ތެލަސީމިއާ ސެންޓަރުގެ ވޯޑުގެ އެނދުތަށް ފުރިފައިވަނީ ލޭއަޅާކުދިންނާއި ގެންނެވެ. ކޮންމެ އެނދެއްގައިވެސް ކުއްޖަކު އޮތް އިރު އެއިން ކޮންމެ ކުއްޖަކަށްވެސް ވަނީ ނިދިފައެވެ. އެކުދީންގެ ތެރޭގައި ތިބީ އެކި އުމުރުގެ ކުދިންނެވެ. ބޮޑެތި ކުދިންގެ ގާތުގައި މީހަކު ނެތަސް ކުޑަކުދިން ތިބި އެނދުތަކުގެ ކައިރީގައި ބޮޑެތި މީހުން ތިއްބެވެ. އެއީ އެކުދިންގެ ބަލަދުވެރީންނެވެ. މައިން ބަފައިންނެވެ. އޭގެ ތެރެއިން އެކަކީ، ޒަމީރާއެވެ.
ޒަމީރާވެސް އިނީ ވަރުބަލިވެ ނިދިޖެހޭ ގޮތް ވެފައެވެ. ހަޔާތުގެ މިބުރަތަކާއި އެކު ވަރުބަލި ވެފައެވެ. ނިދާލަން ބޭނުން ވެފައެވެ. ދިރިއުޅުމުގައި އޭނާއަށް އެޅުނީ ކަތިފިޔަވަޅެކެވެ. މިއަދު ކޮންމެ ދުވަހަކީވެސް ހިތާމައިގެ ދުވަހެކެވެ. ވޭނުގެ ދުވަހެކެވެ. ހިންދަމާލާނޭ ވަގުތެއް އޭނާއަކަށް ނުލިބެއެވެ. އެހީވާނޭ ފިރިއަކު ނެތި އެކަނިމާއެކަނި ކުޑަކުއްޖަކު ގޮވައިގެން ދިރިއުޅުމަކީ ބުރަ ކަމެކެވެ. އަދި އަމުދުން ލޭ އަޅާކުއްޖަކު ގޮވައިގެން އުޅުމަކީ އެއަށްވުރެ މާބުރަކަމެކެވެ. އެކަން އެނގޭނީ އެކަން ތަހައްމަލު ކުރި މީހަކަށެވެ.
ޒަމީރާގެ ލޮލުން ނިދިފިލައިގެން ދިޔައީ އޭނާގެ އެކުވެރި ސުހާނާ އައިސް ވޯޑަށް ވަނުމުންނެވެ. ޒަމީރާގެ މޫނުން އުފާވެރިކަމާއި އުއްމީދުގެ ކުލަ ފާޅުވިއެވެ. އޭނާ ހިނިތުންވެލީ ސުހާނާ ގެނެސްދޭނީ އުފާވެރި ޚަބަރެއްކަން އެނގޭތީއެވެ. ޒަމީރާ ނިތް އަރުވާލީ އޭނާގެ ސުވާލުގެ ޖަވާބު ހޯދާށެވެ.
ސުހާނާޖެހީ އިސްދަށަށެވެ. އޭނާ ބަލާލީ ދުރަށެވެ. އޭނާގެ އެހަރަކާތުން ޒަމީރާގެ ހިތަށް ވެރިވީ މޮޅިވެރިކަމެވެ.
“ އާސިފް ބުނީ ނޫނެކޭ “ ޒަމީރާގެ މޫނަށް ބަލާލަމުން ސުހާނާ ބުނީ އެހެންނެވެ. އެއާއި އެކު ޒަމީރާގެ ލޮލުން ފާއްދާލީ ކަރުނައެވެ. އޭނާ ހިންދިރުވާލީ ހިތްދަތި ގޮތަކަށެވެ. ހަޔާތުގެ އެންމެ ފަހުގެ އުންމީދުވެސް ގެއްލުނީ ކަހަލައެވެ. ޒަމީރާ އިތުރު އެއްޗެކޭ ނުބުންޏެވެ. ސުހާނާވެސް އިރުކޮޅަކު އިނދެފައި ދިޔައީ ބޭރަށެވެ. ހީވަނީ ދައްކާނެ ވާހަކަ ނެތީ ހެންނެވެ.
ޒަމީރާ މޫނުގައި އެޅީ އަތެވެ. އޭނާއަށް ގިސްލެވެން ފެށުނެވެ. ހަޔާތުގައި ދެން އެހީތެރިކަމެއް ލިބޭނީ އޭނާގެ ފުށުން ކަމުގައި ޒަމީރާއަށް އުންމީދު ކުރެވުނެވެ. އޭނާއަށް ރޮވުނީ އެހެންވެއެވެ. އެއްވެސް އިރަކު ޒަމީރާ އާސިފްދެކެ ލޯތްބެއް ނުވެއެވެ. އެކަމަކު އާސިފް ޒަމީރާ ދެކެ ނުހަނު ލޯބިވިއެވެ. ފަހަތުން ނުނައްޓައި އުޅުނެވެ. ޒަމީރާ އާއި ޝަމީމް އިންނަންދެކަށެވެ. އެކައިވެނި ނުކުރުމަށް އެދިވެސް ޒަމީރާ ގާތު އެތައް އާދޭހެއް އާސިފް ކުރިއެވެ. ލޯތްބަކީ ލޯކަނު އެއްޗެކޭ މީހުން ބުނަނީ އެހެންވެއެވެ. މިއަދު މިހުރިހާ ހިތާމައެއް ޒަމީރާ އުފުލަން ޖެހުނީ ޒަމީރާގެ އަމިއްލަ ނިންމުމުގެ ސަބަބުންނެވެ. ޒަމީރާ ހީކުރީ ލޯތްބަކީ ހުރިހާ ކަމެއްގެ ހައްލު ކަމަށެވެ. ދިރިއުޅުމުގެ ހުރިހާ ހަނގުރާމައެއް ލޯބީގެ ބާރުގައި ކާމިޔާބު ވާނެ ކަމަށެވެ.
ޒަމީރާ ލޯބިވީ ޝަމީމް ދެކެއެވެ. ޝަމީމްވެސް ޒަމީރާދެކެ އިންތިހާއަށް ލޯބިވިއެވެ. އެދެމީހުން ކައިވެނި ކުރީވެސް ނުހަނު ލޯބިންނެވެ. އެކަމަކު އެއީ އާއިލާ އާއި ދެކޮޅަށް އެމީހުން ކުރިކައިވެންޏެކެވެ. އާއިލާއިން ނުގަބޫލުވީ ޝަމީމު ގޯސް ވެގެނެއް ނޫނެވެ. އެދެމީހުންނަކީ ތެލަސީމިއާ ދެކެރިއަރުންނަށް ވީމައެވެ. އެކަން އެނގުމުން ޝަމީމުވެސް ބޭނުންވީ ވަކިވާށެވެ. އެކަމަކު އެގޮތް ބޭނުން ނުވީ، ޒަމީރާއެވެ. މިޒަމާނުގައި ތެލަސީމިއާ ދެކެރިއަރުން ކައިވެނި ކުރުމަކީ މައްސަލައެއް ނޫންކަމަށް އޭނާ ދެކޭތީއެވެ. ދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ކުރިން އެއީ ކޮންކަހަލަ ކުއްޖެއްތޯ ބަލައިޓެސްޓް ކުރެވޭތީއެވެ. އޭގެ އިތުރަށް ސަރުކާރުންވެސް ލޭ އަޅާކުދިންނަށް ޚާއްސަ އިނާޔަތްތަކާއި އެހީތެރިކަން ފޯރުކޮށްދޭތީއެވެ.
އެނދުގައި އޮތް ކުޑަ ދަރިފުޅުގެ ނިތްކުރީގައި ޒަމީރާ ފިރުމާލިއެވެ. އެދަރިފުޅުގެ ގައިގައި އަޅާވޭނާއި އުޅޭ ހާލަށް މިއަދު އޭނާއަށް ކެތްވަނީއެއް ނޫނެވެ. ފަސް އަހަރުގެ އެކުޑަކުއްޖާގެ ގަޔަށް މަހަކު އެއްފަހަރު ލޭއަޅަންޖެހޭއިރު، ލޭހޯދުމަކީ ދަތިކަމަކަށް ނުވިޔަސް ކޮންމެ ކޮންމެ މީހެއްގެ ލޭ އެޅުމަކީ ބިރުގަންނަ ކަމަކަށްވާތީއެވެ. ޑެސްފަރޯލާއި އެކު އެތައް ވަގުތެއް އެދަރިފުޅު ހޭދަކުރާ ހިތްދަތި ގޮތުންނެވެ. އެހެން ކަމުން ދަރިފުޅުގެ ރުއިމާ ގިސްލުމަށް އޭނާއަށް މިއަދަކު ކެތެއް ނުވެއެވެ.
ޒަމީރާއަށް ކުއްވެރި ކުރެވެނީ އޭނާގެ އަމިއްލަ ނަފުސެވެ. އެދުވަހު ޝަމީމުވެސް ޒަމީރާއަށް ވިސްނައިދިނެވެ. އެކަމަކު ޒަމީރާ ގޮތްދޫ ނުކުރީމާ ޝަމީމު ހަތިޔާރު ބެހެއްޓީއެވެ. އެކަމަކު އަމިއްލަ އުފަލަށްޓަކައި ޒަމީރާ ޤުރުބާން ކުރީ އޭނާގެ ދަރިފުޅުގެ މުސްތަޤުބަލެވެ. ވޭނާއި ތަދާއި އެކު ދިރިއުޅެން އެދަރިފުޅު މިދުނިޔެއަށް ގެނައީ ޒަމީރާއެވެ. ތެލަސީމިއާ ދެކެރިއަރުން ކައިވެނިކުރުން އެއީ ދަރިންނަށް ހެޔޮއެދޭނަމަ ކުރަން ނުވާނެ ކަމެއްކަން އޭނާއަށް ވިސްނުނީ މިއަދު އެވެ. ވޭނާއި ތަދާއި ހިތާމައިގައި ތިމާގެ ދަރިފުޅު ދުނިޔޭގައި އުޅޭތަން ދެކޭކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ.
ޝަމީމާއި ޒަމީރާގެ ކައިވެނީގެ ފުރަތަމަ ދުވަސްކޮޅަކީ، ޒަމީރާ އުންމީދު ކުރިވަރަށް ވުރެވެސް އުފާވެރި ދުވަސްކޮޅެކެވެ. ދެމީހުން އެކުގައި ހޭދަކުރި އުފާވެރިވަގުތު ތަކަކީ، ޒަމީރާގެ އެކަނިވެރި ދިރިއުޅުމުގެ މިއަދުގެ ފަރުވާއެވެ. އޭނާ އަށް ކުޑަނަމަވެސް އުފަލެއް ލިބެނީ އެހަނދާންތަކުންނެވެ.
އަހަރެއްހާ ދުވަހު އެކު އުޅުނު އުފާވެރި ދިރިއުޅުމަށް ފަހު ޝަމީމް ވަކިވެގެން ދިޔައީ އެވެ. ހީވެސް ނުކުރާހައި ކުއްލި ގޮތަކަށެވެ. އަބަދުގެ އަބަދަށެވެ. އެދުވަހަކީ، ޒަމީރާގެ ހަޔާތުގެ އެންމެ ހިތާމަވެރި ދުވަހެވެ.
ވައިގަދަ ވިއްސާރަ ދުވަހެއްގައި ޝަމީމު އޮފީސް ނިމިގެން ގެއަށް އައި މަގުމަތީގައި މަޖީދީމަގުން ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވަޔާއެކު ވެއްޓުނީ ރާނަމުން ދިޔަ އެޅިގަލުގެ ފާރެއްގެ ގާތަކެވެ. މަގުން ދަތުރު ކުރި މީހުންގެ ތެރެއިން ބަދުނަސީބު މީހަކަށްވީ ޝަމީމެވެ. 10 ވަނަ ބުރިން މަގަށް ވެއްޓުނު ފާރުގެ ގާތަކުން ގަލެއް ޖެހުނީ ޝަމީމުގެ ބޮލުގައެވެ. ޝަމީމު ނިޔާވީ އެލިބުނު އަނިޔާއަށް ފަރުވާދެމުން ދަނިކޮށް އެރޭގައެވެ.
އެހާދިސާގެ ސަބަބުން ޒަމީރާ މޮޔަނުވީ ކިރިޔާއެވެ. ދިރިހުންނާނެ ހިއްވަރެއް އޭނާއަށް ލިބުނީ ޝަމީމު ނިޔާވިތާ ހަފްތާއެއް ފަހުން އޭނާ ބަލިވެ އިންކަން އެނގުމުންނެވެ. މައިންބަފައިންނާއި އާއިލާގެ އެހެން މީހުންވެސް ބޭނުންވީ ޒަމީރާގެ ބަނޑުގައިވާ ދަރިފުޅަކީ ތެލަސީމިއާ ކުއްޖެއްތޯ ޓެސްޓް ކުރާށެވެ. އެކަމަކު އެކަން ކުރަން ޒަމީރާ ބޭނުން ނުވީއެވެ. ތެލަސީމިއާ ކުއްޖަކަށް ވެއްޖެނަމަ އެބޯޝަންހެދުމަށް އާއިލާގެ މީހުން ބާރު އަޅާނެކަން އެނގޭތީއެވެ. ޝަމީމުގެ ދިރިހުރި ނިޝާނެއްގެ ގޮތުގައި އެދަރިފުޅު ދުނިޔެއަށް އުފަން ކުރުމަށް އޭނާ ބޭނުންވީއެވެ. އެކަމަށްޓަކައި ކޮންމެފަދަ ޤުރުބާނެއްވާންވެސް އޭނާ ހުރީ ތައްޔާރަށެވެ.
ޒަމީރާ ހިތާހިތުން ދުޢާކުރަމުން ދިޔައީ ދަރިފުޅަކީ ނޯމަލް ކުއްޖަކަށްވުން އެދިގެންނެވެ. އެހެންނަމަވެސް ތަޤުދީރު އޭނާ އާއި އެހީ ނުވީއެވެ. ދަރިފުޅު ދުނިޔެއަށް އުފަންވިއިރުވެސް އެއީ ލޭއަޅާކުއްޖެއްކަން ޑޮކްޓަރުންނަށް އެނގިއްޖެއެވެ. ޒަމީރާއަށްވެސް މެއެވެ. އެކަމަކު ދަރިފުޅު ދުނިޔެއަށް އުފަންވި ވަގުތުން ފެށިގެން ޒަމީރާ އަޒުމެއް ކަނޑައެޅިއެވެ. އެދަރިފުޅަށްޓަކައި އޭނާގެ ހަޔާތުގެ ހުރިހާ ވަގުތެއް ހުސްކުރާށެވެ. އެދަރިފުޅަށް ކަމެއް އުނިވިޔަ ނުދޭށެވެ. އެކަމަކު އެއީ އޭނާއަށް އެކަނި ފަތަހަ ހޯދޭނެ ހަނގުރާމައެއް ނޫންކަން ޒަމީރާއަށް ވިސްނެނީ މިއަދުއެވެ.
ދަރިފުޅުގެ މޫނުގައި ޒަމީރާ ދޮނެއް ދިނެވެ. އަދި ދެލޯފޮހެލިއެވެ. އެމޫނު ކިހާ މައުސޫމު ހެއްޔެވެ؟ ކިހާ ލޯބިހެއްޔެވެ؟ އެކަމަކު އެތުއްތު ދަރިފުޅު އެއުފުލަނީ ހާދަވޭނެކެވެ. ހާދަ ތަދެކެވެ. އޭނާ ހާދަ ޝަކުވާއެއް ކުރެއެވެ. ސްކޫލަށް ނުދެވޭ ދުވަސް އަންނާތީއެވެ. ޑެސްފަރޯލް ޕަންޕާއި އެކު އުޅެންޖެހޭތީއެވެ. އޭނާ އަންނަން ބޭނުން ނުވާތަނަކީ ތެލަސީމިއާ ސެންޓަރެވެ. ކޮންމެ މަހަކު އޭނާ މިތަނަށް ގެންނަން ޖެހެނީ ރޮއްވާލައިގެންނެވެ. ލޭއަޅައި ނިމެންދެން ގިނަވަގުތު އޭނާ ބާއްވަންޖެހެނީ ނިންދަވާފައެވެ.
ޒަމީރާއަށް، ދަރިފުޅަށް ދޭން އެންމެ އުނދަގޫ ޖަވާބަކީ، ބައްޕަ ކޮބައިތޯ ދަރިފުޅު ކުރާ ސުވާލަށް ދޭންޖެހޭ ޖަވާބެވެ. އެހެންކުދީން ބަލައި ސްކޫލު ދޮށަށް އެކުދިންގެ ބައްޕަ ސައިކަލުގައި އަންނަ އިރު އޭނާ ބަލައި ނާންނަނީ ކީއްވެތޯ އަހައެވެ. ބައެއް ދުވަސް ދުވަހު ގެއަށް ނުދާން ބޮޑާވެސް ހާކައެވެ. އަނެއްބައި ދުވަސް ދުވަހު ސައިކަލުގައި ދަރިފުޅު ގޮވައިގެންދާ ބައެއް މީހުން ދައްކާފައި އެއީ ބައްޕަ ހޭ ވެސް އަހައެވެ. އެއިން ކޮންމެ ވަގުތަކީވެސް ޒަމީރާއަށް ނުހަނު ހިތާމަ ލިބޭ ވަގުތެކެވެ.
ސުހާނާ މެދުވެރިކޮށް އާސިފު ގާތުގައި ޒަމީރާ އެހީ އާސިފު އޭނާއާއި އިނދެފާނެ ތޯއެވެ. ދެއަނތްބަށް ނަމަވެސް ޒަމީރާ އާސިފް އާއި އިންނަން ބޭނުންވީ، އޭނާގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި އާސިފްގެ ފުށުން ލިބޭނެ ކަމުގައި އުންމީދު ކުރެވޭތީއެވެ. އެކަމަކު އާސިފް ނޫނެކޭ ބުނުމުން ޒަމީރާއަށް އެވީގޮތް އެނގުނެވެ. ޒަމީރާ އާއި ގުޅިގެން އުފަލެއް ނެތްކަން އާސިފްއަށް ވިސްނެނީއެވެ. އެއީ ޒަމީރާ އުންމީދު ކުރިގޮތް ނޫނަސް އެކަން ވާނެގޮތްކަން އޭނާވެސް ޤަބޫލު ކުރެއެވެ. ވިސްނޭ މީހަކު އެނގިއެނގި ހުރެ އަނދަވަޅަކަށް ފުންމައެއް ނުލާނެއެވެ. ލޯބި ވުމަށްވެސް ސަބަބެއް އޮވެއެވެ. ލޯބި ދެމިއޮންނާނީވެސް އެސަބަބެއް ދެމި އޮތްހާ ދުވަހަކަށެވެ. އެހެންވީމާ، އާސިފްވެސް ޒަމީރާދެކެ ލޯބިވީ ސަބަބު މިއަދު ނެތީއެވެ. ލޭއަޅާ ކުއްޖެއްގެ ބުރަ އުފުލާ މަޔަކާއި އެކު އެބުރައުފުލަން މިޒަމާނުގައި އެއްވެސް ފިރިހެނަކު ބޭނުމެއް ނުވާނެތާއެވެ. އޭނާއަށް ބޭނުންވާ ވަގުތު ޒަމީރާއަށް ނުދެވޭނެކަންވެސް ވިސްނޭނެތާއެވެ. އާސިފް ނޫނެކޭ ބުނި ސަބަބަކީ އެއީކަމުގައި ޒަމީރާއަށް ވިސްނުނެވެ.
ނިދިޖެހިލުމާއި އެކު ޒަމީރާއަށް ފެނުނީ ފިރިމީހާ ޝަމީމެވެ. ދަރިފުޅުގެ ބޯލާކޮޅުގައި އިށީނދެ ދަރިފުޅުގެ ބޮލުގައި ފިރުމާލަ ފިރުމާލައި އޭނާ އިނީތީއެވެ. ޝަމީމުގެ މޫނުން ޒަމީރާއަށް ފެނުނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމާއި އުޖާލާކަމެވެ. ޝަމީމު ޒަމީރާއަށް ހީލީ މާނަވީ ހިނިތުންވުމެކެވެ. އެއަށްފަހު އެއްޗެކޭ ނުބުނެ ދަރިފުޅު ކޮނޑަށް ލައިގެން ހިނގައިގަތީއެވެ.
ޒަމީރާއަށް ފުންމައިގެން ތެދުވެވުނީ ނިދީގެ ތެރެއިންނެވެ. ފެނުނު ހުވަފެނުގެ ސަބަބުންނެވެ. އޭނާ ދަރިފުޅުގެ ގައިމައްޗަށް ވެއްޓިގަތީ މީހަކުއެދަރިފުޅު ނަގައިގެން ގެންދަނީކަމަށް ހީކޮށެވެ. ޒަމީރާއަށް ހަމަވިސްނުމާއި ހަމައަށް އާދެވުނީވެސް އިރުކޮޅަކުންނެވެ. ނަރުހަކު އައިސް ކިހިނެއްވީހޭ އެހުމުންނެވެ. ދަރިފުޅު އޮތީ ހުންއައިސްފައިކަން ޒަމީރާއަށް އެނގުނީ އެހިސާބުންނެވެ.
އިރުކޮޅަކުން ޑޮކްޓަރު އަތުވެއްޖެއެވެ. ހުންގަދަ ކަމުންނާއި އެކަށީގެންވާ މިންވަރަށް ލޭއެޅިފައިވާތީ، އޭއެޅުން ހުއްޓާލައިފިއެވެ. ޑޮކްޓަރުން ބޭސްދިން ނަމަވެސް ހުން ނިވާނުލައި އިތުރަށް ހުންގަދަވާންފެށުމުން ހޮސްޕިޓަލަށް ޒަމީރާގެ ދަރިފުޅު ބަދަލުކުރަން ޑޮކްޓަރުން ލަފާދިނެވެ.
އިރުނާރަނީސް ޒަމީރާގެ ދަރިފުޅު އޭޑީކޭއަށް ބަދަލުކޮށްފިއެވެ. ފުރަތަމަވެސް ދަރިފުޅު އެޑްމިޓްކުރީ ކުޑަކުދިންގެ އައިސީޔޫގައެވެ. އާދަޔާއި ޚިލާފަށް ހުންގަދަ ކަމުންނެވެ. ހުންތިރި ކުރުމަށް ސަޕޯސްޓްރީ ޖަހައިގެންނާއި ފެނުން މާލީސްކޮށްގެންނާއި އައިވީ ފުލުއިޑްދީގެން ކުރެވޭނެ ހުރިހާކަމެއް ޑޮކްޓަރުން ކުރަމުން ދިޔައެވެ. ޑޮކްޓަރުންނާއި ނަރުހުންވެސް އެންމެ ބޮޑަށްބެލީ އެކުޑަކުއްޖާއަށް ފިޓުޖެހުމުގެ ފުރުޞަތު އޮތުމާއި އެކު އެކަމުން ސަލާމަތްވޭތޯއެވެ.
ޒަމީރާގެ މައިންބަފައިންނާއި ގޭގެ އެހެން މީހުންނާއި ރައްޓެހީންވެސް ޚަބަރު އަހައިގެން އިރު އެރުމާއި އެކު ހޮސްޕިޓަލަށް އަތުވެއްޖެއެވެ. އެކަކަށްވެސް ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. އައިސީޔޫގެ ދޮރުމަތީގައި ހިގާލަ ހިނގާލާ ތިބުން ފިޔަވައެވެ.
ޒަމީރާ ހޮސްޕިޓަލުގެ އައިސީޔޫ ކުރިމަތީގައި ހިނގާލަ ހިނގާލަ ހުއްޓައި އޭނާއަށް ލިބުނީ ފޯންކޯލެކެވެ. ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ސަރުކާރުގެ އެހީ އޭނާގެ ދަރިފުޅަށް ލިބިއްޖެކަމުގެ އުފާވެރި ޚަބަރެވެ. ޒަމީރާގެ ދައްތަގެ ކުއްޖަކާއި، ޒަމީރާގެ ދަރިފުޅާއި ކްރޮސް މެޗް ދިމާވި ދުވަހުންފެށިގެން ޒަމީރާ އެހީލިބޭތޯ ކެނޑިނޭޅި އައީ މަސައްކަތް ކުރަމުންނެވެ. އެންމެފަހުން އެމަސައްކަތް އޭނާއަށް ކާމިޔާބުވީއެވެ.
އުފަލުންވީ ހޭން ކަމެއް ނުވަތަ ރޯންވީ ކަމެއް ޒަމީރާއަކަށް ނޭނގުނެވެ. އޭނާއަށް ޙަމްދު އެޅުނީއެވެ. އެއުފާވެރި ޚަބަރު އަޑުއަހާފައި އާއިލާގެ ދެންތިބި މީހުންވެސް ޒަމީރާއަށް ދިނީ ހިއްވަރެވެ. ހިއްވަރު ކުރުމަށެވެ. އުންމީދު ކަނޑާ ނުލުމަށެވެ.
އައިސީޔޫ އިން ނުކުމެގެން އައި ޑރ ޒަމީރާއަށް ދިނީ އޭނާގެ ހިތްފަޅައިގެން ދިޔަ ޚަބަރެކެވެ. އޭނާގެ ދަރިފުޅަށް ފިޓްޖެހެން ފެށި ޚަބަރެވެ. ގާތްގާތުގައި ދެތިން ފަހަރު ފިޓް ޖެހިއްޖެ ކަމާއި ކުއްޖާ ސަލަމާތްވޭތޯ ކުރެވޭހާ މަސައްކަތެއް ކުރާ ވާހަކައެވެ. ”އަޅުގަނޑުމެންނަށް ފަރުވާދެވޭނީ އެވެ. ފުރާނައަކީ އަޅުގަނޑުމެންނަށް ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ.“ ޑޮކްޓަރުގެ ދުލުން ނުކުތް އެލަފުޒުތައް އަޑުއިވުމާއި އެކު ކޮރިޑޯގައި ހުރި ގޮނޑިބަރީގެ ތެރެއަށް ޒަމީރާ ވެއްޓިގަތީއެވެ. ރޮއެގަތީއެވެ. އުންމީދެއް ނެތޭ ސީދާ ނުބުންޏަސް އެބުނީ އުއްމީދެއް ނެތް ވާހަކަކަން ޒަމީރާއަށް ވިސްނުނީއެވެ.
އާސިފް އައިސް ހޮސްޕިޓަލަށް ވަނީ އެވަގުތުގައެވެ. އޭނާ އިށީނީ ޒަމީރާ ގާތުގައެވެ. އޭނާ އައީ އެޚަބަރު އަހައިގެންނެވެ. އެކަން އޭނާގެ މޫނުމަތިން އެނގެއެވެ. އާސިފް ޒަމީރާ ގާތަށް ލަފާލުމުން އާސިފްގެ ކޮނޑުގައި ޒަމީރާއަށް ބޯއަޅާލެވުނީ އިހުތިޔާރަކާއި ނުލައެވެ. މިވަގުތުގައި އޭނާއަށް އާސިފްގެ އެހީ ބޭނުންވާތީއެވެ.
އާސިފް ޒަމީރާގެ ގާތުގައި މަޢާފަށް އެދުނެވެ. އަދި ސުހާނާ ގާތުގައި ނޫނެކޭ ބުނީ ސީދާ ޒަމީރާ އާއި ބައްދަލުކޮށް އާނއެކޭ ބުނަން ކަމުގައި ބުންޏެވެ. އަދި އަބަދުވެސް ޒަމީރާދެކެ ލޯބިވާކަމަށާއި އޭނާ ނޫން އެހެން މީހަކާއި ނުއިންނާނެ ކަމުގައި ބުންޏެވެ. އަދި އާސިފް މީހަކާއި ރައްޓެހިވެގެން ނޫޅޭ ކަމަށާއި އޭނާ އާއި އެކު އުޅޭ ކުދީންނަކީ ހަމައެކަނި ރައްޓެހީން ކަމުގައި ބުންޏެވެ.
އާސިފްވެސް އައިގޮތަށް އެތަނަކުން ނުދެއެވެ. ޒަމީރާއަށް ހިއްވަރުދީ އޭނާއަށް ކާއެއްޗެހި ގެނެސްދީ ހަދަން ހޮސްޕިޓަލުގެ ތެރޭގައި އިނީއެވެ. އައިސީޔޫގެ ދޮރުމަތިން ހިނދުކޮޅަކަށްވެސް ދުރަށްޖެހިލާން ޒަމީރާ ބޭނުން ނުވާތީއެވެ.
އެރޭގެ މެންދަމު ޒަމީރާ އާއި ޝަމީމުގެ ލޯބީގެ ހުޅުކޮޅު ނިވުނީއެވެ. އެތުއްތު ދަރިފުޅު ހުންގަދަވެ ހޭނާރާ އޮވެ ނިޔާވީއެވެ. ޒަމީރާގެ ދަރިފުޅަށް ދިމާވީ ކޮންކަހަލަ ހާލަތެއް ކަމެއް ޑޮކްޓަރުންނަކަށް ނޭނގުނެވެ. އިތުރުތަހުލީލު ކުރުމަށް ޑޮކްޓަރުން ލަފާދިނެވެ. ނަމަވެސް އެމައުސޫމު ހަށިގަނޑުން ފުރާނަ ވަކިވެ ދިޔުމުން ދެ ހަށިގަނޑުގައި އެންމެ ކޫރުމެއްވެސް އެޅެން ޒަމީރާ ބޭނުމެއް ނުވިއެވެ. އޭގައި އެހެން ސަބަބެއްވެސް އޮތެވެ. އެއިން އެއްވެސް ކަމަކުން ވަކިވެގެން ދިޔަ ދަރިފުޅު އަނބުރާ ނާންނާނެ ތީއެވެ.
ދަރިފުޅު ނިޔާވުމުން ޒަމީރާ ރުއިން ހުއްޓާލީއެވެ. އެހެނީ އެދަރިފުޅުގެ ކުރު އުމުރުގައި ހޭދަކުރި ވޭނީ ހިތްދަތި ދިރިއުޅުމަށްޓަކައި އޭނާ އެތައް ކަރުނައެއް އެޅިއެވެ. މިއަދު ދެން އެދަރިފުޅު އަބަދުގެ އަބަދަށް އަރާމާއި ނިޢުމަތަށް ދަތުރު ކުރުމުން އޭނާ ރޯންވީ ކޮންކަމަކާއި ތޯ އަމިއްލަ ނަފުސުވެސް އޭނާއަށް ވިސްނައިދިނީއެވެ. ކޮންމެ ކަމެއްވެސް ﷲ ތަބާރަކަ ވަތަޢާލާ ނިންމަވަނީ އެކަމުގައި އޮތް އެންމެ ރަނގަޅުގޮތަށް ކަމުގައި ޤަބޫލުކޮށް މިންވަރުފުޅަށް ރުހުނީއެވެ.
ޖެހިގެން އައި ހަފްތާގައި އާސިފް ޒަމީރާ އާއި ކައިވެނިވެސް ކޮށްފިއެވެ. ދަރިފުޅުގެ ހަނދާންތަކުގައި ނަފްސާނީ ގޮތުން ޒަމީރާއަށް ގެއްލުންތަކެއް ލިބިދާނެހެން ހީވާތީ އެހިތާމަތައް އޭނާއަށް ލުއިކޮށްދިނުމަށެވެ. އުފާވެރި ދިރިއުޅުމެއް އަލުން އާބާދުކޮށްދިނުމަށެވެ. އެކަމަކު ވަކިވެ ދިޔަޔަސް ދަރިފުޅާއި ފިރިމީހާގެ މަތީން ޒަމީރާ އަބަދަށްވެސް ހަނދާންކުރާނެކަން އާސިފްވެސް ޤަބޫލު ކުރެއެވެ. އެހެނީ އެއީ ވަކިވެ ދިޔަޔަސް ވަކިވެވޭނޭ ހަނދާންތަކެއް ނޫނެވެ.
**********
One Response
varah habeys