކުރުމަށެވެ. އެގޮތަށް ދިމާވާނަމަ ތިބާޔަކީ ޝައްކެއްނެތްގޮތުގައި؛ ﷲ ދެކެ ލޯބިވާ މީހުންގެ ޖަމާޢަތުގައި ލިޔެވޭނޭ މީހެއްކަން ކީރިތި ޤުރްއާނުން މިއޮތީ ސާފުކޮށް އެނގޭށެވެ. ނަމަވެސް ތިބާގެ ޢަމަލުތަކަކީ އެކަލޭގެފާނުންގެ ސުންނަތާ ދިމާނުވާ ޢަމަލުތަކެއްނަމަ އަދި ކިއެއްތަ ދިމާއިދިކޮޅު ޢަމަލުތަކެއްނަމަ ހަނދާންކުރާށެވެ! ތިބާއީ ﷲ ދެކެ ލޯބިވާ މީހެއްކަމުގައި ނުވާނެކަން ޚުދު އެކަލާނގެ ފޮތުގައި އެވަނީ އިޢުލާންކުރައްވާފައެވެ. ވީމާ މަގު އިޚްތިޔާރު ކުރުން ތިޔަ އޮތީ ތިބާގެ އަތް މަތީގައެވެ. ﷲ އަށް ލޯބިވާ މީހުންގެ މަގު އިޚްތިޔާރު ކުރާނަމަ ތިބާ ރަސޫލާ مُحَمَّدٌ  صَلّى اللهُ عليهِ وَسَلَّمَ އާ ފުރިހަމައަށް ތަބާވާށެވެ! ނަމަނަމަ އެކަލޭގެފާނުގެ ސުންނަތަކަށް ނުރުހުންތެރިކަން ފާޅުނުކުރާށެވެ!  މާތް ﷲ ވަޙީ ކުރައްވާފައިވަނީ ((قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ ))  މާނައީ “ ކަލޭގެފާނުވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ ދެކެ ލޯބިވާ ކަމުގައިވަނީނަމަ ތިޔަބައިމީހުންނަށް އޮތީ ތިމަންކަލޭގެފާނާ ތަބަޢަވުމެވެ.(އެނޫން ގޮތެއް ނޫނެވެ) އޭރުން ތިޔަބައިމީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވާނެތެވެ. އަދި ތިޔަބައިމީހުންގެ ފާފަތައްވެސް އެކަލާނގެ ފުއްސަވައިދެއްވާނެތެވެ. މާތް ﷲ އީ ގިނަގިނައިން ފުއްސަވާދެއްވައި، އޯގާވަންތަވެރި ރަސްކަލާނގެއެވެ.“

11 رمضان 1437هـ  –   16 ޖޫން 2016

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *